Wednesday, November 08, 2006

ބަރުލަމާނީ ބޭފުޅުންގެ ފައިކޮޅު ފިނިވަނީ!

އެމްޑީޕީގެ ނޮވެމްބަރ 10 ވަނަ ދުވަހުގެ މުޒާހަރާ ކައިރިވަމުން އަންނަ ވަރަކަށް ދައުލަތުގެ މީޑިއާ އިން އެކަމާއި ދެކޮޅަށް ޕްރޮޕެގެންޑާ ފެތުރުން ވެސް އިތުރުވަމުން އެބަދެއެވެ. މީގެ ތެރޭ ރައްޔިތުންގެ ހާއްސަ މަޖިލީހުގެ މެންބަރުންގެ ތެރެއިން އެމްޑީޕީ އަށް ނިސްބަތްވާ ބައެއް މެންބަރުން ވެސް މިފަދަ ބައެއް ޕްރޮޕެގެންޑާ ހަރަކާތްތަކުގައި ބައިވެރިވަމުން އެބަގެންދެއެވެ. އަދި މި މެންބަރުން ނޮވެމްބަރ 10 ހަރަކާތް ސިފަ ކުރަނީ ގައުމު އަނދަވަޅެއްގެ ތެރެއަށް ވައްޓާލުން ކަމުގައެވެ. ލޭއޮހޮރުވުމާއި މަސްލަހަތު ނަގާލުން ކަމުގައެވެ. އެންމެ ހެއްވާ ކަމަކީ ހަމަ އެ މެންބަރުން ވެސް ގައުމީ މަޖިލީހުގެ ޖަލްސާގައި ތިއްބަވައިގެން 10 ނޮވެމްބަރ ހަރަކާތް ހިންގުމަށް ފާސް ކުރި ގަރާރަށް ތާއީދު ކުރެއްވި ކަމެވެ. ދެން އޭގެ ފަހުގައި އެ ހަރަކާތް ތެރޭ ގާނޫނާއި ހިލާފު ކަމެއް ނުކުރުމަށް ގޮވާލާ، ރައްޔިތުންގެ ހާއްސަ މަޖިލީހަށް ނުފޫޒު ނުފޯރުވުމަށް ބުނެ ޕެޓިޝަނެއްގައި ސޮއި ކުރި ކަމެވެ. ރައްޔިތުންގެ ހާއްސަ މަޖިލިސް އެކުލަވާލިތާ ދެ އަހަރު ފާއިތު ވެއްޖެއެވެ. ކުރެއްވުނީ ކޮން ކަމެއްތޯއެވެ؟ އަދި 15 އަހަރު ބޭނުންފުޅީތޯއެވެ؟ މިފަދަ މެންބަރުންގެ ތެރޭ ގިނައީ ބަރުލަމާނީ ނިޒާމަކަށް އެމްޑީޕީގެ ވިސްނުން ދީލާލަން އެންމެ ގަދަޔަށް ފައިތިލަ ސާބިތުކުރައްވައިގެން ތިއްބެވި ބޭފުޅުންނެވެ. ޕާލަމެންޓަރީ ގްރޫޕްގެ މެންބަރުންތަކެއް މެއެވެ. އަހަރެމެން އަދިވެސް ބުނާނީ މައުމޫނު ވެސް، އަދި ޑީއާރޕީ އަށް ނިސްބަތްވާ މަޖިލިސް މެންބަރުންގެ ތެރެއިން ގިނަ މީހުން ވެސް، ބޭނުންވަނީ ބަރުލަމާނީ ނިޒާމެއް ކަމަށެވެ. ވީމާ މިހާރު މުއްސަދި މަހުޖަނެއްގެ ނުފޫޒު ހާއްސަ މަޖިލީހުގައި ހިމެނޭ އެމްޑީޕީ މެންބަރުންތަކަކަށް ފޯރާފައިވާ ކަމަށް ވާހަކަ ދެކެވޭ ދުވަސްވަރެއްގައި، ދެން އުފެދޭ ސުވާލަކީ އެ މެންބަރުން ބަރުލަމާނީ ނިޒާމަށް ތާއީދު ކުރެއްވީ، އެފަދަ ނުފޫޒުތަކުން އެއްކިބާ ވެފައިވާ ހާލުގައި ތޯއެވެ.

No comments: