Monday, September 03, 2007

ވޯޓު އޮޅުވާލީމާ ޖެހޭނީ މުޒާހިރާ ކުރަން

އޮގަސްޓް 18 ވަނަ ދުވަހު ރާއްޖޭގައި ނެގި އާންމު ފެންނަ ނުފެންނަ ވޯޓުގައި ސަރުކާރުން މަކަރު ހަދައި އޮޅުވާލާފައިވާ ކަމަށް ގަބޫލުކުރެވޭ ކިތަންމެ ސަބަބެއް އެބަހުއްޓެވެ. އިދިކީލި ގްރޫޕްގެ ފަރާތުން މަސައްކަތް ކުރަމުން އައީ ރާއްޖެއަށް ތިންބާރު ވަކިވެފައިވާ ރިޔާސީ ނިޒާމެއް ގެނައުމަށެވެ. ނަމަވެސް އެމަގުސަދު ހާސިލުކުރަން ބޭނުންވީ އޮޅުވާލާފައިވާ ވޯޓަކުންނެއް ނޫނެވެ. ވޯޓު އޮޅުވާލުމަކީ ވަރަށް ބޮޑު ކުށެކެވެ. އެކަމުގައި ބައިވެރިވި ހުރިހާ ފަރާތްތައް އަދުލު އިންސާފުގެ ކުރިމައްޗަށް ގެންނަން ޖެހޭނެއެވެ. އަދި ވޯޓު އޮޅުވާލުމާއި ދެކޮޅަށް އެމްޑީޕީ އިން ކުރި މުޒާހިރާއަށް ތަރުހީބު ދެމެވެ. އަދި އިތުރު މުޒާހިރާ ވެސް ކުރާނެ ކަމަށް އުއްމީދު ކުރަމެވެ. އެމްޑީޕީ އިން އޮގަސްޓް 18 ވަނަ ދުވަހުގެ ކުރިން ކެމްޕޭން ކުރަމުން އައީ ވަރަށް ވެސް ހަޑި މުޑުދާރު ގޮތަކަށެވެ. އެއީ ރައްޔިތުންނަށް އޮޅުވާލާފައި ރިޔާސީ ނިޒާމާއި ބަރުލަމާނީ ނިޒާމު ކިޔާދެމުން ދިޔައީއެވެ. މިފަދަ އޮޅުވާލުންތައް އެހެން ބައެއް ސިޔާސީ ޕާޓީތަކުން ވެސް ބޭނުންކުރިއެވެ. އިދިކީލި އަކީ އެއްވެސް ސިޔާސީ ޕާޓީއެއްގެ މައުތު ޕީސް އެއް ނޫނެވެ. ސިޔާސީ ޕާޓީތަކުގެ ހަޑިމުޑުދާރު ކަންތައް ހާމަކުރަމުން ގެންދާނަމެވެ. އަދި ވަކިން ހާއްސަކޮށް ރައްޔިތުންނަށް އިސްލާހު ގެނެސްދިނުމުގެ ނަމުގައި އޮޅުވާލާ އޮޅުވާލުންތައް ހާމަކުރާނަމެވެ. އަހަރެމެންގެ ކުރިމަތީގައި ދެން އޮތީ ރިޔާސީ ނިޒާމެއްގެ އަސާސީ ސިފަތައް ގާނޫނު އަސާސީގައި ބަޔާންކުރޭތޯ ޔަގީން ކުރުމެވެ. ރާއްޖެއަށް ތިންބާރު ވަކިވެފައިވާ ނިޒާމެއް ގެނައުމުގެ މަސައްކަތް ނިމުނު ވޯޓާއި ހަމައިން ނިމުނީއަކީ ނޫނެވެ. އެމަސައްކަތް އަދި ކިރިޔާ ފެށުނީއެވެ. ރިޔާސީ ނިޒާމެއްގައި ރާއްޖޭގައި އޮންނަން ޖެހޭނެ ކަމަށް ފެންނަ އަސާސީ ސިފަތައް ވަރަށް އަވަހަށް ހާމަކުރާނަމެވެ. މިސިފަތައް ގާނޫނު އަސާސީގައި ބަޔާންކުރުވުމަށް ރައްޔިތުންގެ ހާއްސަ މަޖިލީހުގެ މެންބަރުންނަށް ޕްރެޝަރ ކުރުމުގައި ތިޔަ ފަރާތްތަކުގެ އެއްބާރުލުން ލިބޭނެ ކަމަށް އުއްމީދު ކުރަމެވެ.

ވޯޓު އޮޅުވާލާފައިވާ ކަމަށް އެމްޑީޕީ އިން ދައްކާ ހެކިތައް

No comments: