Friday, January 12, 2007

މަގުމައްޗަށް ނުނިކުންނަން ބާރު އެޅި މެންބަރުން ޕާލަމެންޓުގައި ފޭލްވަނީ

އެމްޑީޕީ އިން 2006 ވަނަ އަހަރުގެ ނޮވެމްބަރ މަހު ސީދާ ހަރަކާތުގެ ގޮތުގައި މަގުމައްޗަށް ނިކުމެ މުޒާހަރާ ކުރަން ނިންމުމުން އެކަމާއި ދެކޮޅަށް އެމްޑީޕީގެ ވަރަށް އިސް މެންބަރުން ފާޑުކިޔައި ވާހަކަ ދެއްކިއެވެ. އެމްޑީޕީއަށް އެންމެ ފައިދާހުރި ގޮތަކީ ރައްޔިތުންގެ މަޖިލިސް ނުވަތަ ޕާލަމެންޓުގައި ހަރަކާތްތެރިވުން ކަމަށް އަޑު އުފުލިއެވެ. މިގޮތަށް އެންމެ ބޮޑަށް ވާހަކަ ފެތުރި އެއް ބަޔަކީ އެމްޑީޕީގެ ޕާލަމެންޓަރީ ގްރޫޕަށް ނިސްބަތްވާ ގިނަ މެންބަރުން ތަކެކެވެ. ނަމަވެސް މިހާރު ފެންނަމުން މިދަނީ އެމީހުންނަށް ޕާލަމެންޓުގައި ވެސް ހަރަކާތްތެރި ނުވެވޭ ތަނެވެ. ގިނަ ބަޔަކު ގަބޫލުކުރާ ގޮތުގައި އެމްޑީޕީއަށް ނިސްބަތްވާ މަޖިލިސް މެންބަރުންގެ ފަރާތުން އެކަށީގެންވާ ފައިދާއެއް ނުލިބެއެވެ. އަދި އެމީހުން ޕާޓީގެ ސިޔާސަތު ޕާލަމެންޓުގައި ކުރިއަރުވަން މަސައްކަތެއް ވެސް ނުކުރެއެވެ. މިކަން އެންމެ ބޮޑަށް ހާމަވެގެން ދިޔައީ 2007 ވަނަ އަހަރުގެ ބަޖެޓު ފާސްކުރުމަށް ޕާލަމެންޓުގައި ނެގި ވޯޓުގައި ބަޖެޓު ފާސް ކުރުމަށް ފެންނަކަމަށް އެމްޑީޕީއަށް ނިސްބަތްވާ މެންބަރުންތަކެއް ވޯޓު ދިނުމުންނެވެ. މި މެންބަރުން އެމީހުން ކުރި ކަންތައްތަކުގެ ދިފާއުގައި މިހާރު ބުނަނީ ބަޖެޓާއި ދެކޮޅަށް ވޯޓު ދިނުމަކީ އެމްޑީޕީގެ ސިޔާސަތު ކަމަށް ނިންމާފައި ނުވާ ކަމަށެވެ. އެމްޑީޕީގެ ގައުމީ މަޖިލީހުން އެގޮތަށް ނިންމާފައި ނެތް ކަމަށެވެ. އަދި ބަޖެޓާއި މެދު ގޮތެއް ނިންމުމަށް އެމްޑީޕީ ޕާލަމެންޓަރީ ގްރޫޕް ބައްދަލުކޮށް ނިންމީ އެ މެންބަރަކަށް ފެންނަ ގޮތަކަށް ވޯޓު ދިނުމަށް ކަމަށެވެ. ކިހާ ހެއްވާ ކަމެއް ހެއްޔެވެ؟ އެބަޔަކަށް ފެންނަ ގޮތަކަށް ވޯޓު ދޭނަމަ ދެން ކީއްކުރަން ހަދާ ޕާލަމެންޓަރީ ގްރޫޕެއް ހެއްޔެވެ؟ މާލޭގެ އަލި ކިލަގެފާނު މަގުގައި މާ ރީތި އޮފީހެއް ހަދާފައި އެތަނަށް މުވައްޒަފުން ލާފައި ބައިތިއްބަނީ ތިއްތި ދައްކަން ހެއްޔެވެ؟ ޕާލަމެންޓަރީ ގްރޫޕްގެ ބޭނުމަކަށް ވާން ވާނީ ބަޖެޓު ފަދަ ގައުމީ މުހިންމު ކަންތައްތަކުގައި، އެމްޑީޕީގެ ފަރާތުން ވަކި ސިޔާސަތެއް ކަނޑައަޅައި، އެގޮތަށް ހުރިހާ މެންބަރުން ވެސް ވޯޓުދީ، އެގޮތް މަޖިލީހުގައި ކާމިޔާބު ކުރަން މަސައްކަތް ކުރުމެވެ. މިވަރު ނުވާއިރު ތިމަންނަ މެން މަސައްކަތް ކުރަނީ ޕާލަމެންޓުގައޭ، މަގުމަތީގެ ހަރަކާތްތަކުން ކުރާ ފައިދާއެއް ނެތޭ ކިޔާފައި ވާހަކަ ދެއްކުމުގެ ބޭނުމެއް ނެތެވެ. ޕާލަމެންޓަރީ ގްރޫޕަކީ އަދި ޕާލަމެންޓުގައި މެންބަރުން ކުޅޭ ދައުރަކީ ޕާޓީއަކަށް ވަރަށް މުހިންމު އެއްޗެކެވެ. ނަމަވެސް އެގްރޫޕްގެ މެންބަރުންނަކީ ޕާލަމެންޓުގައި އެހެން ޕާޓީތަކުގެ ސިޔާސަތު ވިއްކައި، ތިމާމެންގެ ޕާޓީ ގަބޫލުކުރާ އުސޫލުތަކަށް ހަރާންކޯރުވެ، ތިމާމެން ހޮވާފައި ތިބި މެންބަރުންގެ އުއްމީދުތަކުގައި ކޮޅުފައިން ޖަހާ ބަޔަކަށް ވެއްޖެނަމަ ދެން އެއޮތީ ޕާލަމެންޓަރީ ގްރޫޕް އޯވަރހޯލް ކުރަން ވެފައެވެ. ދެން އަންނަ އާންމު އިންތިހާބެއްގައި ނިކަން ރަނގަޅަށް އޯވަރހޯލްކުރުން ފެނިގެން ދާނެއެވެ. ބަޖެޓާއި އެއްކޮޅަށް ވޯޓު ދިނުމުގެ ކުރިން ތިމާމެން ތަމްސީލުކުރާ ރައްޔިތުންގެ ބަހެއް ހޯދިން ހެއްޔެވެ؟ އެމީހުންގެ އުންމީދުތައް އަޑުއެހިން ހެއްޔެވެ؟

No comments: