ބަރުލަމާނީ ނިޒާމަށް އެމްޑީޕީއިން ކުރަމުން ގެންދާ ކެމްޕޭނުގައި ރައްޔިތުންނަށް އޮޅުވާލުމުގެ ސިލްސިލާ ހުއްޓުމެއް ނެތި ކުރިޔަށް އެބަގެންދައެވެ. ޓީވީ މޯލްޑިވްސް އިން ދެނިޒާމުގެ މައުލޫމާތު ދިނުމަށް ސިޔާސީ ޕާޓީތަކަށް ދޭ ގަޑީގައި އާދީއްތަ ދުވަހުގެ ރޭ 9.30 ގައި އެމްޑީޕީއަށް ލިބުނު ފުރުސަތުގައި ގިނައިން ފެތުރީ ދޮގު މައުލޫމާތެވެ.
ބަރުލަމާނީ ނިޒާމަކަށް އެމްޑީޕީ އިން ހިންގަމުން ގެންދާ ކެމްޕޭންގައި ރައްޔިތުންގެ ތާއީދު ހޯދުމަށްޓަކައި ބޭނުންކުރާ އެއް އުކުޅަކީ ރާއްޖޭގައި މިހާރު އޮތް ހުދުމުހުތާރު ވެރިކަމަކީ ރިޔާސީ ނިޒާމެއް ކަމަށް ސިފަ ކުރުމެވެ. ޓީވީއެމް އިން ފޮނުވި ޕްރޮގްރާމްގައި ވެސް އެމްޑީޕީގެ ޕާލަމެންޓަރީ ގްރޫޕްގެ ލީޑަރ މުހަންމަދު ޝިހާބު އަދި އެޕާޓީގެ ހިޔަނި ކެބިނެޓްގެ ވަޒީރާ ހިޝާން ހުސައިން ވެސް ވަނީ މިމޭރުމުން ވާހަކަ ދައްކާފައެވެ.
އެންމެ ބޮޑަށް އޮޅުވާލައިގެން ވާހަކަ ދެއްކީ ރައްޔިތުންގެ ހާއްސަ މަޖިލީހުގެ މެންބަރު ނަފާ ނަސީމެވެ. އޭނާ ދެއްކި ވާހަކައިން އޭނާއަށް ޖުމްހޫރިއްޔަތު (ރިޕަބްލިކް) އާއި ރިޔާސީ ނިޒާމުގެ ތަފާތު ނޭގޭ ކަން ހާމަވެގެން ދިޔައެވެ. ނަފާ ނަސީމް ބުނީ 1968 ވަނަ އަހަރު ދިވެހި ރައްޔިތުން ވޯޓުލީ ރާއްޖޭގައި އޮންނަން ފެންނަނީ ރަސްކަމެއްތޯ ނުވަތަ ޖުމްހޫރިއްޔަތެއް/ރިޔާސީ ނިޒާމެއްތޯ ކަމަށެވެ. އަދި ދުނިޔޭގައި ރަސްކަން އެއީ ބޯދާ އެއްޗަކަށްވެ ދެން އައީ ރައީސުން ވެރިކަމުގައި ތިބޭ ނިޒާމު ކަމަށްވާ ރިޔާސީ ނިޒާމް ކަމަށާއި އޭގެ ފަހުން އައީ މިޒަމާނުގެ ވެރިކަން ހިންގުމުގެ ނިޒާމު ބަރުލަމާނީ ނިޒާމު ކަމަށް ވެސް ނަފާ ނަސީމް ބުންޏެވެ.
މުހަންމަދު އަމީންގެ ފަހުން ދެން ވެރިކަމަށް އައި ފަރާތްތަކުން ހުދުމުހުތާރު ނިޒާމަކަށް ގެންދަން ބޭނުންވީމާ ބަދަލުކޮށްލީ ރިޔާސީ ނިޒާމަކަށް ކަމަށް ވެސް ނަފާ ނަސީމް ބުންޏެވެ. އަދި މިހާރު ރާއްޖޭގައި އިވެމުންދާ އަޑަކީ ދެވަނަ ޖުމްހޫރިއްޔާ މިއޮތީ ފޭލްވެފައޭ އަދި ރިޔާސީ ވެރިކަން އޮތީ ފޭލްވެފައޭ ކަމަށް ވެސް ނަފާ ނަސީމް ބުންޏެވެ.
ހަގީގަތުގައި ޖުމްހޫރިއްޔާ އާއި ރިޔާސީ ނިޒާމަކީ ތަފާތު ދޭއްޗެކެވެ. 1968 ވަނަ އަހަރު ދިވެހިންގެ ކުރިމައްޗަށް އައި ސުވާލަކީ ބޭނުންވަނީ ރަސްކަމެއްތޯ ނުވަތަ ޖުމްހޫރިއްޔަތެއްތޯ އެވެ. 1953 ވަނަ އަހަރު ވެސް ދިވެހިންގެ ކުރިމައްޗަށް އައި ސުވާލަކީ ހަމަ އެއީއެވެ. ދިވެހިރާއްޖެއަށް މިހާތަނަށް އަދި ރިޔާސީ ނިޒާމެއް ނާދެއެވެ.
ރަސްކަން އޮތް ބައެއް ގައުމުތަކުގައި ބަރުލަމާނީ ނިޒާމު ތައާރަފުކުރި ފަހުން ވެރިކަމުގެ ބާރުތައް ވަކިކުރުމުގެ ބޭނުންތެރިކަމަށް މޮންޓެސްކޫ ފަދަ ލިޔުންތެރިން ލިޔުއްވާ އެހިޔާލުތަކަށް މަގުބޫލުކަން ލިބުމުގެ ސަބަބުން ރިޔާސީ ނިޒާމު ދުނިޔެއަށް ތައާރަފުވިއެވެ.
ޖުމްހޫރިއްޔާ އެއީ މުޅިން ގޯސް އެއްޗަކަށް ހަދައިގެން ނަފާ ނަސީމް ވާހަކަ ދެއްކި އިރު ދުނިޔޭގައި ބަރުލަމާނީ ނިޒާމު ހިންގާ ކިތަންމެ ގައުމެއްގައި ޖުމްހޫރިއްޔާ އޮންނަ ކަމެއް އޭނާއަކަށް ނޭގުނެވެ. މިސާލަކަށް ރާއްޖެއާއި އެންމެ ކައިރީ އޮތް އިންޑިޔާއަކީ ވެސް ޖުމްހޫރިއްޔާއެކެވެ. އެއީ ރިޕަބްލިކް އޮފް އިންޑިޔާ އެވެ. އެމީހުން ފާހަގަ ކުރާ ރިޕަބްލިކް ޑޭ އެއް އޮވެއެވެ. އެކަމަކު އިންޑިޔާގައި އޮންނަނީ ބަރުލަމާނީ ނިޒާމެކެވެ. ރަސްކަމެއް އޮންނަ ގައުމެއް ކަމަށްވާ އިގިރޭސި ވިލާތުގެ ރަސްކަން އުވާލައި ޖުމްހޫރިއްޔާއެއް ގެންނަން ބޭނުން މީހުން އެގައުމުގައި އެބަތިއްބެވެ. އަދި އޮސްޓްރޭލިއާ ޖުމްހޫރިއްޔަތަކަށް ހަދަން ބޭނުންވާ މީހުން ވެސް އެގައުމުގައި އެބަތިއްބެވެ. އެހިޔާލުތަކަށް ތާއީދު ލިބިއްޖެނަމަ އެގައުމުތައް ކޮންމެވެސް އެއް ދުވަހަކުން ޖުމްހޫރިއްޔާ އޮންނަ ގައުމުތަކަށް ވެގެންދާނެއެވެ. ނަމަވެސް އެގައުމުތަކުގައި އޮންނަނީ ބަރުލަމާނީ ނިޒާމެވެ.
އެމްޑީޕީއިން ކަލާފާނު ސްކޫލްގައި މިދިޔަ ހަފުތާގައި ބޭއްވި ޖަލްސާގައި ވެސް ރައްޔިތުންނަށް އޮޅުވާލައި އެތައް ވާހަކައެއް ދެއްކިއެވެ. ރައްޔިތުންގެ މަޖިލީހުގެ މެންބަރު ހަސަން އަފީފުގެ ވާހަކައިގައި ވަރަށް ބޮޑަށް އޮޅޭ ގޮތަށް މައުލޫމާތު ދިނެވެ.
ރާއްޖެއަށް ޑިމޮކްރެސީ ގެންނަން މަސައްކަތް ކުރާ ނަމުގައި އުޅޭ އެމްޑީޕީ އިން މިހާވަރަށް ރައްޔިތުންނަށް އޮޅުވާލަމުން ގެންދިއުމުގެ ސަބަބުން އެޕާޓީގެ އަގު ދަނީ ވެއްޓެމުންނެވެ. އެމީހުން ބުނާ ގޮތް އެއީ އެންމެ ރަގަޅު ގޮތަށް ހެދުމަށްޓަކައި އެމީހުންގެ ކޮންޓްރޯލްގެ ދަށުގައިވާ މީޑިއާ ދަނީ މަސައްކަތް ކުރަމުންނެވެ. އެހެން މީހުންގެ ހިޔާލު އަޑު އެހުމަކީ އަދި ތަފާތު ހިޔާލުތަކަށް އިހުތިރާމް ކުރުމަކީ ޑިމޮކްރެސީގެ ރަގަޅު އަސާސަކަށް ވިޔަސް އެމްޑީޕީގެ ފަރާތުން އެމްޑީޕީއަށް ތާއީދުކުރާ މީހުންނަށް ދަސްކޮށްދެނީ މިސިފަތަކެއް ނޫނެވެ. ނަތީޖާއަކަށް ވެގެން ދަނީ ހަމައެކަނި އެއްގޮތަކަށް ވިސްނާ ރޮބޮޓް ތަކެއް އުފެދުމެވެ. ހަވީރުން އިންތިޒާމް ކުރި ބަހުސުގައި ހޮނިހިރު ދުވަހުގެރޭ ފެނިގެން އެދިޔައީ އެހިތާމަވެރި މަންޒަރެވެ. ބަހުސެއް ބަހުސަކަށް ވަނީ ދެކޮޅުން ވެސް ވާހަކަ ދެއްކީމައެވެ. ނަމަވެސް އެއްކޮޅުން ވާހަކަ ދައްކާ އަޑު އަހަން ބޭނުންނުވާ ބަޔަކު ބަހުސް އަޑުއަހަން ވެސް ދިއުމުގެ ވެސް ބޭނުމެއް ނެތެވެ.
ރައްޔިތުންގެ މަޖިލީހުގެ މެންބަރުން ޓީވީއަށް އަރާ ތިބެ ރައްޔިތުންނަށް ދޮގު ހަދަނީއެވެ. ދެން ވެސް އެމީހުން އިންތިހާބުކުރުމުން ރައްޔިތުންގެ މަޖިލީހުގައި ވަކި އެމީހުން ތެދުވެރިވާނެ ހެއްޔެވެ؟ ބަރުލަމާނީ ނިޒާމެއްގެ ވެސް ރަގަޅު ސިފަތަކާއި އުނި ސިފަތައް ހުރުމާއި އެކުގައި، ބަރުލަމާނީ ނިޒާމެއްގެ ވާހަކަ ދައްކާއިރު، ހަގީގަތާއި އެއްގޮތަށް ވާހަކަ ދައްކައި ވެސް ކެމްޕޭން ކުރެވިދާނެއެވެ. ހަގީގަތް އޮޅުވާލަން އުޅުމުން އެގެނީ ކޮންމެވެސް ފޮރުވިފައިވާ އަމިއްލަ އެދުންތަކެއް އެމީހުންގެ މަސައްކަތުގެ ފަހަތުގައި ވާ ކަމެވެ.
No comments:
Post a Comment