Thursday, December 30, 2010

ރައްޔިތުންގެ މަޖިލިސް އަނބުރާ ރައްޔިތުންނަށް

28 ޑިސެމްބަރ 2010 ވަނަ ދުވަހަކީ ދިވެހިރާއްޖޭގެ ރައްޔިތުންގެ މަޖިލީހުގެ ޙަޔާތުގައި ކަޅު ދުވަހެކެވެ. ރައްޔިތުންގެ އަޑުއަހާނެ ކަމަށް ކެމްޕޭން ތެރޭގައި ވައުދުވަމުން ދިޔަ މަޖިލިސް މެންބަރުން، އެއްވެސް މިންވަރަކަށް ރައްޔިތުންގެ ޙައްޤުތަކާ އިޙުސާސްތަކަށް ވިސްނާލުމެއް ނެތި، އެ މެންބަރުންގެ އިމްތިޔާޒުގެ ބިލް ފާސްކުރިއެވެ. ކޮމިޓީ އެލަވަންސެއްގެ ގޮތުގައި ކޮންމެ މެންބަރަކަށް މަހަކު 20،000 ރުފިޔާ ލިބޭ ގޮތަށާ، ޑިއުޓީ ދެއްކުމެއް ނެތި ކޮންމެ މެންބަރަކަށް ކާރެއް ލިބޭ ގޮތަށް، އަދިވެސް މަޖާ ހެއްވާ ކިތަންމެ ބައިތަކެއް ހިމެނޭ އިމްތިޔާޒުގެ ބިލް އެމީހުން ހަމަޖެހިލާފައި ފާސްކުރީ މީގެ ކުރީގައި ރައްޔިތުންގެ ކިބައިން އެމީހުން ކުރާ ކަމަކަށް ސުވާލުކުރާތަން ފެނިފައި ނެތީތީއެވެ.

ނަމަވެސް ދިވެހި ރައްޔިތުންނަކީ ގަމާރުންނެއް ނޫނެވެ. މިއީ އެތައް ހާސް އަހަރެއް ކުރިން މީހުން ދިރިއުޅެފައިވާ ޤައުމެކެވެ. މިޤައުމުގެ ރައްޔިތުން ކިތަންމެ ވެރިންނަކާއި ކިތަންމެ ބޮޑުންނެއް އެމީހުންގެ މަގާމުތަކުން ބޭރުކޮށްފައިވެއެވެ. ގުޅަކުޅޭފަސްގަނޑަށް ހަވަރު އެއްވެގެން ކިތަންމެ ބޮޑުންނެއް އެމީހުންގެ އިއްޒަތްތެރި މަގާމުތަކުން ހަމަބިމަށް ތިރިކޮށްފައިވެއެވެ.

ރައްޔިތުން މިހާތަނަށް މަޑުން ތިބީ ކޮންމެހެން އެމީހުންނަށް ނުވިސްނޭތީކީ ނޫނެވެ. ޓީވީ މެދުވެރިކޮށް މަޖިލީހުގައި ހިގާ ޑްރާމާ އެމީހުން ބަލާތާ ކިތަންމެ ދުވަހެކެވެ. މަޖިލީހުގައި ހިގާ ކޯޅުންތަކާއި ބޭކާރު ޒުވާބުތަކުން ރައްޔިތުންނަށް ޔަގީންވެފައިވަނީ ކެމްޕޭން ތެރޭ ކެންޑިޑޭޓުން ދެއްކި ނަނާ ހުވަފެންތަކަކީ ހަމައެކަނި ދަޅައެއް ކަމެވެ. ރައްޔިތުން ތިބީ ފޫހިވެފައެވެ. މެންބަރުން ޒުވާބުކުރުމަށް ދޫކޮށްލަން ބޭނުންވެފައެވެ. ކޮންމެ ދުވަހަކު ވިސްނާ ފިކުރުކުރަން ޖެހޭ އެތައް ކަމެއް ހުރީތީއެވެ. މާދަމާ ފެން ކަނޑާލުމުގެ ކުރިން ބިލު ދެއްކޭނެ ގޮތެއް ހޯދުމެވެ. މާދަމާ ކަރަންޓު ކަޑާލުމުގެ ކުރިން ބިލު ދެއްކޭނެ ގޮތެއް ހޯދުމެވެ. މާދަމާ ފްލެޓްގެ ވެރިމީހާ އައިސް ޢިމާރާތުން ބޭރުކުރާނެ ކަމުގެ އިންޒާރު ނުދެނީސް ކުލި ދެއްކޭނެ ގޮތެއް ހޯދުމެވެ. ދަރިފުޅުގެ ތަޢުލީމަށް ޚަރަދުކުރާނެ ގޮތެއް ހޯދުމެވެ. މުސްކުޅި ކާފަ ހޮސްޕިޓަލުގައި ބާއްވައިގެން ފަރުވާކޮށްގެން ރަގަޅު ނުވުމުން އިންޑިޔާއަށް ގެންދާނެ ގޮތެއް ހޯދުމެވެ. ކަންމަތީ ފިހާރައިގެ ދަރަނިތައް ޚަލާސްކުރެވޭނެ ގޮތެއް ހޯދުމެވެ.

އަނެއް ދިވެހިރާއްޖެއަށް އަލިވިލުނުތާ ދެއަހަރު ވީއިރުވެސް ރައްޔިތުންގެ އުއްމީދުތައް ހުރީ ހުރި ގޮތަށެވެ. ރީދޫކުލައިގައި ތިއްބަވާ ރައްޔިތުންގެ މަޖިލިސް މެންބަރުންނާއި ނޫކުލައިގައި ތިއްބަވާ މެންބަރުންގެ ގެރި ޒުވާބުތައް މަޖިލީހުގައި ހިގަމުންދިޔައިރު ރައްޔިތުން އެންމެ ކަންބޮޑުވާ މައްސަލަތައް ހުރީ ހުރި ގޮތަށެވެ. ހޮސްޕިޓަލްތަކާއި ސިއްހީ ފަރުވާދޭ ތަންތަނުގެ ފެންވަރު އަނެއް ދިވެހިރާއްޖޭގެ ދެއަހަރު ތެރޭ ދިޔައީ ކުރިޔަށް ވުރެ ވެސް ދަށަށެވެ. 30 އަހަރުގެ ޚުދުމުޚުތާރު ވެރިކަމުގެ އަސަރުތައް ވެސް ހުރީ ނުފިލައެވެ. އަދުލުއިންސާފުގެ ދާއިރާ އޮތީ ރިޝްވަތާއި ފަސާދައިން ކިލަނބުވެފައެވެ. މާރާމާރީއާއި، މީހުން މެރުމާއި، ކުޑަކުދިންނަށް ޖިންސީ ހާނީއްކަ ކުރުމާއި، މަސްތުވާތަކެތީގެ ވިޔަފާރި އޮތީ އާންމުވެފައެވެ. މިހުރިހާ ގައުމީ ބޮޑެތި މައްސަލަތަކާ މެދުގައި ރައްޔިތުންގެ މަޖިލީހުގެ މެންބަރުން އަޅާނުލާކަން، މިކަންކަމަށް ހައްލު ހޯދުމަށް ބޭނުންވާ ގާނޫނުތައް މެންބަރުން ނުހަދާކަން، ރައްޔިތުން ރަގަޅަށް ދެނެތިއްބެވެ.



މަޖިލީހުގެ މެންބަރުންގެ އިމްތިޔާޒުގެ ބިލް ފާސްކުރުން ވެގެން ދިޔައީ ރައްޔިތުންގެ ކެތްތެރިކަން ކޮޅުން ލައިގެން ދިޔަ ހިނދުކޮޅު ކަމުގައެވެ. އިސާހިތަކު ޒުވާނުންނާއި މުސްކުޅީން، އަންހެނުންނާއި ފިރިހެނުން، ތަފާތު ޕާޓީތަކަށް ނިސްބަތްވާ ޢާންމު ފަރުދުން، ސިވިލް ސާވަންޓުން، ޖުމްލަކޮށް ބުނާނަމަ ދިވެހި ރައްޔިތުން އެމީހުންގެ ޝުޢޫރުތައް ފާޅުކުރުމަށް މަގުމައްޗަށް ނިކުތުމަށް ނިންމައިފިއެވެ. ސިޔާސީ ވާދަވެރިކަން އެއްކިބާކޮށް މިއީ ހުރިހާ ރައްޔިތުންގެ ކަމެއްކަން ދެކިގެންނެވެ. މުޒާހަރާތައް އިންތިޒާމު ކުރެވުނީ މިޒަމާނުގެ ޓެކްނޮލޮޖީގެ ފުރިހަމަ އެހީއާއި އެކުގައި، ފޭސްބުކް، ޓްވިޓަރ އަދި އެސްއެމްއެސް ފަދަ ވަސީލަތްތައް ބޭނުންކޮށްގެންނެވެ. މިއީ ދިވެހިރާއްޖޭގައި އިންފޮމޭޝަން ޓެކްނޮލޮޖީ ބޭނުންކޮށްގެން ކުޑަ ވަގުތުކޮޅެއްގެ ތެރޭ ގިނަ އަދަދެއްގެ ބަޔަކު ވަކި މަގުސަދެއްގައި މަގުމައްޗަށް ނެރެވުނު ފުރަތަމަ ފަހަރެވެ.



ކާބޯތަކެތީގެ އަގު އަތްނުފޯރާފަށަށް އުފުލިފައިވާއިރު ވެސް މުސާރަ ބޮޑުވުމުގެ އެއްވެސް އުއްމީދެއް ނެތިފައި ތިބި ސިވިލް ސާވަންޓުން ވެސް އެމީހުންގެ ހައްގުތައް ހޯދުމަށް ނިކުތީއެވެ. ރައްޔިތުންގެ މަޖލިސް އަނބުރާ ރައްޔިތުންނަށް ހޯދުމަށް ރައްޔިތުން ނިކުތުމުން މަޖިލިސް މެންބަރުންގެ ކިބައިން ފެނިގެން ދިޔައީ ވަރަށް ނޭއްގާނީ ސިފަތަކެވެ. ރައްޔިތުންގެ ޝުއޫރުތަކަށް ބީރުކަންފަތެއްދީ ރައްޔިތުންނަށް ކުޑައިމީސްބަސް ރައްދުކުރީއެވެ. މަޖިލިސް މެންބަރުންގެ އަމަލުތަކުން ރައްޔިތުންނަށް ޔަގީންވީ މެންބަރުން ތިބީ ރައްޔިތުންގެ އަޑުއަހަން ބޭނުންވެގެން ނޫންކަމެވެ. ވީމާ އެހިސާބުން ދެން ރައްޔިތުންނަށް ދިވެހިރާއްޖޭގައި ހައްގު މަގާމު ހޯދުމަށް ރައްޔިތުންނަށް މަޖުބޫރުވެއްޖެއެވެ.



ދިވެހިރާއްޖެ މިހާރު ދެކެމުން މިދަނީ ބޮޑު ބަދަލެއްގެ ފެށުން ކަމާއި މެދުގައި ޝައްކެއް ނެތެވެ. މިހާރު އިންތިޒާމު ކުރެވެމުން މިދާ މުޒާހަރާތަކަކީ ވަކި ކުލައަކަށް ނިސްބަތްނުވެ، ތަފާތު ޕާޓީތަކަށް ނިސްބަތްވާ މީހުން، ތަފާތު ސިޔާސީ ޚިޔާލު ގެންގުޅޭ މީހުން، އެއްގަލަކަށް އަރައި ރައްޔިތުންގެ ހައްގުތައް ހޯދައި، ދިވެހިރާއްޖޭގައި ރައްޔިތުންގެ މަގާމަކީ ކޮބައިކަން އަންގާދިނުމަށް ހިންގޭ ސުލްހަވެރި ހަރަކާތެކެވެ. މިއީ "ކުލަޔާ ނުލާ" ހިންގޭ ސުލްހަ ވެރި އިންގިލާބެކެވެ.

ދިވެހި ރައްޔިތުން އެބައިމީހުން ހޮވާފައި ތިބި އެބައިމީހުންގެ މަންދޫބުންނަށް އޮޅުންފިލުވައިދޭން އުޅޭ ކަމެއް ވަރަށް ސާފެވެ. އެއީ ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ގާނޫނު އަސާސީގެ 4 ވަނަ މާއްދާއެވެ. އެމާއްދާ ބަޔާންކުރާ ގޮތުގައި "ދިވެހި ދައުލަތުގެ އެންމެހައި ބާރުތައް ފެށިގެން އަންނަނީ ރައްޔިތުންގެ ކިބައިންނެވެ. އަދި މި ބާރުތައް ދެމިއޮންނާނީ ރައްޔިތުންގެ ކިބައިގައެވެ." Read more