Tuesday, February 19, 2008

ސަންދާނު މައްސަލައިގައި ޖަލަށްލީ މީހުން ދޫކޮށްލީ ޑރ ހަސަނާއި ޑރ ޝަހީދު ބާ؟

މައުމޫނުގެ ހުދުމުހުތާރު ވެރިކަމާއި ދެކޮޅަށް މިހާތަނަށް އެންމެ ވަރުގަދަ ބަސްތަކެއް ބުނި އެއް ބަޔަކު ކަމުގައި ސަންދާނު ނޫސް ސިއްރުން ނެރުނު މީހުން ހިމެނޭނެއެވެ. އެމީހުން ހައްޔަރުކޮށް އޭގެ ތެރެއިން ތިން މީހަކު އުމުރަށް ޖަލަށް ލުމަށް ހުކުމް ކުރީ މިވެރިކަމުގެ އާރާއި ބާރު އެންމެ ވަރުގަދަ ދުވަސްވަރެއްގައި އެހެން މީހުންނަށް ފިލާވަޅެއް ދިނުމުގެ ގޮތުންނެވެ.

ފެބްރުއަރީ 15 ވަނަ ދުވަހު އެމްޑީޕީގެ ނައިބު ރައީސް އިބްރާހިމް ހުސެއިން ޒަކީ ބޭއްވި ނޫސް ކޮންފަރެންސެއްގައި ޑރ ހަސަން ސައީދު ރިޔާސީ ކެންޑިޑޭޓެއްގެ ގޮތުގައި ގަބޫލުކުރެވެން ނެތް ކަން ހާމަކުރަމުން ސަބަބެއް ކަމަށް ދައްކާފައިވަނީ ޑރ ހަސަން ސައީދަކީ މައުމޫނުގެ ހުދުމުހުތާރު ވެރިކަމުގެ ސަގާފަތުގައި ޖެހިފައިވާ މީހެއް ކަމަށެވެ. މިވާހަކައަށް ރައްދު ދިނުމުގެ ގޮތުން ޑރ ސައީދާއި އެކުގައި ނިއު މޯލްޑިވްސް މޫވްމެންޓްގައި މަސައްކަތް ކުރާ ކުރީގެ ފޮރިން މިނިސްޓަރު ޑރ ޝަހީދު ވަނީ ގިނަ އިންޓަވިއުތަކެއް ނޫސްތަކަށް ދީފައެވެ.

"ޑރ ހަސަން ސައީދު ކެބިނެޓުގައި މަސައްކަތް ކުރެއްވި ގޮތާއި އެހެން ވަޒީރުން މަސައްކަތް ކުރެއްވި ގޮތް ވަރަށް ކައިރިން ބަލަމުން ގެންދިޔަ މީހެއް އަޅުގަނޑަކީ. ޒަކީމެންގެ ޒަމާނުގައި ސަންދާނު އަހައްމައިދީ މެން ތިބެން ޖެހުނީ ޖަލުގައި. އެމީހުން ޖަލުން ނެރުނު މީހުން އަޅުގަނޑުމެން، ޑރ ހަސަން މެންނަކީ. ޒަކީއަކީ ރާއްޖޭގައި ސިޔާސީ ޕާޓީ އޮންނަން ބޭނުންނުވާ ކަމަށް ރައްޔިތުންގެ މަޖިލީހުގައި ވޯޓު ދެއްވި ބޭފުޅެއް. ޑރ ހަސަނަކީ ސިޔާސީ ޕާޓީތަކަށް މަގުފަހިކޮށްދިން ބޭފުޅެއް،" ޑރ ޝަހީދު ހަވީރަށް ކިޔާދިނެވެ.

ދެން އުފެދޭ ސުވާލަކީ ސަންދާނު މައްސަލައިގައި ޖަލަށްލާފައި ތިބި ފަރާތްތައް ދޫކޮށްލީ ޑރ ހަސަން ސައީދާއި ޑރ ޝަހީދުގެ ސަބަބުންތޯއެވެ؟ އެމީހުން ދޫކޮށްލަން ޖެހުނީ ހިޔާލު ފާޅުކުރުމުގެ ސަބަބުން ބަޔަކު އުމުރަށް ޖަލަށް ލައިގެން ގެންގުޅުމަކީ ކޮށްގެންވާނެ ކަމެއް ނޫންކަމަށް ބޭރުގެ ފަރާތްތަކުން ކުރިމަތިކުރަމުން ދިޔަ ފިއްތުމުގެ ސަބަބުންނެވެ. ދުނިޔެއަށް އިސްލާހުގެ ދަޅަ ދައްކައި އިސްލާހު ކުރާ ކަމަށް ދައްކާނަމަ އެގޮތަށް ބަޔަކު ޖަލަށް ލައިގެން ގެންގުޅެވޭކަށް ނޯންނާނެއެވެ. ވީމާ މަޖުބޫރުވެގެން ދޫކުރަން ޖެހުނީއެވެ. 2004 ވަނަ އަހަރު އޯގަސްޓް 13 ވަނަ ދުވަހު ޖުމްހޫރީ މައިދާނާއި އަދި އެހެން ތަންތަނުން ހައްޔަރުކުރި މީހުންނަށް އަނިޔާ ކުރުމަށްފަހު އެމީހުންނަށް ވެސް ޝަރީއަތް ކުރާނެ ކަމުގެ އިންޒާރު ދިވެހި ސަރުކާރުން ދިނެވެ. ނަމަވެސް ޔޫރަޕިއަން ޔޫނިއަނުން ދަތިކުރުމުގެ ފިޔަވަޅު އަޅާނެ ކަމުގެ އިންޒާރު ދިނުމުން ހައްޔަރުކޮށްފައި ތިބި މީހުން ދޫކޮށްލަން ޖެހުނެވެ. އެފަހަރު ރަގަޅު ބަހަނާއެއް ދައްކައި ސުނާމީގެ ސަބަބުން ގައުމީ އެއްބައިވަންތަކަން ބޭނުންވާތީ އެމީހުން ދޫކޮށްލަނީ ކަމަށް ބުނެ ދޫކޮށްލީއެވެ. ބާރަތޭރަ ހާދިސާގައި ދިވެހި ސަރުކާރުން ރައްޔިތުންނަށް ކުރި އެތައް އަނިޔާއެއް ފޮރުވައި ދުނިޔެއަށް އޮޅުވާލުމަށް ޑރ ޝަހީދު މަސައްކަތް ކޮށްފައި ވެއެވެ. ދިވެހިރާއްޖޭގައި ޕާޓީ ނިޒާމް ތައާރަފުކުރަން ސަރުކާރަށް މަޖުބޫރުވީ ވެސް ބޭރުގެ ފިއްތުންތަކުގެ ސަބަބުންނެވެ.

ސަންދާނުގެ މައްސަލައިގައި ކުރި ހުކުމާއި މެދުގައި ދިވެހި ސަރުކާރުގެ ފަރާތުން ދޮގު ހެދުމުގެ މަސައްކަތް އެންމެ ބޮޑަށް ކުރީ ވެސް ޑރ ޝަހީދެވެ. އޭރު ޝަހީދުގެ ވަޒީފާއަކީ ސަރުކާރަށް ދޮގު ހަދާދިނުމެވެ. މިގޮތުން ސަރުކާރުން ހަދާފައި ހުރި ބައެއް ދޮގުތައް ބީބީސީގައި ޝާއިއުކޮށްފައިވާ މިހަބަރު ކިޔާލުމުން އަދި އިދިކީލި ބްލޮގްގައި ކުރިން ލިޔެފައިވާ މި ޕޯސްޓް ކިޔާލުމުން އެގޭނެއެވެ.

Read more