ބަރނީ ސޭންޑާސް
ނުފޫޒުގަދަ ބާރުގަދަ ފަރާތްތަކާ ދެކޮޅަށް އަހަރެމެން އެކީ ތެދުވެއްޖެނަމަ، އަހަރެމެންނަށް ފަގީރުކަން ނައްތާލެވި، ދިރިހުންނާނެކަމަށް އުއްމީދުކުރެވޭ އުމުރު މަތިކުރެވި މޫސުމަށް އަންނަ ބަދަލުތަކަށް ހައްލު ހޯދޭނެ
2018 ވަނަ އަހަރުގައި އަހަރެމެންގެ ދުނިޔޭގެ ހާލަތަކީ މިއީއެވެ: ވޭތުވެދިޔަ 100 އަހަރުތެރޭގައި ހިގާދިޔަ ހުރިހާ ހަގުރާމައަކާއި، ގެނެވުނު އިންގިލާބުތަކާއި އަދި ބޭއްވުނު ހުރިހާ ބައިނަލްއަގުވާމީ ސަމިޓްތަކަކާއި އެކުގައިވެސް، އިންސާނުންގެ އިގުތިސާދީ އަދި ސިޔާސީ ހަޔާތް އާދަޔާޚިލާފަށް ބޮޑަށް ކޮންޓްރޯލްކުރަމުން ގެންދަނީ ވަރަށް މަދު އަދަދެއްގެ މުއްސަދި މީހުންތަކެކެވެ.
ގަބޫލުކުރަން ކިތަންމެ ދަތިވިޔަސް ހަގީގަތަކީ ދުނިޔޭގެ އާބާދީގެ ދެބައިކުޅައެއްބައިގެ ތެރެއިން ބޮޑަށް ފަގީރު ބައިގައި ހިމެނޭ 3.7 ބިލިޔަން މީހުންނަށްވުރެ، ދުނިޔޭގެ އެންމެ މުއްސަދި ހަ މީހުންގެ މުދާވެރިކަމާއި މިލްކިއްޔާތު މާގިނަކަމެވެ. އަދި މުއްސަދިކަމުގެ ގޮތުން ބަލާނަމަ އާބާދީގެ އެންމެ މަތީ 1 ޕަސެންޓް މީހުން ތިރީގައިވާ 99 ޕަސެންޓް މީހުންނަށްވުރެ ގިނަ ފައިސާ މިހާރު ގެންގުޅެއެވެ. އަދި ބިލިއަނަރުން އެމީހުންގެ މުއްސަދިކަން މުޅިދުނިޔެއަށް ފާޅުކަންބޮޑުގޮތެއްގައި ދައްކަމުން ގެންދާއިރުގައި، އާބާދީގެ ކޮންމެ ހަތްމީހަކުގެ ތެރެއިން އެކަކު އުޅެނީ ދުވާލަކަށް 1.25 ޑޮލަރަށްވުރެން ވެސް މަދުން ލިބިގެންނެވެ. މީގެ އިތުރުން ބޭރަށް ހިންގުން، މެލޭރިއާ އަދި ނިއުމޯނިއާ ފަދަ ބަލިތައް ޖެހިގެން ކޮންމެ ދުވަހަކު 29،000 ކުޑަކުދިން މަރުވެއެވެ. މިއީ ހައްތާވެސް ހުއްޓުވިދާނެ ބަލިތަކެވެ.
ހަމަމިއާއިއެކު، ދުނިޔޭގެ އެކި ކަންކޮޅުތަކުގައި، ފަސާދަވެފައިވާ ނުފޫޒުގަދަ ކަމުވޮށިގެންވާ މީހުންނާއި، މުއްސަދިންނާއި، އަދި ޝާހީ އާއިލާތަކުގެ މީހުން އެތައް ބިލިޔަން ޑޮލަރެއް އެމީހުންގެ އުފަލަށްޓަކައި ބޭކާރު ޚަރަދުގެ ގޮތުގައި ހޭދަކުރެއެވެ. ބުރޫނާއީގެ ރަސްގެފާނުގެ މިލްކިއްޔާތުގައި 500 ރޯލްސް ރޮއިސް ކާރު އޮންނައިރު، އޭނާ ދިރިއުޅެނީ ދުނިޔޭގެ އެންމެ ބޮޑު އެއް ގަނޑުވަރުގައެވެ. އެތާގައި 1،788 ކޮޓަރި ހުރެއެވެ. އަދި އެތާގެ އަގަކީ 350 މިލިޔަން ޑޮލަރުކަމަށް އެއްފަހަރަކު ބެލެވުނެވެ. ދުނިޔޭގެ އެންމެ މުއްސަދި 10 ރަސްކަލުންތެ ތެރެއިން ފަސް މީހުން ދިރިއުޅެނީ މެދުއިރުމަތީގައެވެ. އެސަރަހައްދުގެ ޝާހީ އާއިލާތަކުގެ ޒުވާނުން ޖެޓުތަކުގައި ދުނިޔޭގެ އެއްތަނުން އަނެއްތަނަށް ދަތުރުކުރާއިރު، ދުނިޔޭގައި ޒުވާނުންނަށް ވަޒީފާ ނުލިބުމުގެ މައްސަލަ އެންމެ ބޮޑު ސަރަހައްދަކީ މެދުއިރުމައްޗެވެ. އަދި އެތާގައި ރަގަޅު ހިޔާވަހިކަމާއި، ރައްކާތެރި ފެނާއި އަދި ރަގަޅު ކާނާ ނުލިބި ފަގީރުކަމުގައި މަދުވެގެން 29 މިލިޔަން ކުޑަކުދިން ދިރިއުޅެމުން ގެންދެއެވެ. ދުނިޔޭގައި އެތައް ސަތޭކަ މިލިޔަން މީހުން ފަގީރު ހާލަތުގައި ދިިރިއުޅެމުން ގެންދާއިރުގައި، ސަރުކާރުތަކުން އެތައް ޓްރިލިޔަން ޑޮލަރެއްގެ ހަތިޔާރު ގަންނާތީ، ހަތިޔާރުގެ ވިޔަފާރިކުރާމީހުން ދަނީ ވަރަށް ބޮޑަށް މުއްސަދިވަމުންނެވެ.
އެމެރިކާގައި އެމެޒޯން ކުންފުނީގެ ބާނީ ޖެފް ބެޒޯސް (މިހާރު ދުނިޔޭގެ އެންމެ މުއްސަދި މީހާ) ގެ މިލްކިއްޔާތުގެ އަގު 100 ބިލިޔަން ޑޮލަރަށްވުރެ މައްޗެވެ. އޭނާ އަތުގައި މަދުވެގެން ހަތަރު ގަނޑުވަރު ހުރެއެވެ. އެތަންތަނުގެ އަގު ވެސް އެތައް މިލިޔަން ޑޮލަރަކަށް އަރައެވެ. އަދި އެވަރުން ނުފުދިގެން އޭނާ ދަނީ ޓެކްސާސްގެ ފަރުބަދައެއްގެ ތެރޭގައި، 10،000 އަހަރުވަންދެން ހިގާނެ ގަޑިއެއް ހެދުމުގެ މަސައްކަތަށް 42 މިލިޔަން ޑޮލަރު ޚަރަދުކުރަމުންނެވެ. އެކަމަކު އޭނާގެ ކުންފުނި އެމެޒޯންގެ ގުދަންތަކުގައި މަސައްކަތްކުރާ މުވައްޒަފުން މަސައްކަތްކުރަން ޖެހެނީ ވަރަށް ގިނައިރުވަންދެންނެެވެ. އެމީހުންނަށް ލިބޭ އުޖޫރަ ކުޑަކަމުން އެމީހުން ސިއްހީ ފަރުވާ ހޯދަނީ ސަރުކާރުގެ މެޑިކެއިޑް ޕްރޮގްރާމުންނެވެ. އަދި ކެއުމަށާއި ބޯހިޔާވަހިކަމަށްވެސް އެމީހުން ބިނާވާންޖެހެނީ ޓެކްސްދައްކާމީހުންގެ ލާރިން ހިންގާ ސަރުކާރުގެ ޕްރޮގްރާމްތަކަށެވެ.
ކަންބޮޑުވާންޖެހޭ އަނެއްކަމަކީ މުއްސަދިންގެ މުއްސަދިކަން އިންތިހާއަށް އިތުރުވެ، އާމްދަނީގެ ފަރަގު އިތުރުވެފައިވާ ދުވަސްވަރެއްގައި، ދުނިޔޭގެ އެކި ހިސާބުތަކުގައި މީހުން ޑިމޮކްރަސީއަށް ކުރާ އިތުބާރު ދަށަށް ދިއުމެވެ. މީހުންގެ ފަރާތުން، މީހުންނަށްޓަކާ، މީހުންގެ ތެރެއިން އުފެދޭ ސަރުކާރުތަކަށް ކުރެވޭ އިތުބާރު ކުޑަވުމެވެ. އެންމެ މަތީ ފަންތީގެ މީހުންނަށް ފައިދާވާނެ ގޮތަށް، ދަށުފަންތީގެ މީހުން ގުރުބާންކުރެވިގެން ދުނިޔޭގެ އިގުތިސާދު ގަސްދުގައި ހީލަތްތެރިކަމާއިއެކު ބައްޓަން ކޮށްފައިވާކަން މީހުންނަށް އެގެއެވެ. އަދި އެކަމާ މީހުން ތިބީ ރުޅިއައިސްފައެވެ.
މީގެ 40 އަހަރު ކުރިޔާ އަޅާބަލާއިރު އެމެރިކާގައި އަދި އެހެން ގައުމުތަކުގައި ވެސް، އެތައް މިލިޔަން މީހުން މަސައްކަތް ކުރަނީ ކުރިޔަށްވުރެ ގިނައިރު، ކުރިޔަށްވުރެ މާމަދު އުޖޫރައަކަށެވެ. ގޮތްހުސްވެފައި ތިބެގެން އެމީހުން ބަލަމުން ގެންދަނީ ނުފޫޒުގަދަ މަދު ބަޔަކު އިންތިޚާބުތަކަށް ފައިސާގެ ނުފޫޒު ފޯރުވައި އިންތިޚާބުތައް ގަނެލާތަނެވެ. އަދި ސިޔާސީ ގޮތުންނާއި އިގުތިސާދީ ގޮތުން ކަމުވޮށިގެންވާ ބޮޑުން މުއްސަދިވަމުންދާއިރު، އާންމުންގެ ދަރިންގެ ކުރިމަގު ބަނަވަމުންދާ ތަނެވެ.
އިގުތިސާދީގޮތުން މިހާ ހަމަހަމަކަން ނެތް ދުވަސްވަރެއްގައި، ދުނިޔެ ދެކެމުން މިދަނީ ޚުދުމުޚުތާރުކަމާއި ކަނާތުފިޔައިގެ ހައްދުފަހަނައެޅުން އިތުރުވަމުންދާތަނެވެ. އަދި އޭގެ ސަބަބުން، މުޖުތަމައުގައި ބާކީވެފައިވާ މީހުންގެ ނުރުހުން އިތުރުވެ، ނަސްލީ ރުޅިއާއި ހަމަނުޖެހުމަށް މަގުފަހިވެއެވެ.
ޑިމޮކްރަސީއާއި މުތަގައްދިމް ސަރުކާރެއްގެ މުހިއްމުކަން ގަބޫލުކުރާ މީހުން މިހާރު ކޮންމެހެން ކުރާން ޖެހޭ ކަމަކީ، ދުނިޔޭގައި ތިބި މަދުން އާމްދަނީ ލިބޭ މީހުންނާއި އަދި މަސައްކަތްކުރާ މީހުންގެ ބޭނުންތަކަށް އަލިއަޅުވާލާފައިވާ އެޖެންޑާއެއްގެ ފަހަތަށް މީހުން ގެނައުމެވެ. ރުޅިއާއި ބައިބައިވުމުގެ ބަދަލުގައި އަހަރެމެން ދޭންޖެހެނީ އުއްމީދާއި އެކުއެކީގައި ތިބުމުގެ މެސެޖެކެވެ. ބިލިއަނަރުންގެ ފަންތީގެ މީހުންގެ ދަހިވެތިކަމާއި ދެކޮޅަށް މަސައްކަތްކުރާނެ ބައިނަލްއަގުވާމީ ހަރަކާތެއް އުފައްދާ، އޭގެތެރެއިން އިގުތިސާދީ، އިޖުތިމާއީ އަދި ތިމާވެށީގެ އިންސާފު ހޯދަން އެބަ ޖެހެއެވެ. މިއީ ފަސޭހައިން ކުރެވޭނެ ކަމެއް ހެއްޔެވެ؟ ޔަގީނުންވެސް ނޫނެކެވެ. އެކަމަކު މިއީ އަހަރެމެންނަށް ނުކޮށް ދޫކޮށްލާ ވަރުގެ ހަގުރާމައެއް ނޫނެވެ. ސަބަބަކީ މިކަން ނުކޮށްފިނަމަ ދެން ދިމާވާނެ ގެއްލުންތަކުގެ ބޮޑުކަމެވެ.
އާ ބައިނަލްއަގުވާމީ މުތަގައްދިމް ހަރަކާތަކުން ޖެހެނީ ގައުމުތަކުގެ މެދުގައި އަދި ގައުމުތަކުގެ ތެރޭގައި ހުރި ހަމަހަމަކަން ނެތުމުގެ މައްސަލަތަކަށް ހައްލެއް ހޯދަން މަސައްްކަތް ކުރާށެވެ. ފަގީރުންނާއި މަސައްކަތްތެރިންގެ ދިރިއުޅުމުގެ ފެންވަރު މަތިކުރުމަށް ރޭވިފައިވާ ގައުމީ އަދި ބައިނަލްއަގުވާމީ ސިޔާސަތުތަކަށް އެފަދަ ހަރަކާތަކުން ތާއީދުކުރަން ޖެހެއެވެ. ވަޒީފާގެ ފުރިހަމަ ފުރުސަތުތަކާއި، ދިރިއުޅެވޭނެވަރުގެ އުޖޫރައެއް ދިނުމާއި، ހުރިހާ އެންމެންނަށް ވެސް މަތީ ތައުލީމުގެ ފުރުސަތުތައް ލިއްބައިދިނުމާއި، ސިއްހީ ފަރުވާއާއި، އިންސާފުވެރިކޮށް ވިޔަފާރިކުރެވޭނެފަދަ އެއްބަސްވުންތައް ފަދަ ސިޔާސަތުތަކެވެ. މީގެ އިތުރަށް އަހަރެމެން ޖެހެނީ ކުންފުނިތަކުގެ ބާރު ވަކި އިމެއްގެތެރޭ ބަހައްޓާ، މޫސުމަށް އަންނަ ބަދަލުތަކުގެ ސަބަބުން ދުނިޔެއަށް ލިބެމުންދާ ތިމާވެށީގެ ގެއްލުންތައް ހުއްޓުވާށެވެ.
ތިރީގައި މިވަނީ އަހަރެމެން ކުރަން ޖެހޭ ކަންތަކުގެ ކުޑަ މިސާލެކެވެ. މީގެ އަހަރުތަކެއް ކުރިން، ޓެކްސް ޖަސްޓިސް ނެޓްވާކުން އަންދާޒާކޮށްފައިވާ ގޮތުގައި އެންމެ މުއްސަދި މީހުންނާއި އަދި އެންމެ ބޮޑެތި ކުންފުނިތަކުން ވަނީ މަދުވެގެން 21 ޓްރިލިޔަން ޑޮލަރާއި 32 ޓްރިލިޔަން ޑޮލަރާއި ދެމެދުގެ އަދަދެއް 'އޯފްޝޯ ޓެކްސް ހޭވަން" ގެ ގޮތުގައި ސިފަކުރެވޭ ގައުމުތަކުގައި ފޮރުވާފައެވެ. ބޭރުމީހުންނަށް ޓެކްސްއަށް މަކަރުހެދުމަށް މަގުފަހިކޮށްދޭފަދަ ލުއި ގަވާއިދުތަކެއް ހުންނަ މިފަދަ ގައުމުތަކުގައި ފައިސާ ފޮރުވީ ދައްކަން ޖެހޭ ރަގަޅު އަދަދަށް ޓެކްސް ނުދެއްކުމަށެވެ. މިގޮތަށް ފައިސާ ފޮރުވުން ހުއްޓުވަން އަހަރެމެން މަސައްކަތްކޮށްފިނަމަ، ޓެކްސްގެ ގޮތުގައި ދައުލަތްތަކަށް ވަންނަ ފައިސާއިން ދުނިޔޭގެ ބަނޑުހައިހޫނުކަން ނައްތާލެވި، އެތައް ސަތޭކަ މިލިޔަން ވަޒީފާއެއް އުފެދި، އަދި އާމްދަނީއާއި މުއްސަދިކަމުގެ ތަފާތުތައް ވަރަށް ބޮޑަށް ކުޑަކުރެވިދާނެއެވެ. އަދި ދެމެހެއްޓެނިވި ދަނޑުވެރިކަން ކުރަން ފެށި، ތެލަށް ބިނާވެފައިވާ ހަކަތައިގެ ނިޒާމަކުން އިޔާދަކުރަނިވި ހަކަތައިގެ ނިޒާމަކަށް ބަދަލުވެވިދާނެއެވެ.
ވޯލް ސްޓްރީޓްގެ ދަހިވެތިކަމާއި، ބޮޑެތި ކުންފުނިތަކުގެ ބާރާއި އަދި ދުނިޔޭގެ ބިލިޔަނަރުންގެ ފަންތީގެ ނުފޫޒު ކުޑަކުރުމަށް މަސައްކަތް ކުރުމަކީ އެންމެ ހެޔޮގޮތް ކަމަށް ވުމުގެ އިތުރަށް އެއީ ދުނިޔޭގެ މަސްލަހަތަށް ބަލާއިރު ވެސް ކުރަން ޖެހޭ ކަމެކެވެ. ޔޫއެންޑީ÷ިޕީގެ ދިރާސާއަކުން ދައްކާގޮތުގައި ހަމަހަމަކަން ނެތުމާއި، ކަރަޕްޝަނާއި އަދި ބާކީވުމާއިމެދުގައި މީހުން ދެކޭގޮތަކީ ކަނާތުފިޔައިގެ ހައްދުފަހަނައެޅުމާއި އަނިޔާވެރި ގްރޫޕްތަކަށް މުޖުތަމައަކުން ތާއީދުކުރާނެކަން އެންމެ ފަސޭހައިން ލަފާކުރެވޭނެ މިންގަޑެވެ. މީހުންނަށް އެމީހުންނާއި ދެކޮޅަށް ހުރިހާކަމެއް ރޭވިފައިވާ ކަމަށާއި އަދި ގާނޫނީ އިމުގެ ތެރެއިން ހައްލެއް ފެންނާން ނެތްކަމަށް ހީވެއްޖެނަމަ އެމީހުން މައްސަލަ އިތުރަށް ބޮޑުވެގެންދާފަދަ ގެއްލުންދެނިވި މަގެއް އިޚުތިޔާރުކުރުމުގެ ފުރުސަތު ބޮޑެވެ.
މިއީ ދުނިޔޭގެ ތާރީޚުގައި ވަރަށް މުހިއްމު ދަޑިވަޅެކެވެ. ޓެކްނޮލޮޖީ ކުރިއަރާފައިވާ މިންވަރުން، ދުނިޔޭގެ މުއްސަދިކަން ހަމަހަމަކަމާއި އިންސާފުން ބަހާލުމުގެ ވަސީލަތްތައް އަހަރެމެން އަތުގައި އެބަހުއްޓެވެ. ފަގީރުކަން ނައްތާލުމަށާއި، ދުނިޔޭގައި ދިރިހުންނާނެކަމަށް އުއްމީދުކުރެވޭ އުމުރު މަތިކުރުމަށާއި އަދި ޚަރަދުކުޑަ އަދި ތަޣައްޔަރުނުކުރާ ހަކަތައިގެ ނިޒާމެއް އުފެއްދުމަށް ބޭނުންވާ ވަސީލަތްތައް އަހަރެމެން އަތުގައި އެބަހުއްޓެވެ.
އަހަރެމެން އެންމެން އެކީ ތެދުވާނެ ހިތްވަރު ހުރެއްޖެނަމަ، އަދި އެމީހުންގެ ބައި ބޮޑުކުރަން އަބަދު މަސައްކަތްކުރަމުންދާ ނުފޫޒުގަދަ މީހުންނާ ދެކޮޅަށް މަސައްކަތްކޮށްފިނަމަ، މިއީ އަހަރެމެންނަށް ކުރެވިދާނެ ކަމެކެވެ. މިއީ އަހަރެމެންގެ ދަރިންނާއި، ކާފަ ދަރިންނާއި އަދި މިދުނިޔޭގެ މުސްތަގުބަލަށްޓަކާ އަހަރެމެން ކޮންމެހެން ކުރަން މަޖުބޫރު ކަމެކެވެ.
----
ބަރނީ ސޭންޑާސް އަކީ އެމެރިކާގެ ގާނޫނު ހަދާ މަޖިލީހުގެ މަތިގެ ކަމަށްވާ ސެނެޓުގެ މެންބަރެކެވެ. މިމަޒުމޫނަކީ އިގިރޭސީ ވިލާތުގެ ނޫހެއް ކަމަށްވާ 'ދަ ގާޑިއަން' ގައި 14 ޖެނުއަރީ 2014 ވަނަ ދުވަހު ޝާއިއުކޮށްފައިވާ މަޒުމޫނެކެވެ.
މިމަޒުމޫނު ތަރުޖަމާކޮށްފައިވަނީ 'އިދިކީލި' ގެ ފަރާތުންނެވެ. އިދިކީލިއަކީ ދިވެހިރާއްޖޭގައި ރައްޔިތުން ބާރުވެރިކުރުވުމަށް މަސައްކަތްކުރާ އިންޓަރެސްޓް ގްރޫޕެކެވެ.
Read more
Thursday, February 01, 2018
ބިލިއަނަރުންގެ މުށުތެރެއިން ބާރު އަނބުރާ އަތުލަމާ
Posted by idhikeeli at 11:51 PM 0 comments
Subscribe to:
Posts (Atom)