Friday, November 17, 2006

ޓެކްނޯކްރެޓުންގެ ހިޔަނި ކެބިނެޓަކާއި އެކު އެމްޑީޕީ ރިޔާސީ ނިޒާމަކާއި ކައިރިއަށް؟

މިނިވަން ނޫހުން ހަބަރުދޭ ގޮތުގައި އެމްޑީޕީގެ ނައިބު ރައީސް އިބްރާހީމް ހުސައިން ޒަކީ ޓެކްނޮކްރެޓުންގެ މައްޗަށް އެކުލެވޭ ހިޔަނި ކެބިނެޓެއް އެކުލަވާލައިފިއެވެ. އެމްޑީޕީގެ ކުރީގެ ކެބިނެޓުގައި ގިނައިން ތިބީ ޕާލަމެންޓު މެންބަރުން ކަމަށް ވިޔަސް މިފަހަރުގެ ކެބިނެޓުގައި ރައްޔިތުންގެ މަޖިލީހާއި ހާއްސަ މަޖިލީހުގެ މެންބަރުން ނުހިމަނައެވެ.

http://www.minivandaily.com/component/option,com_magazine/func,show_article/id,2233

ހިޔަނި ކެބިނެޓުގައި ޕާލަމެންޓުގެ މެންބަރުން ނުހިމެނި ސަބަބާއި މެދު ޒަކީ މިނިވަން ނިއުސް ވެބްސައިޓަށް ކިޔާދީފައި ވަނީ ކުރިޔަށް އޮތް ތިންމަސް ދުވަހަކީ ގާނޫނު އަސާސީ އިސްލާހު ކުރުމުގެ މަސައްކަތުގައި މަޖިލީހުގެ މެންބަރުން ވަރަށް ބުރަކޮށް އުޅެން ޖެހޭ ދުވަސްވަރަކަށް ވެފައި، މިހާރު މިއެކުލަވާލެވުނު ކެބިނެޓަކީ ވަގުތީ ކެބިނެޓަކަށް ވާތީ (އެމްޑީޕީގެ ލީޑަރޝިޕް އިންތިހާބުކުރުން މިއަހަރު ނިމޭއިރު އޮންނާތީ) މަޖިލީހުގެ މެންބަރުންނާއި ވެސް މަޝްވަރާކޮށްފައި މި ފިޔަވަޅު އެޅީ ކަމުގައެވެ.

http://www.minivannews.com/news/news.php?id=2633

ނަމަވެސް ދިރާސާކުރާ ފަރާތްތަކުން ދެކޭ ގޮތުގައި ނޮވެމްބަރ 10 ވަނަ ދުވަހު ބާއްވަން އުޅުނު މުޒާހަރާއަށް މަޖިލީހުގެ މެންބަރުންގެ ތެރެއިން އެމްޑީޕީއަށް ނިސްބަތްވާ މެންބަރުން ހިމެނޭ އެމްޑީޕީ ޕާލަމެންޓަރީ ގްރޫޕުން ތަރުހީބު ނުދިނުމާއި މި އާ ކެބިނެޓުގައި ޕާލަމެންޓު މެންބަރުން ނުހިމެނުމާއި ގުޅުން އެބައޮތެވެ.

ޒަކީ ވެސް ހާމަކޮށްފައިވަނީ ރައްޔިތުންގެ ހާއްސަ މަޖިލީހާއި ރައްޔިތުންގެ މަޖިލިސްގެ މަސައްކަތް ކުރަމުން އެ ދެމަޖިލީހުގެ މެންބަރުންނަށް ހިޔަނި ކެބިނެޓުގައި މަސައްކަތްކުރަން އުދަގޫވާނެ ކަމެވެ. ބަރުލަމާނީ ނިޒާމެއްގައި ސަރުކާރު ހިންގާނަމަ ކެބިނެޓުގައި ރައްޔިތުންގެ މަޖިލީހުގެ މެންބަރުން ތިބުމުން ވެސް ހަމަ އުދަގޫތައް މެދުވެރިވާނެއެވެ. ބާރުތައް ވަކި ނުވުމުގެ އިތުރަށް ދެ މަސައްކަތް ކުރުމަކީ ފަސޭހަ ކަމަކަށް ވެސް ނުވާނެއެވެ.

އެމްޑީޕީގެ ހިޔަނި ކެބިނެޓުގައި ކުރިން ހިމެނުނު ޕާލަމެންޓު މެންބަރުންގެ ތެރޭގައި ކަމަށް ގާބިލު ނޫން ގިނަ ބަޔަކު ހިމެނިފައި ތިބުމުން އެމްޑީޕީ ކުރިޔަށް ދިއުމަށް ދަތިތަކެއް މެދުވެރިވީކަން ފާހަގަކޮށްލަން ޖެހެއެވެ. އެދާއިރާ އަކުން ގާބިލު މީހުން ނުވަތަ ޓެކްނޯކްރެޓުން ކެބިނެޓަށް ލަނީ ރިޔާސީ ނިޒާމުގައެވެ. މިއާއި ހިލާފަށް ބަރުލަމާނީ ނިޒާމެއްގައި ކެބިނެޓަށް އަންނަނީ ޕާލަމެންޓުގައި އަގުލަބިއްޔަތު ލިބޭ ޕާޓީއަށް ނިސްބަތްވާ ޕާލަމެންޓު މެންބަރުންނެވެ. ރިޔާސީ ނިޒާމުގައި ކެބިނެޓަށް ގެންނަ ޓެކްނޯކްރެޓުންގެ ތެރޭ ވެރިކަން ކުރާ ޕާޓީ ނޫން ޕާޓީތަކުގެ މީހުންނާއި އަދި ވަކި ޕާޓީއަށް ނިސްބަތްނުވާ މީހުން ވެސް ހިމެނެއެވެ.

އެމްޑީޕީ އިން ބަރުލަމާނީ ނިޒާމަކަށް ތާއީދު ކުރުވުމަށް އެންމެ ބޮޑަށް ބާރުއެޅީ ޕާލަމެންޓަރީ ގްރޫޕްގައި މިހާރު ތިބި މެންބަރުންގެ ތެރެއިން ބައެއް މީހުންނެވެ. ނަމަވެސް ނޮވެމްބަރ 10 ވަނަ ދުވަހުގެ ހަރަކާތަށް ހުރަސް އަޅަން އުޅުމުން އެމީހުންގެ މަގުބޫލުކަން ވަނީ ދަށަށް ގޮސްފައެވެ. މިފަދަ ދަނޑިވަޅެއްގައި އެމްޑީޕީގެ ހިޔަނި ކެބިނެޓަށް ޓެކްނޯކްރެޓުން ގެނައުމަކީ ޕާޓީގެ ސިޔާސަތު ރިޔާސީ ނިޒާމަކާއި ދިމާލަށް ދިއުން ކަމަށް ވެސް ހީވެދާނެއެވެ. ނަމަވެސް އިދިކޮޅު ޕާޓީއިން ހިޔަނި ކެބިނެޓެއް އެކުލަވާލުމަކީ ބަރުލަމާނީ ނިޒާމުގެ ސިފައެކެވެ.

ބަރުލަމާނީ ނިޒާމެއްގެ ބަދަލުގައި ރިޔާސީ ނިޒާމެއް ތައާރަފުކޮށް ޓެކްނޯކްރެޓުން ކެބިނެޓަށް ގެނައުމަކީ ޕާކިސްތާނުގައި ވެސް މިހާރު ހިޔާލު ބަދަލުކުރެވެމުންދާ ކަމެކެވެ.

http://www.dailytimes.com.pk/default.asp?page=2006%5C04%5C19%5Cstory_19-4-2006_pg7_20

ރައްޔިތުންގެ މަޖިލީހަށް ފައިސާއާއި ނުފޫޒުގެ ބޭނުންކޮށްގެން މަހުޖަނުން ހޮވެމުންދާ ދުވަސްވަރެއްގައި ބަރުލަމާނީ ނިޒާމު ވެގެންދާނީ އެ މަހުޖަނުންނަށް ފަސޭހަކަމާއި އެކު ކެބިނެޓަށް އަންނަން ހުޅުވޭ ދޮރަކަށެވެ. ޑީއާރޕީ ގައި ތިބި މަހުޖަނުންނާއި އެމީހުންގެ ނުފޫޒުގެ ދަށުގައި އެމްޑީޕީގައި ތިބި މަޖިލިސް މެންބަރުން ބަރުލަމާނީ ނިޒާމަކަށް ތާއީދުކުރަނީ ސަބަބުތަކެއް ހުރުމުންނެވެ. އެފަދަ ގިނަ މަހުޖަނުންނަކީ މާ ގާބިލް ބައެއް ނޫނެވެ. ގައުމެއްގެ ސަރުކާރު ހިންގަން އެކަށީގެންވާ ބައެއް ނޫނެވެ.

No comments: