ތިރީގައި މިވާ ފޯކްލޯ ލިޔުއްވައި ޢާއްމުކޮށް ދެއްވާފައިވަނީ އަލްމަރުޙޫމް ޢަބްދުލްޙަކީމް ޙުސައިން މަނިކެވެ. ޝާއިޢުކޮށްފައިވަނީ ދިވެހިރާއްޖޭގައި ކުރިން ނެރުނު މަޖައްލާއެއް ކަމަށްވާ އަމާޒުގެ 84 ވަނަ ޢަދަދު (ޖުލައި 1979) ގައެވެ. މިފޯކްލޯ އަލުން މިބްލޮގްގައި ޝާއިޢުކުރަން ގަސްދުކުރީ، ދިވެހިރާއްޖެ ތިންބާރު ވަކިވެފައިވާ ވެރިކަމުގެ ނިޒާމެއް އަލަށް ތަޖުރިބާ ކުރަމުން ގެންދާއިރު، އަދުލު އިންސާފު ގާއިމްކުރުމުގެ ބާރު ހިގަމުންދާ ދޯދިޔާކަމުގެ ސަބަބުން، އެބާރު އިސްލާހު ކުރުމަށް އާރޫހަކާ އެކު މަސައްކަތް ކުރުމަށް، ދިވެހި ރައްޔިތުންނަށް ހިތްވަރުދީ ސާބަސް ދިނުމުގެ ގޮތުންނެވެ. އެހެނީ ތާރީޚީ ވާހަކަތަކާއި ފޯކްލޯތަކުން ކާބަފައިން އުޅުނު ގޮތްތައް ހޯދައިގެން މެނުވީ ގައުމެއްގެ ގޮތުގައި މުސްތަގުބަލު ކުރަހަން ފަސޭހައެއް ނުވާނެއެވެ.
ދިވެހި ރަސްކަލެއްގެ ޢަދުލު އިންސާފުގެ ވަރުގަދަކަން
ފެހެންދޫ ރަސްގެފާނުގެ ތާރީޚާއި ތާރީޚާއި ގުޅޭ ފޯކްލޯ އެއް
ޢަބްދުލްޙަކީމް ޙުސައިން މަނިކު
ފެހެންދޫ ޢުސްމާން ރަސްގެފާނުގެ ކޮލީ ނަންފުޅަކީ، ސިރީ ސުންދުރަ މަހާރަދުންނެވެ. މިރަސްގެފާނަކީ، މާޅޮސްމަޑުލު ދެކުނުބުރި ފެހެންދޫ މީހެކެވެ. މިރަސްގެފާނަކީ، ކުރިން އާދައިގެ މީހެކެވެ. އެއްގޮތަކުން އަނެއްގޮތަކުން ކުރިއަރަމުން އައިސް ރަސްކަން ލިބިވަޑައިގަތީއެވެ. މިރަދުންގެ ނަސަބެއް އެގޭކަށް ނެތެވެ. މިރަދުން ރަސްކަން ކުރެއްވީ ވާހަކައިގައި ކިޔާ ގޮތުގައި 5 އަހަރުއެވެ. އެކަމަކު މުޙައްމަދު އަމީންގެ ތާރީޚުގައި ބުނަނީ 1388 މ. އިން 1388 މ. އަށެވެ. އަޅުގަނޑުމެންގެ މައުޟޫއަކީ ފޯކްލޯއެއް ލިޔުން ކަމުގައި ވާތީ، ޙަޤީޤީ ތާރީޚާއި ބެހިގެން ލިޔާ ބަޔާނެއް ކަމަށް ނުވާތީ އެކަމާ ބެހޭ މާގަދަ ފޯރިއެއް ނަގާކަށް ނެތީމެވެ. އަވަހަށް ރުޖޫޢަވަނީ ފޯކްލޯ ލިޔުމަށެވެ.
ފޯކްލޯ
މިރަސްގެފާނު އާދައިގެ މީހަކަށް ހުންނެވި ދުވަސްވަރު ފެހެންދޫގެ ޢާއްމު ރައްޔިތަކު އަތުން ދަރަންޏަށް ގެންނަވާފައިވާ ދެ ކޮއްޓޭބޮލި، ރަސްކަން ލިބިވަޑައިގެންނެވި އިރު ވެސް އޮތީ އަދާނުކުރެވިއެވެ. މިމީހާގެ ދަރިފުޅަށް ކިޔަނީ ހޮޅުބާރުކޮއި ކަމަށް ވާހަކައިގާ ކިޔައެވެ. މިކޮޔަކީ، ވަރަށް ހަރުދަނާ ކުއްޖެކެވެ. ރައިވަރަށް ވިދާބަބުޅާފައިވެއެވެ. ފަހުން ރަދުންގެ ޚައްދާމް ބޭކަލަކަށް ވެސް ހެއްދެވި ކަމަށް ވާހަކައިގާ ކިޔައެވެ.
ރަދުން ދަރާވަޑައިގެންފައިވާ މީހާގެ ހުންނަ ފިރިހެން ދަރިފުޅެއް (ހޮޅުބާރުކޮއި) މައިންބަފައިންގެ ނަސޭހަތާއި އިދިކޮޅަށް ފަނޑިޔާރުގެއަށް ގޮސް ރަސްގެފާނާއި، ދެ ކޮއްޓޭބޮލި ލިބުން އެދި ދަޢުވާ ކުރިއެވެ. ފަނޑިޔާރު ކަލޭފާނު ދަޢުވާ އައްސަވައި، ރަސްގެފާނު ތިކަހަލަ ކަމެއް ކުރައްވާފައެއް ނޯންނާނެއެވެ. ކަލޭ ތިޔަކުރަނީ ދޮގު ދަޢުވާ އެކޭ ބުނުއްވާ މިކޮއި ރަސްގެފާނުގެ އަބުރުފުޅާ ބެހުނުކަމަށް ޙުކުމް ކުރައްވައި ތަޢުޒީރު ކުރައްވަނީއެވެ. މިހެން ހެއްދެވި ދުވަހުގެ ހަވީރު އެއްވެސް ސަބަބެއް ނުއަންގަވާ ފަނޑިޔާރު ކަލޭގެފާނު ގެންނަވާ ގަސްދޮށުގައި ރަސްމީގޮތުން ބުރިހަން ގަނެ އަރުވާލައްވައިފިއެވެ. އަދި އެހެން ބޭކަލަކަށް ކީރިތި މަހާރަދުން ފަނޑިޔާރުކަން ދެއްވައިފިއެވެ. މިފަނޑިޔާރު ކަލޭގެފާނަށް ދެތިން މަހެއްވީއިރު ހަމަ އެއްކަލަ ކޮއި އަނެއްކާވެސް ފަނޑިޔާރުގެއަށް އައިސް ކީރިތި މަހާރަދުން އެމީހުންނަށް ދެ ކޮއްޓޭބޮލި ދެއްވަން އޮންނަ ކަމަށް ދަޢުވާ ކޮށްފިއެވެ. މިއަދުވެސް ފަނޑިޔާރު ކަލޭގެފާނު ކަންތައް ކުރެއްވީ، ކުރީގެ ފަނޑިޔާރު ކަލޭގެފާނު ކަންތައް ކުރެއްވި ގޮތަށެވެ. ކީރިތި މަހާރަދުން މިފަނޑިޔާރު ކަލޭގެފާނު ވެސް ގެންނަވައި ވަކިކަމެއް ނާންގަވައި ބުރިހަން ގަތްފައި އަރުވާލައްވައިފިއެވެ.
ސަބަބެއް ނެތި ފަނޑިޔާރު ބޭކަލުންނަށް ލިބުނު އަދަބުގެ ވާހަކަ ރާއްޖޭގައި މަޝްހޫރުވަމުން އެބަދެއެވެ. ކީރިތި މަހާރަދުން އެދިވަޑައިގަތީމާ ކޮންމެ ބޭކަލަކު ވެސް ކޮންމެވެސް ޢުޒުރެއް ދައްކަވައި ފަނޑިޔާރުކަން ބޮލުއެޅުއްވުމުން ވަކިވެވަޑައިގަތުން ޢާއްމުވެއްޖެއެވެ.
އެއްރެއަކު ދަމުއަށީ ބޭކަލުންގެ ބަޔަކު މާވެޔޮފަތްމަތީ ތިބެގެން ވާހަކަ ދައްކަނީއޭ، މިހާރު މިއޮއް ޖެހޭ ކަމަކުން ފަނޑިޔާރުކަމާ ޙަވާލުވާނެ މީހަކުވެސް ނުތްވެވެ. ޝަރީޢަތްތައް ހުންނަނީ، ގުޅަޖެހިފައެވެ. މީސްތަކުންގެ ޙައްޤު ދަނީ ނުލިބެމުންނެވެ. ކާވަނިތައް ހުންނަނީ ނުވެވިފައެވެ. މިއަޑު އަހަން އެހިސާބުގަޑުގެ ޒުވާންކުއްޖެއް މާވެޔޮފަތްމަތީގައި އެބައިނެވެ. މިކޮއި ތެދުވެގެން އައިސް ދަމުއަށީ ބޭކަލުންނަށް ނަންގަތެވެ. ތިޔަބޭކަލުން ކީރިތި މަހާރަދުންނަށް ދަންނަވާށެވެ. އަޅުގަނޑު ފަނޑިޔާރުކަމާ ޙަވާލުވެދާނަމެވެ. ކޮންމެއަކަސް މިއަޑު ލަހެއްނުވެ، ރަދުންނަށް އިވިވަޑައިގެންފިއެވެ. ގަނޑުވަރަށް މިދެންނެވި ކޮއި ޙާޒިރުކޮށް ފަނޑިޔާރުކަމުގެ ވަލީ އެކޮޔާއި މަތިކުރައްވައިފިއެވެ. މީނާ، ކީރިތި މަހާރަދުންނަށް ކުރުނީސްކޮށް ފަނޑިޔާރުގެއަށް ދުރުވެ ޝަރީޢަތް ހިންގަން ފަށައިފިއެވެ. ހަމަ ކުޑަ ދުވަސްކޮޅެއް ވީތަނާ އެއްކަލަ ކޮއި ފަނޑިޔާރުގެއަށް އައިސް ކީރިތި މަހާރަދުންނާ ދެ ކޮއްޓޭބޮލީގެ ދަޢުވާ ކޮށްފިއެވެ. މީނާ، އެދަޢުވާ އައްސަވައި ފަނޑިޔާރު ކަލޭފާނު ދޭވާންޏަކަށް އަންގަވައިފިއެވެ. ކަލޭ ފާރަވެރިންގެ ދޮރޯއްޓަށް ގޮސް މާބަނޑޭރި މަނިކުފާނަށް ނަންގަންނާށެވެ. ވަރަށް ނިކަމެތި ކުއްޖަކު އޭނާގެ މައިންބަފައިންނަށް ކީރިތި މަހާރަދުން ދެއްވަން އޮންނަ ދެ ކޮއްޓޭ ބޮއްޔާއި ބެހޭގޮތުންނޭ ބުނެ ދަޢުވާއެއް އެބަކުރެއެވެ. މިހެންކަމުން ރަސްކަލެއްގެ ގޮތުން މުޅިން ވަކިވެވަޑައިގެން ފަނޑިޔާރުގެއަށް އާދައިގެ މީހެއްގެ ގޮތުގައި ވަޑައިގެން ދެއްވުން އެދެމެވެ. މާބަނޑޭރި މަނިކުފާނު ހަމަ ދެންނެވުމާއިއެކު ކީރިތި މަހާރަދުން އަވަސް އަވަހަށް އާދައިގެ ހެދުންކޮޅަށް ލުންގިކޮޅުން ބަދަލުވެވަޑައިގެން ފަނޑިޔާރުގެއަށް އެހެންވެސް މީހަކު އަންނާނޭ ގޮތަށް ވަޑައިގެންފިއެވެ. އަދި ވަރަށް އަދަބުވެރިކަމާއި އެކު، ދަޢުވާކުރާ ކުއްޖާ ހުރިތާ މަޑުމަޑުން އެބަހުންނެވިއެވެ. ފަނޑިޔާރު ކަލޭގެފާނު އޭނާގެ ގޮޑީގާ ވަރަށް ސީރިއަސްކޮށް އެބައިންނެވިއެވެ. އިސްއުފުލާ ބައްލަވާ ލައްވާފައި ދޭވާންޏެއް ގާތު ވިދާޅުވިއޭ، ބެއްޔާ ދަޢުވާ ކުރާ ކޮޔާ ދަޢުވާ ލިބޭ މީހާ އަހަރެންގެ ކައިރިއަށް އަންނަން ބުނާށެވެ. ދެން ކީރިތި މަހާރަދުންނާ، މިހެނީ ފެހެންދޫ ޢުސްމާނާ، ދަޢުވާކުރާ ކޮޔާ އައިސް ފަނޑިޔާރު ކަލޭފާނު ބުނުއްވި ހިސާބެއްގައި މަޑުކޮށްފިއެވެ. ފަނޑިޔާރު ކަލޭގެފާނު އެބަ ބުނުއްވައެވެ. ކަލޭ ކުރާ ދަޢުވާ އިއްވަބަލާށޭ، މިކުއްޖާ އެބަ ދަންނަވައޭ، އަޅުގަނޑުގެ ދަޢުވާއަކީ، މިހުންނެވި ޢުސްމާން ފެހެންދޫގެ އާދައިގެ ރައްޔިތަކަށް ހުންނެވި ދުވަސްވަރު އަޅުގަނޑުގެ ބައްޕަގެ އަތުން ދެ ކޮއްޓޭ ބޮލި ދަރަންޏަށް ގެންދަވާފައި އަދިވެސް ނުދެއްވަނީއެވެ. ފަނޑިޔާރު ކަލޭފާނު ބުނުއްވައިފިޔޭ، މިދަޢުވާ ދުވަހަކުވެސް ކަލޭ ކުރީމުހޭ، އެކޮއި ދެންނެވިއޭ، ދެފަހަރަށް ފަނޑިޔާރުގޭގައި ދަޢުވާ ކޮށްފީމެވެ. ކޮންމެ ދުވަހަކު ވެސް ފަނޑިޔާރު ކަލޭގެފާނަކު އަންގަވަނީ ކީރިތި މަހާރަދުން މީހަކަށް ދަރައިގެން ދަރަނި އަދާނުކުރައްވައެއް ނުހުންނަވާނެއެވެ. ކަލެއަކީ، ރަދުންގެ އަބުރުފުޅާ ބެހޭ މީހެކެވެ. ދެން ފަނަރަ ފަހަރަށް ތަޢުޒީރު ކުރައްވާފައި ފޮނުއްވާ ލައްވަނީއެވެ. އެހެން ނަމަވެސް އަޅުގަނޑުމެންނަށް ލިބެންވާ ދެ ކޮއްޓޭ ބޮލި އޮތީ ނުލިބިއެވެ.
ފަނޑިޔާރު ކަލޭފާނު، ކީރިތި މަހާރަދުން (ފެހެންދޫ ޢުސްމާނު) އާއި ސުވާލުކުރައްވައިފިއެވެ. ވިދާޅުވިއެވެ. އެއީ، ތެދެކެވެ. އަޅުގަނޑު އޭނާގެ ބައްޕައަށް ރަށުގައި އުޅުނު ދުވަސްވަރު ދެ ކޮއްޓޭ ބޮއްޔަށް ވަނީ ދަރާފައެވެ. ފަނޑިޔާރު ކަލޭފާނު ޙުކުމް ކުރެއްވިއެވެ. މައްސަލަ އިޢުތިރާފުން ސާބިތު ވުމާއެކު، ޢުސްމާނު އެކޮޔަށް ލަސްވެގެން ތިން ދުވަހުގެ ތެރޭ ހަމަ ދެ ކޮއްޓޭ ބޮލި ދިނުމަށް ޙުކުމް ކޮށްފީމެވެ. ދެން ކަލޭމެން ދެމީހުން ޞުލްޙަވެރިކަމާއެކު އެނބުރި ދާންވީއެވެ.
ކޮންމެއަކަސް މިއަދު ހަވީރު ފަނޑިޔާރު ކަލޭފާނު ބުރިހަން ގަންނަ ވާހަކައެއް ރަށުތެރޭގައެއް ނުފެތުރުނެވެ. ފަނޑިޔާރުކަން ސާބިތުކަން މަތީގައި ހިގަމުން ދިޔައެވެ. މީހުން ބުނާގޮތުގައި މިކޮޔަކީ، މިހެނީ ފަނޑިޔާރުކަން ލިބުނު ކޮޔަކީ، މާވެޔޮދޮށުގައި ހުންނަ ނިކަގަސްދޮށުގޭ ޢަލީއެވެ. މީނާއަށް ފަނޑިޔާރުކަމަށް ކޮލިލީމާ ލިބުނު ކޮލީ ނަންފުޅަކީ ޢަލީ ޝަރަފުއްދީނެވެ.
ހޮޅުބާރުކޮޔާ ބެހިގެން ކިޔާ ވާހަކައެއް
ތަޢާރަފު ކުރާގޮތުން ހޮޅުބާރުކޮޔާ ބެހޭ އެއްވެސް ތާރީޚަކުން ނޭގޭ ވާހަކައެއް ކިޔަމުން އާދެއެވެ. މިހެނީ، ހޮޅުބާރު ކޮޔަކީ ވަރަށް ހިތްވަރުގަދަ ޙައްޤަށް ލޯބިކުރާ ކޮޔެކެވެ. މީނާއަކީ، ފެހެންދޫ ރާވެރި މޫސާގެ އަހުމަދުގެ ދޮން ހަސަނެވެ. މީނާއަށް އެންމެން ކިޔާ ނަމަކީ، ނުވަތަ ފަންވަތު ނަމަކީ، ހޮޅުބާރު ކޮޔެވެ. ވާހަކަ ކިޔާގޮތުގައި މީނާގެ މަންމައަކީ، ހިތަދޫ ބަނޑޭރި އީސާގެ ދަލޭކައެވެ. މިދެމީހުންނަށް ލިބުނީ ހޮޅުބާރު ކޮޔާއި މީނާގެ ކޮއްކޮ ދޮން ފާތުމަތެވެ. މިކުއްޖަކީ ވަރަށް ރީތި ކުއްޖެކެވެ. ފެހެންދޫ ރަސްގެފާނުގެ ޚައްދާމް ބޭކަލަކަށް ފޯކްލޯގައި ބުނެފައިވަނީ ވެސް މި ހޮޅުބާރު ކޮއި ކަމަށް ވާހަކައިގައި ކިޔައެވެ. މިދިޔައީ އެއްގޮތަކަށް ވެސް ތާރީޚެއް ނޫނެވެ. މުޅިންވެސް ފޯކްލޯ އެވެ. މީނާގެ ނަންހުރި ދެ ރައިވަރު މިވާހަކައިގައި ލިޔަމެވެ. މިދެރައިވަރަކީ އައްސައްޔިދު ބޮޑުފެންވަޅުގޭ ސީދީ އަޅުގަނޑަށް ދަސްކޮށްދެއްވި ދެ ރައިވަރެވެ. މިރައިވަރާ ބެހޭގޮތުން ސީދީ ވިދާޅުވަނީ ހޮޅުބާރު ކޮއި ފުޅަފެއް އަޅަން އިންދާ މީހަކު އައިސް ހުއްޓިފާ ބުންޏެވެ. ކޮޔާއޭ، ކަލޭ ދެފަންތޮށިން އެއްފަންތޮއްޓަށް ތިޔަ ބަހައްޓަނީ ކުރީގައި ހުރި ފުޅަފުގެ ބާފަން ތޮއްޓެވެ. ތިޔަހެން ހެދީމާ ވާނެ ގޮތަކީ، އަނެއްކާވެސް ބާފަންތޮށި މާއަވަހަށް ފީވާނީއެވެ. މީގެ ޖަވާބުގައި އޭނާ ކީ ތިރީގައި މިވާ ރައިވަރެވެ.
ފީފަންތޮށިން އެޅިޔެކޯ
މީހެއްގެ ފުޅަފެކޭ ކީތަ
މީހުނަކާއި ކީކީތަ
ގޮއިދޫ ކުދިން ދުވާނެތެ
އޮއިވަރެއްހެން ދުވާ ބާރު
ކޮއި ހޯދަން ހޮޅުބާރު
މި ދެރައިވަރުގެ ހަރުދަނާ ކަމަށް ވިސްނި ކޮންމެ މީހަކަށް ހޮޅުބާރު ކޮއިގެ ހަރުދަނާކަން އިސްވެދިޔަ ތާރީޚީ ވާހަކައިގެ އިތުރަށް ވެސް އެގޭނެއެވެ. ގޮއިދޫގައި ހޮޅުބާރު ކޮޔަކީ އައްސައްޔިދު ބޮޑުފެންވަޅުގޭ ސީދީ ވިދާޅުވާ ގޮތުގައި ވަރަށް އިޙުތިރާމް ދެވޭ ބޭކަލެކެވެ. ވީމާ، އޭނާ އެދަތުރު ދިޔައިމާ އެއްގޭގައި ކާން އިންދާ އަނެއް ގެއިން ކާން ބަލާ އަންނަނީއެވެ. މިހެންވީމާ، އެމީހުން ހޮޅުބާރު ކޮޔަށް ދިން ތަރުޙީބާ ހޯދަން ހިގިގޮތް އެއީ އޮއިވަރު އެއްރަށުން އަނެއްރަށަށް ނެއްޓިގެންދާ ގޮތެވެ. މިގޮތުން ރައިވަރުގައި ހުރި ބަލާޣަތް ސާބިތުކޮށްދެއްވިއެވެ.
މިބާވަތުގެ ވާހަކަ ކިޔުއްވާތީ އަޅުގަނޑު އަހަނީ، އަޅުގަނޑުގެ ޢިއްޒަތްތެރި ބައްޕަ އަލްމަރުޙޫމް ޙުސައިން މަނިކު (ކަޅުޢަލިމަނިކުގެ ދޮންމަނިކުގެ ޙުސައިން މަނިކު) ބ. އަތޮޅު ދަރަވަންދޫ ކަތީބު އަލްފާޟިލު އަލްމަރުޙޫމް މުޙައްމަދު ކަލޭފާނަށާ، ހަމަ މިއަތޮޅު ފެހެންދޫ މާމުދިމް ޒަކަރިއްޔާއަށް ކިޔާދެއްވާ އަޑެވެ. މިބާވަތުގެ ވާހަކަ ކިއުއްވަނީ، ރޭގަނޑު ކެއިން ބައްލަވައިގެން ކުޑައަށީ ހުރަސްކުނަލުގައި ބޮޑުބާލީހުގައި ލައްގަނެގެން އިންނަވައިގެންނެވެ. އެދެބޭކަލުން ތިއްބަވަނީ ބޮޑުއަށީގެ ހިތާމަވަޅުން ފެށިގެން ދެކުނަށް ޖެހިޖެހިގެންނެވެ. ކުޑައަށީ ފާލާކޮޅުގައި ކުޑަދުންމާރިގޭ މުޙައްމަދު މަނިކު ބާލީހެއްގައި ލެގިލައްވައިގެން އޮންނަވައެވެ.
Tuesday, July 06, 2010
ދިވެހި ފަނޑިޔާރެއްގެ ޢަދުލު އިންސާފުގެ ވަރުގަދަކަން
Posted by idhikeeli at 6:36 PM
Subscribe to:
Post Comments (Atom)
No comments:
Post a Comment