Friday, November 17, 2006

ޓެކްނޯކްރެޓުންގެ ހިޔަނި ކެބިނެޓަކާއި އެކު އެމްޑީޕީ ރިޔާސީ ނިޒާމަކާއި ކައިރިއަށް؟

މިނިވަން ނޫހުން ހަބަރުދޭ ގޮތުގައި އެމްޑީޕީގެ ނައިބު ރައީސް އިބްރާހީމް ހުސައިން ޒަކީ ޓެކްނޮކްރެޓުންގެ މައްޗަށް އެކުލެވޭ ހިޔަނި ކެބިނެޓެއް އެކުލަވާލައިފިއެވެ. އެމްޑީޕީގެ ކުރީގެ ކެބިނެޓުގައި ގިނައިން ތިބީ ޕާލަމެންޓު މެންބަރުން ކަމަށް ވިޔަސް މިފަހަރުގެ ކެބިނެޓުގައި ރައްޔިތުންގެ މަޖިލީހާއި ހާއްސަ މަޖިލީހުގެ މެންބަރުން ނުހިމަނައެވެ.

http://www.minivandaily.com/component/option,com_magazine/func,show_article/id,2233

ހިޔަނި ކެބިނެޓުގައި ޕާލަމެންޓުގެ މެންބަރުން ނުހިމެނި ސަބަބާއި މެދު ޒަކީ މިނިވަން ނިއުސް ވެބްސައިޓަށް ކިޔާދީފައި ވަނީ ކުރިޔަށް އޮތް ތިންމަސް ދުވަހަކީ ގާނޫނު އަސާސީ އިސްލާހު ކުރުމުގެ މަސައްކަތުގައި މަޖިލީހުގެ މެންބަރުން ވަރަށް ބުރަކޮށް އުޅެން ޖެހޭ ދުވަސްވަރަކަށް ވެފައި، މިހާރު މިއެކުލަވާލެވުނު ކެބިނެޓަކީ ވަގުތީ ކެބިނެޓަކަށް ވާތީ (އެމްޑީޕީގެ ލީޑަރޝިޕް އިންތިހާބުކުރުން މިއަހަރު ނިމޭއިރު އޮންނާތީ) މަޖިލީހުގެ މެންބަރުންނާއި ވެސް މަޝްވަރާކޮށްފައި މި ފިޔަވަޅު އެޅީ ކަމުގައެވެ.

http://www.minivannews.com/news/news.php?id=2633

ނަމަވެސް ދިރާސާކުރާ ފަރާތްތަކުން ދެކޭ ގޮތުގައި ނޮވެމްބަރ 10 ވަނަ ދުވަހު ބާއްވަން އުޅުނު މުޒާހަރާއަށް މަޖިލީހުގެ މެންބަރުންގެ ތެރެއިން އެމްޑީޕީއަށް ނިސްބަތްވާ މެންބަރުން ހިމެނޭ އެމްޑީޕީ ޕާލަމެންޓަރީ ގްރޫޕުން ތަރުހީބު ނުދިނުމާއި މި އާ ކެބިނެޓުގައި ޕާލަމެންޓު މެންބަރުން ނުހިމެނުމާއި ގުޅުން އެބައޮތެވެ.

ޒަކީ ވެސް ހާމަކޮށްފައިވަނީ ރައްޔިތުންގެ ހާއްސަ މަޖިލީހާއި ރައްޔިތުންގެ މަޖިލިސްގެ މަސައްކަތް ކުރަމުން އެ ދެމަޖިލީހުގެ މެންބަރުންނަށް ހިޔަނި ކެބިނެޓުގައި މަސައްކަތްކުރަން އުދަގޫވާނެ ކަމެވެ. ބަރުލަމާނީ ނިޒާމެއްގައި ސަރުކާރު ހިންގާނަމަ ކެބިނެޓުގައި ރައްޔިތުންގެ މަޖިލީހުގެ މެންބަރުން ތިބުމުން ވެސް ހަމަ އުދަގޫތައް މެދުވެރިވާނެއެވެ. ބާރުތައް ވަކި ނުވުމުގެ އިތުރަށް ދެ މަސައްކަތް ކުރުމަކީ ފަސޭހަ ކަމަކަށް ވެސް ނުވާނެއެވެ.

އެމްޑީޕީގެ ހިޔަނި ކެބިނެޓުގައި ކުރިން ހިމެނުނު ޕާލަމެންޓު މެންބަރުންގެ ތެރޭގައި ކަމަށް ގާބިލު ނޫން ގިނަ ބަޔަކު ހިމެނިފައި ތިބުމުން އެމްޑީޕީ ކުރިޔަށް ދިއުމަށް ދަތިތަކެއް މެދުވެރިވީކަން ފާހަގަކޮށްލަން ޖެހެއެވެ. އެދާއިރާ އަކުން ގާބިލު މީހުން ނުވަތަ ޓެކްނޯކްރެޓުން ކެބިނެޓަށް ލަނީ ރިޔާސީ ނިޒާމުގައެވެ. މިއާއި ހިލާފަށް ބަރުލަމާނީ ނިޒާމެއްގައި ކެބިނެޓަށް އަންނަނީ ޕާލަމެންޓުގައި އަގުލަބިއްޔަތު ލިބޭ ޕާޓީއަށް ނިސްބަތްވާ ޕާލަމެންޓު މެންބަރުންނެވެ. ރިޔާސީ ނިޒާމުގައި ކެބިނެޓަށް ގެންނަ ޓެކްނޯކްރެޓުންގެ ތެރޭ ވެރިކަން ކުރާ ޕާޓީ ނޫން ޕާޓީތަކުގެ މީހުންނާއި އަދި ވަކި ޕާޓީއަށް ނިސްބަތްނުވާ މީހުން ވެސް ހިމެނެއެވެ.

އެމްޑީޕީ އިން ބަރުލަމާނީ ނިޒާމަކަށް ތާއީދު ކުރުވުމަށް އެންމެ ބޮޑަށް ބާރުއެޅީ ޕާލަމެންޓަރީ ގްރޫޕްގައި މިހާރު ތިބި މެންބަރުންގެ ތެރެއިން ބައެއް މީހުންނެވެ. ނަމަވެސް ނޮވެމްބަރ 10 ވަނަ ދުވަހުގެ ހަރަކާތަށް ހުރަސް އަޅަން އުޅުމުން އެމީހުންގެ މަގުބޫލުކަން ވަނީ ދަށަށް ގޮސްފައެވެ. މިފަދަ ދަނޑިވަޅެއްގައި އެމްޑީޕީގެ ހިޔަނި ކެބިނެޓަށް ޓެކްނޯކްރެޓުން ގެނައުމަކީ ޕާޓީގެ ސިޔާސަތު ރިޔާސީ ނިޒާމަކާއި ދިމާލަށް ދިއުން ކަމަށް ވެސް ހީވެދާނެއެވެ. ނަމަވެސް އިދިކޮޅު ޕާޓީއިން ހިޔަނި ކެބިނެޓެއް އެކުލަވާލުމަކީ ބަރުލަމާނީ ނިޒާމުގެ ސިފައެކެވެ.

ބަރުލަމާނީ ނިޒާމެއްގެ ބަދަލުގައި ރިޔާސީ ނިޒާމެއް ތައާރަފުކޮށް ޓެކްނޯކްރެޓުން ކެބިނެޓަށް ގެނައުމަކީ ޕާކިސްތާނުގައި ވެސް މިހާރު ހިޔާލު ބަދަލުކުރެވެމުންދާ ކަމެކެވެ.

http://www.dailytimes.com.pk/default.asp?page=2006%5C04%5C19%5Cstory_19-4-2006_pg7_20

ރައްޔިތުންގެ މަޖިލީހަށް ފައިސާއާއި ނުފޫޒުގެ ބޭނުންކޮށްގެން މަހުޖަނުން ހޮވެމުންދާ ދުވަސްވަރެއްގައި ބަރުލަމާނީ ނިޒާމު ވެގެންދާނީ އެ މަހުޖަނުންނަށް ފަސޭހަކަމާއި އެކު ކެބިނެޓަށް އަންނަން ހުޅުވޭ ދޮރަކަށެވެ. ޑީއާރޕީ ގައި ތިބި މަހުޖަނުންނާއި އެމީހުންގެ ނުފޫޒުގެ ދަށުގައި އެމްޑީޕީގައި ތިބި މަޖިލިސް މެންބަރުން ބަރުލަމާނީ ނިޒާމަކަށް ތާއީދުކުރަނީ ސަބަބުތަކެއް ހުރުމުންނެވެ. އެފަދަ ގިނަ މަހުޖަނުންނަކީ މާ ގާބިލް ބައެއް ނޫނެވެ. ގައުމެއްގެ ސަރުކާރު ހިންގަން އެކަށީގެންވާ ބައެއް ނޫނެވެ. Read more

Sunday, November 12, 2006

މިނިވަން ނޫހުގެ އެތިކްސް ކޮބާ؟

މިނިވަން ނޫހުގެ 11 ނޮވެމްބަރ 2006 ވަނަ ދުވަހުގެ އަދަދުގެ 9 ވަނަ ސަފުހާގައި "ބަރުލަމާނީ ބޭފުޅުންގެ ފައިންޕުޅުތައް ފިނިވަނީ!" މި ސުރުހީގެ ދަށުގައި ލިޔެފައިވާ ލިޔުމުގައި ހިމެނެނީ މައިގަނޑު ގޮތެއްގައި މި ބްލޮގްގައި އެންމެ ފަހުން ކުރި ޕޯސްޓާއި އޭގެ ކުރީގައި "މައުމޫނާއި ވާހަކަ ދެއްކުމުގެ ބޭނުމަކީ ކޮބާ؟" މި ނަމުގައި ކޮށްފައިވާ ޕޯސްޓެވެ. މި ދެ ޕޯސްޓް އެއްކޮށްފައި އަދި އަމިއްލަ ޕެރެގްރާފެއް އިތުރުކޮށްފައި ލިޔެފައިވާ މީހެއްގެ ނަން ކަމަށް ބޭނުންކޮށްފައި ވަނީ ހިދިކީލި އެވެ. މި މަޒުމޫނުގައި އިދިކީލި ބްލޮގަށް އެއްވެސް ރިފަރެންސެއް ދީފައެއް ނުވެއެވެ. އަދި މައުމޫނާއި ވާހަކަ ދެއްކުމުގެ ބޭނުމަކީ ކޮބާ؟ މި ނަމުގައި އަހަރެމެން ޝާއިއުކުރި ޕޯސްޓަށް ވަނީ ބަދަލުތަކެއް ގެނެސްފައެވެ. "ނޮވެމްބަރ 7 ވީ އަންގާރަ ދުވަހުގެރޭ، މަގުމަތިން ފެނިގެން ދިޔައީ އެމްޑީޕީގެ ލީޑަރޝިޕްގައި ހިމެނޭ މީހުން މަގުމަތީ ނެތްތަނެވެ." މިގޮތަށް މި ދުވަސްވަރާއި ގުޅުވާލާފައެވެ. އަހަރެމެން އެ ޕޯސްޓް ޝާއިއުކޮށްފައިވާނީ އޯގަސްޓް މަހުގައެވެ.

މިނިވަން ނޫހުގެ މި އަމަލު އަހަރެމެން ކުށްވެރި ކުރަމެވެ. މަޒުމޫނުގައި ލިޔެފައިވާ ލިޔުންތައް ވަރަށް ރަގަޅެވެ. އެކަންކަމާއި މެދު ދެކޮޅެއް ނަހަދަމެވެ. ނަމަވެސް ރަގަޅު ވާހަކައެއް ވެސް ނުބައި ގޮތަކަށް ބުނެވިދާނެއެވެ. ނުބައިވާ ގޮތަކީ

1. އިދިކީލި ބްލޮގަށް ރިފަރެންސް ނުދީ ބްލޮގްގައިވާ ލިޔުންތަކެއް ޝާއިއުކުރުން
2. ލިޔުނު ފަރާތުގެ ނަމުގެ ގޮތުގައި ހިދިކީލި ބޭނުންކުރުން،
3. ބްލޮގްގައި ލިޔެފައިވާ ލިޔުންތަކަށް ބަދަލު ގެނެސް ބައެއް ޖުމްލަ މިނިވަން ނޫސް ބޭނުންވާ ކޮންޓެކްސްޓަށް ބަދަލުކުރުން
4. ލިޔުމުގެ ފަހަތަށް ޕެރެގްރާފެއް އަމިއްލައަށް އިތުރުކުރުން


މިލިޔުން މިނިވަން ނޫހުގެ ސައިޓުގައި ވެސް އެބަހުއްޓެވެ. http://www.minivandaily.com/component/option,com_magazine/func,show_article/id,2177/

މިކަމަކީ ނޫސްވެރިކަމުގެ މިނިވަންކަމަށް މަސައްކަތްކުރާ ނޫހަކުން ލަދުގަންނަން ޖެހޭ ވަރުގެ ކަމެކެވެ. ދިވެހިރާއްޖޭގެ ބްލޮގް ކޮމިއުނިޓީއަށް އަހަރެމެން އަންގަން ބޭނުންވަނީ މިނިވަން ނޫހުގައި ޝާއިއުކޮށްފައިވާ އެ ލިޔުމަކީ އިދިކީލި ބްލޮގް އެބިއުޒް ކުރުން ކަމެވެ. މީގެ ކުރީގައި ބޭނުންވި ކަންތައް ހާސިލުކުރުމަށް ތެދު ޑިސްޓޯޓް ކޮށްގެން ޝާއިއުކުރަމުން ގެންދިޔައިރު ޕާޓީގެ ތެރޭ ތިބި ދިއްގާ ފަނިތަކާއި ކަތުރުފަނިތަކެއް މިނިވަން ނޫހަކަށް ވެސް ނުފެނެއެވެ. މިހާރު ތެދު ހާމަކުރަން މަސައްކަތް ކުރާތީ ސާބަސް ދެމެވެ. ނަމަވެސް ރަގަޅު ރީތި އުސޫލުތަކުން އެކަން ކުރުމަށް ނަސޭހަތްތެރިވަމެވެ.

"Comment is free but facts are sacred."

http://www.guardian.co.uk/newsroom/story/0,11718,850815,00.html Read more

Wednesday, November 08, 2006

ބަރުލަމާނީ ބޭފުޅުންގެ ފައިކޮޅު ފިނިވަނީ!

އެމްޑީޕީގެ ނޮވެމްބަރ 10 ވަނަ ދުވަހުގެ މުޒާހަރާ ކައިރިވަމުން އަންނަ ވަރަކަށް ދައުލަތުގެ މީޑިއާ އިން އެކަމާއި ދެކޮޅަށް ޕްރޮޕެގެންޑާ ފެތުރުން ވެސް އިތުރުވަމުން އެބަދެއެވެ. މީގެ ތެރޭ ރައްޔިތުންގެ ހާއްސަ މަޖިލީހުގެ މެންބަރުންގެ ތެރެއިން އެމްޑީޕީ އަށް ނިސްބަތްވާ ބައެއް މެންބަރުން ވެސް މިފަދަ ބައެއް ޕްރޮޕެގެންޑާ ހަރަކާތްތަކުގައި ބައިވެރިވަމުން އެބަގެންދެއެވެ. އަދި މި މެންބަރުން ނޮވެމްބަރ 10 ހަރަކާތް ސިފަ ކުރަނީ ގައުމު އަނދަވަޅެއްގެ ތެރެއަށް ވައްޓާލުން ކަމުގައެވެ. ލޭއޮހޮރުވުމާއި މަސްލަހަތު ނަގާލުން ކަމުގައެވެ. އެންމެ ހެއްވާ ކަމަކީ ހަމަ އެ މެންބަރުން ވެސް ގައުމީ މަޖިލީހުގެ ޖަލްސާގައި ތިއްބަވައިގެން 10 ނޮވެމްބަރ ހަރަކާތް ހިންގުމަށް ފާސް ކުރި ގަރާރަށް ތާއީދު ކުރެއްވި ކަމެވެ. ދެން އޭގެ ފަހުގައި އެ ހަރަކާތް ތެރޭ ގާނޫނާއި ހިލާފު ކަމެއް ނުކުރުމަށް ގޮވާލާ، ރައްޔިތުންގެ ހާއްސަ މަޖިލީހަށް ނުފޫޒު ނުފޯރުވުމަށް ބުނެ ޕެޓިޝަނެއްގައި ސޮއި ކުރި ކަމެވެ. ރައްޔިތުންގެ ހާއްސަ މަޖިލިސް އެކުލަވާލިތާ ދެ އަހަރު ފާއިތު ވެއްޖެއެވެ. ކުރެއްވުނީ ކޮން ކަމެއްތޯއެވެ؟ އަދި 15 އަހަރު ބޭނުންފުޅީތޯއެވެ؟ މިފަދަ މެންބަރުންގެ ތެރޭ ގިނައީ ބަރުލަމާނީ ނިޒާމަކަށް އެމްޑީޕީގެ ވިސްނުން ދީލާލަން އެންމެ ގަދަޔަށް ފައިތިލަ ސާބިތުކުރައްވައިގެން ތިއްބެވި ބޭފުޅުންނެވެ. ޕާލަމެންޓަރީ ގްރޫޕްގެ މެންބަރުންތަކެއް މެއެވެ. އަހަރެމެން އަދިވެސް ބުނާނީ މައުމޫނު ވެސް، އަދި ޑީއާރޕީ އަށް ނިސްބަތްވާ މަޖިލިސް މެންބަރުންގެ ތެރެއިން ގިނަ މީހުން ވެސް، ބޭނުންވަނީ ބަރުލަމާނީ ނިޒާމެއް ކަމަށެވެ. ވީމާ މިހާރު މުއްސަދި މަހުޖަނެއްގެ ނުފޫޒު ހާއްސަ މަޖިލީހުގައި ހިމެނޭ އެމްޑީޕީ މެންބަރުންތަކަކަށް ފޯރާފައިވާ ކަމަށް ވާހަކަ ދެކެވޭ ދުވަސްވަރެއްގައި، ދެން އުފެދޭ ސުވާލަކީ އެ މެންބަރުން ބަރުލަމާނީ ނިޒާމަށް ތާއީދު ކުރެއްވީ، އެފަދަ ނުފޫޒުތަކުން އެއްކިބާ ވެފައިވާ ހާލުގައި ތޯއެވެ. Read more