Wednesday, August 01, 2007

28 އަހަރުގެ ހިތި ތަޖްރިބާއަށްފަހުވެސް އެމްޑީޕީއަށް ކަމުދިޔައީ ހަމަ އެބުނާ ތިންބާރު ވަކިނުވާ "ގޮޅާ ނިޒާމް"

ލިޔުނީ: ޢަބްދުﷲ ޝިނާން، ޝާއިއުކޮށްފައިވަނީ: އައްޑުވަސް 2007


އަށާވީސް އަހަރުގެ ހިތި ތަޖްރިބާއަށް ފަހުވެސް އެމްޑީޕީއަށް ކަމުދިޔައީ ހަމަ ޕާޓީގެ ބޮޑުންއެބުނާ ތިންބާރު ވަކިނުވާ "ގޮޅާ" ނިޒާމެވެ. ފަހަރުގައި މިހެން ބުނުމުން އެމްޑީޕީއަށް ނިސްބަތްވާ ބައެއް މެންބަރުން ހައިރާންވެ ދާނެއެވެ. އެކަމަކު އެންމެންނެއް ހަމަ ގައިމުވެސް ހައިރާނެއް ނުވާނެއެވެ. އެއީ އެބޭފުޅުންނަށް އަޅުގަނޑު މިބުނަން އުޅޭ އެއްޗެއް އެގޭނެތީއެވެ.


ތެދުފުޅެކެވެ. އެމްޑީޕީން ވަކާލާތުކުރަނީ ބަރުލަމާނީ (ޕާލިމެންޓްރީ) ނިޒާމަކަށެވެ. އަޅުގަނޑުމެންގެ ތެރެއިން ގިނަ ބޭފުޅުންނަށް ނޭގޭކަމަކީ އެމްޑީޕީން އެބުނާ "ގޮޅާ" ނިޒާމާއި އެމްޑިޕީން ތާއީދުކުރާ ބަރުލަމާނީ (ޕާލިމެންޓްރީ) ނިޒާމާއި ހުރި ގާތްގުޅުމެވެ. މިއީ އަޅުގަޑުމެން އެންމެހައި ދިވެހިން ވެރިކަމުގެ ވަކި ނިޒާމެއް ހިޔާރު ކުރުމުގެ ކުރީން އެނގިފައި އޮތުން މުހިއްމު ކަމެއްކަމުގައި އަޅުގަޑު ދެކެމެވެ.



ތިންބާރު ވަކިނުވާ " ގޮޅާ" ނިޒާމުގައި ރައީސްގެ ބާރު އިންތިހާއަށް ގަދައެވެ. ބަރުލަމަނީ ނިޒާމުގައި ބޮޑުވަޒީރުގެ ބާރު އިންތިހާއަށް ގަދައެވެ.



އަޅުގަޑުމެން މިހާރުވެސް މިއުޅެނީ ތިންބާރު ވަކިނުވާ " ގޮޅާ" ނިޒާމުގައި މައުމޫނު ގެ ބާރު އިންތިހާއަށް ގަދަވެގެން އެކަމާ ކަންބޮޑުވެގެންނެވެ. މައުމޫން ކުރަން ނިންމައިފި ކޮންމެ ކަމެއް އެފެނިލެއްވި ގޮތަކަށް އެކަން ނިންމަވައެވެ. މިކަމުގައި މީހަކު، ބަޔަކު ކިޔާ އެއްޗަކަށް ބެލުމެއްނެތެވެ. އަދި މައުމޫންގެ އަތްދަށުން ދޫވެގެންދާ ކަންކަމުގެ ޒިންމާ އުފުއްލެވުމެއް ނޯވެއެވެ. އެކަން ކުރެވޭނޭ ގޮތެއްވެސް ނޯވެއެވެ. މިސާލަކަށް ސެޕްޓެންބަރ 20 ގައި މާފުށީގައި ހިންގި "ކަތިލުމުގެ" ހާދިސާއާއި ގުޅޭގޮތުން ފަނަރަ ސަތޭކައެއްހާ މީހުންގެ ކުރިމަތީ ހުދު އަޅުގަނޑު މައުމޫންކުރެން އެކަން އެގޮތަށް ދިމާވުމުން، ޤާނޫނު އަސާސީގައި ބުނާގޮތުން ސިފައިންގެ އެންމެ އިސްވެރިޔާގެ ހައިސިއްޔަތުން ރައްޔިތުންގެ ކިބައިން މައާފަށް އެދެންޖެހޭނޭ ކަމަށް ޤަބޫލް ކުރައްވަންތޯ ދެންނެވުމުން ދިންޖަވާބުގައި ވިދާޅުވިއެވެ. "ތިޔަބޭފުޅުންނަށްވެސް އެގޭނޭ ފަދައިން އަޅުގަނޑު މިހާރުވާނީ އެމައްސަލަ ތަޙްޤީޤް ކުރުމަށްޓަކައި ވަރަށް މިނިވަން ކަމިޝަނެއް އެކުލަވާލާފައި. އެކަމިޝަންގެ މަސައްކަތް މިހާރު ދަނީ ކުރިއަށް. އަޅުގަނޑަށް ތިކަމުގައި އެއްޗެއް ދަންނަވަން އެގޭނީ، ކަމިޝަނުން އެކަންތައް ތަހްޤީޤްކޮށް ނިންމައި އެ ރިޕޯރޓް އަޅުގަޑަށް ހުށަހެޅީމަ." މިހެންނެވެ. ތަހްޤީޤް ރިޕޯޓުން ސާބިތުވާ ގޮތުގައި ސިފައިން ކުށްވެރިވެއެވެ. އެބޭފުޅުންގެ މައްޗަށް ޝަރީޔަތް ކޮށް ހުކުމް އިއްވުނެވެ. އެއްބަޔަކު ގޭގައި ބަންދު ކުރެވުނެވެ. އަނެއްބަޔަކު ޖަލަށްލާ އަރުވާލިއެވެ. އޭގެތެރެއިން ބަޔަކު ކުށުގެ އަދަބު ފުރިހަމަކޮށް މިނިވަންވެއްޖެއެވެ. ނަމަވެސް މައުމޫން އަދިވެސް ހަމަ ހުންނެވީއެވެ. އެންމެ ކުޑަމިނުން ރައްޔިތުންގެ ކިބައިން މައާފަށްވެސް ނޭދެއެވެ. އެކަން މައުމޫނު ލައްވާ ކުރެވޭނޭ ގޮތެއްވެސް ނެތެވެ. އަދި ނުވެސް ކުރާނެއެވެ.



ބަރުލަމާނީ (ތިންބާރު ވަކިނުވާ) ނިޒާމުގައި ބޮޑުވަޒީރުގެ ބާރު އިންތިހާއަށް ގަދަވާނެއެވެ. އޭނާގެ ނުފޫޒާއި ބާރު ގަދަވެގެން ދިޔަ ދިޔައީނުން ތިންބާރު ވަކިކުރެވިފައިވާ ރިޔާސީ ނިޒާމެއްގައި ވެރިކަން ހިންގުމުގެ ދާއިރާގައި ރައީސަކަށް ލިބިދީފައިވާ ބާރަށްވުރެ މައްޗަށް އޭނާގެ ބާރު ގަދަވެދެއެވެ. މިގޮތަށް ބޮޑުވަޒީރު އޭނާގެ ހުދުމުހްތާރު ވެރިކަން ދެމެހެއްޓުމަށްޓަކައި ބޭނުންކުރާނީ ރައްޔިތުންގެ ތާއީދާއި ބައިވެރި ވުމެއް ނޫނެވެ. އެކަމަކު ރައްޔިތުންގެ މަޖްލީހުގެ އޭނާގެ ޕާޓީއަށް ނިސްބަތްވާ މެންބަރުންގެ ތާއީދެވެ. މިސާލަކަށް މިހާރު އަޅުގަނޑުމެންގެ މަޖްލީހުންވެސް އެފެންނަނީ އެމަންޒަރެވެ. މައުމޫނުގެ "އަނިޔާވެރި" ވެރިކަން ދަމަހައްޓަނީ އެބޭފުޅާގެ ޕާޓީއަށް ނިސްބަތްވާ އެބޭފުޅާ ބައިއަޅުއްވާ މެންބަރުންނެވެ. އެބޭފުޅުން ރައްޔިތުންގެ އިހްސާސްތައް ދަނޭހެއްޔެވެ؟ އެބޭފުޅުން ރައްޔިތުންގެ ބައިވެރިވުމަށް އިޙްތިރާމް ކުރޭހެއްޔެވެ؟ އެބޭފުޅުން އިންތިހާބް ކޮށްފައިވާ ރައްޔިތުން ބޭނުންވާ ގޮތަށް އެބޭފުޅުން މަޖްލީހުގައި ވަކާލާތުކުރޭހެއްޔެވެ؟



އެބުނާ" ގޮޅާ" ނިޒާމުގައި ކަންކަން ނިންމަނީ މައުމޫނަށް ފެނިލައްވާ ގޮތަކަށް، މަޖްލީހުގެ އަޣުލަބިއްޔަތުން ނެވެ. ބަރުލަމާނީ ނިޒާމުގައިވެސް ކަންކަން ނިންމަވާނީ ބޮޑުވަޒީރަށް ފެންނަގޮތަކަށް މަޖްލީހުގެ އަޣުލަބިއްޔަތުންނެވެ.



އެމްޑީޕީން އެބުނާ މައުމޫނުގެ 28 އަހަރުވީ " ގޮޅާ" ނިޒާމުގައި ކަންކަން ނިންމަވަނީ މައުމޫނަށް ފެނިލައްވާގޮތަށެވެ. އެބޭފުޅާއަށް އެހީތެރިވެ ވާގިވެރިވަނީ ކޮންބައެއްތޯއެވެ؟ މީގެތެރެއިން އެއްބަޔަކީ ރައްޔިތުންގެ މަޖްލީހުގެ ގޮނޑި ކާމިޔާބު ކުރައްވާފައިވާ އެބޭފުޅާގެ ކެބިނެޓްގެ ވަޒީރުންނެވެ. އަނެއްބަޔަކީ އެބޭފުޅާގެ ރުހުމާއި ބަރަކާތް ލިބިގެން އިންތިހާބްކުރެވިފައި ތިބި އެބޭފުޅާއަށް އިހުލާސްތެރި ރައްޔިތުންގެ މަންދޫބުންނެވެ. މިހެންކަމުން މި ބޭބޭފުޅުންގެ ކިޔަމަންތެރިކަމުގެ ސަބަބުން މިއަދާއި ޖެހެންދެންވެސް މައުމޫނު ބޭނުންވާ ހުރިހާ ގޮތެއް މަޖްލީހުގެ އިއްތިފާގުންނާއި އަޣުލަބިއްޔަތުން ދިޔައީ ފާސްވަމުންނެވެ. މިކަމުގައި މަޖްލީހުގެ މެންބަރުންގެ ފަރާތުން ލިބެމުންދިޔަ އެއްބާރުލުމުގެ ސަބަބުން އެކަމުގެ އަގުވަޒަންކޮށް މިލިޔަންރުފިޔާގެ އިނާމުތައްދީ (ލޯނު) އަދި ސަރުކާރުގެ ބޮޑެތި ވަޒީފާތައް ވަކި ސުމާރެއްނެތި ބަހާލެވުނެވެ. މީގެ ސަބަބުން މެންބަރުންގެ މެދުގައި މައުމޫނަށް އޮތް އިތުބާރާއި އިހުލާސްތެރިކަން އިހުނަށްވުރެ އެތައް ދަރަޖައަކަށް އިތުރުވެ ވަރުގަދަވިއެވެ.



މިއިހުލާސްތެރިކަމާއި އިތުބާރުގެ ސަބަބުން "ހަޤީޤީވެރިކަމުގެ ބާރުވެރިން" ކަމުގައި ބުނާ ދިވެހި ރައްޔިތުންނަށް ތަހައްމަލްކުރަން ޖެހުނީ އަނިޔާއާއި ބޭއިންސާފެވެ. މިސާލަކަށް 19 ސެޕްޓެންބަރ 2003 ގައި މަރްހޫމް އީވާން ނަސީމް މާފުށީ ޖަލުގައި ސަތަރިގަޑަކަށްލާ އޮޅާލައި އެއްވެސް ރަޙްމެއްނެތި ވަލު ޖަނަވާރަކަށް ނުކުރާނެ އަނިޔާކޮށް ތަޅާ މަރާލައި އަދި އެތަކެއް ކުށްވެރީންތަކެއްގެ ގަޔަށް ބަޑިޖަހާ ބަޔަކު ޒަހަމްވެ އަނެއްބަޔަކު ނިޔާވިތާ ހަފްތާއެއް ނުވަނީސް ރައްޔިތުންގެ މަޖްލިސް ކުރާގޭގައި 2003 ވަނަ އަހަރު ސެޕްޓެންބަރގެ 25 ވަނަ ދުވަހު މައުމޫން ވެރިކަމުގައި ހުންނަން ފެނޭތޯ ނެގުނު ވޯޓު ފާސްވީ މަޖްލީހުގެ އިއްތިފާގުންނެވެ. އެދުވަހު އެމަޖްލީހުގައި ތިބި ގިނަ މެންބަރުންނަކީ މިއަދުވެސް އެމަޖްލީހުގައި ތިބި ރައްޔިތުންނަށް "ޣައްދާރު" ހާއިނުންނެވެ. މިއަދު މައުމޫނަކީ "އަނިޔާވެރިއެކޭ"، "ހުދުމުހްތާރު ވެރިޔެކޭ" އަދި މިއީ"ގޮޅާވެރިކަމޭ" ކިޔާ ކަރުގެ ނާރުތައް ފަޅައިގެންދާވަރަށް އެ ހަޅޭއްލަވަނީ ހަމަ އެދުވަހު އެ"ގޮޅާ" ވަރުގެ މީހެއް ނެތިގެން އުޅުނު މީހުންނެވެ. އެދުވަހު މައުމޫން ވެރިކަމުގައި ހުންނަން ނުފެންނަކަމަށް ދިވެހި ރައްޔިތުންގެ ހައްޤުގައި އަތް އުފުލާލި އެންމެ މެންބަރެއްވެސް ނެތެވެ. ހުރިހާ "އިއްޒަތްތެރި" މެންބަރުންނަށްވެސް ފެނިލެއްވީ މައުމޫނު ވަރެއް ހަމަ ނެތްކަމަށެވެ.



ހަޤީޤަތުގައި މައުމޫނުގެ މިވެރިކަން ދެމެހެއްޓުމައްޓަކައި ރައްޔިތުންނާއި ދެކޮޅަށް މައުމޫނު ބޭނުންކުރެއްވި އެންމެ ނުރައްކާތެރި ހަތިޔާރަކީ މުދަލާއި ދުނިޔެވީ އުފަލަށް ވިކިހުސްވެފައިތިބި ރައްޔިތުންގެ މަޖްލީހަށް ރައްޔިތުން އިންތިހާބްކުރި ރައްޔިތުންގެ މަންދޫބުންނެވެ. މަޖްލީހުގެ އަޣުލަބިއްޔަތު ލިބިގެން އަންނަ ރިޔާސީ ކެންޑިޑޭޓެއްގެ ނަމެއް މެނުވީ ރައްޔިތުންނާ ހަމައަކަށް ނާދެއެވެ. އެހެންކަމުން ރައްޔިތުންނަށް އޮންނަނީ ކޮންމެ ރިޔާސީ އިންތިހާބެއްގައި މަޖްލިހުގެ އަޣުލަބިއްޔަތު ލިބިގެން ރައްޔިތުންނާއި ހަމައަށް އަންނަ ރިޔާސީ ކެންޑިޑޭޓަކު ވެރިކަމުގައި ހުންނަން ފެނޭތޯ ނުވަތަ ނުފެނޭތޯ ނަގާވޯޓަކަށް އިންސާފުކުރުމެވެ. މިބާވަތުގެ ވޯޓަށް އިގިރޭސި ބަހުން ކިޔަނީ ރެފަރަންޑަމެވެ. ނުވަތަ ފެންނަ ނުފެންނަ ވޯޓެވެ. ވީމާ މި 28 (އަށާވީސް) އަހަރު މައުމޫނުގެ "އަނިޔާވެރި" ވެރިކަން ދެމެހެއްޓީ ކޮންބައެއް ހެއްޔެވެ؟ ދިވެހި ރައްޔިތުން ހެއްޔެވެ؟ ނުވަތަ ރައްޔިތުންގެ މަޖްލީހުގައި ތިބި އައްދާރުން ހެއްޔެވެ؟ މިއީ މިއަދު އަޅުގަނޑުމެންގެ ތެރެއިން ބަޔަކު ޖަވާބުދޭން ބޭނުން ނުވިކަމުގައި ވިޔަސް ޖަވާބު ހޯދަން މަޖުބޫރުވެފައިވާ ސުވާލެކެވެ. މިސުވާލުގެ ޖަވާބު މުހިއްމީ އަންނަން އޮތް އަޅުގަނޑުމެންގެ ޖީލުގެ މުސްތަޤްބަލަށްޓަކައެވެ. އަޅުގަނޑުމެންގެ ޅަދަރީންގެ ކުރިމަގަށްޓަކައެވެ. އަޅުގަނޑުމެންގެ ޤައުމުގެ ކުރިއެރުމަށްޓަކައެވެ. މިހާރު އަޅުގަޑުމެންގެ ކުރިމަތީގައި އޮތީ ދެސުވާލެކެވެ. އެއީ މިހާރެކޭ އެއްގޮތަށް އަދި 28 އަހަރު ވަންދެން މަޖްލީހަށް މެންބަރުން އިންތިހާބް ކޮށްގެން އެމީހުންގެ އަތްތަކަށް ޤައުމުގެ ކަންކަން ނިންމަން ދޫކޮށްލައިގެން ތިބޭ ނިޒާމެއް ތަޖުރިބާކުރާނީތޯ ނުވަތަ ރާއްޖެ އަދި ދެކެފައި ނުވާފަދަ ރައްޔިތުންގެ ފުރިހަމަ ބައިވެރިވުމާއި އެކު ރައީސަކު އިންތިހާބްކުރެވޭ، ތިންބާރު ވަކިކުރެވިފައިވާ ރިޔާސީ ނިޒާމެއް ތައާރަފް ކުރާނީތޯ ކުރެވޭ ސުވާލެވެ.



ދެން އެންމެ ފުރިހަމަ ބަރުލަމާނީ ނިޒާމެއް އޮތް އިނގިރޭސިވިލާތަށް ބަލާލަމާ ހިގާށެވެ. 2003 ވަނަ އަހަރު އދ ގެ ޤަރާރް 1441 އާއި ހިލާފަށް އެމެރިކާއިން އިރާޤާއި ދެކޮޅަށް އިޢުލާންކުރި ހަނގުރާމައަށް ޓޯނީ ބްލެޔަރ މަރުހަބާކިއެވެ. އަދި އެމެރިކާ ސިފައިންނާއި އެކު އިގިރޭސި ސިފައިން އިރާގަށް ފޮނުވުމަށް ނިންމިއެވެ. މިކަމާ ދެކޮޅަށް އިގިރޭސި މިލިޔަނެއްހާ ރައްޔިތުން ނުކުމެ މުޒާހަރާ ކުރިއެވެ. މިއީ އިގިރޭސި ރައްޔިތުން މިފަހުގެ ތާރީހުގައި ކުރި އެންމެ ބޮޑު އެންމެ ވަރުގަދަ މުޒާހަރާއެވެ. މި މުޒާހަރާއާއި ގުޅިގެން ބޮޑުވަޒީރު ބްލެއަރ، އިގިރޭސި ޖާސޫސީ އިދާރާއިން އެއްކޮށްފައިވާ މަޢުލޫމާތު ކަމަށްބުނެ ވަރުގަދަ ރިޕޯޓެއް ޕާލިމެންޓަށް ހުށަހެޅިއެވެ. ނަމަވެސް އެއީ ޖާސޫސީ މައުލޫމާތުގެ މައްޗަށް ބަލައި އެކުލަވާލާފައިވާ ރިޕޯޓެއް ނޫންކަން އެ ދިރާސާކުރި އޮކްސްފޯޑްގެ ޕްރޮފެސަރުން ފަޅާއަރުވާލިއެވެ. އެބޭފުޅުން ވިދާޅުވިގޮތުގައި އެރިޕޯޓުގެ އަސްލު ބިނާވެފައިވަނީ ޔަހޫދީ ކުއްޖަކު ޕީއެޗްޑީއަށް ލިޔެފައިވާ ތީސީސެއްގެ މައްޗަށް ކަމަށެވެ. މިކަން ފަޅާއަރައި އިދިކޮޅު ޕާޓީގެ މެންބަރުން ބްލެއަރގެ އިސްތިއުފާއަށް ގޮވަމުންދިޔައެވެ. ދެން ފެނުނީ ޓޯނީ ބްލެއަރ އާއި ދެކޮޅަށް ޕާލިމެންޓުގައި ހެކިބަސް ދިނުމަށްޓަކައި ކުރިން އދ. އިން އިރާޤަށް ކަނޑައަޅާފައިވާ އިގިރޭސި ހަތިޔާރާއި ބެހޭ މާހިރް ޑރ.ކެލީ ތެދުވިތަނެވެ. ދެން އިވުނީ ޑރ. ކެލީ އަމިއްލައަށް މަރުވި ހަބަރެވެ. ޑރ.ކެލީގެ ހުވަފަތް އަނބިކަބަލުން ބުނާގޮތުން ޑރ. ކެލީ އަމިއްލައަށް މަރުވާންޖެހޭ އެއްވެސް ސަބަބެއްނެތެވެ. މިއަދާ ހަމައަށް އައިރުވެސް ޓޯނީ ބްލެއަރގެ ސަރުކާރަށް ޑރ. ކެލީގެ މަރުގެ ފަހަތުގައިވަނީ ކޮންބައެއްކަން ސާބިތުކޮށްދިނުމަށް ވަނީ ނުކުޅެދިފައެވެ. މިހުރިހާ ކަމެއް ހިގީ އިގިރޭސި ރައްޔިތުންގެ ކުރިމަތީގައެވެ. ނަމަވެސް މިއިން އެއްވެސްކަމެއް އިގިރޭސި ރައްޔިތުންނަކަށް ނުހުއްޓުވުނެވެ. އިރާޤަށް އިގިރޭސި ސިފައިން ފޮނުވަން އިގިރޭސި ރައްޔިތުން ނުރުހުނު ކަމުގައި ވިޔަސް އެބޭފުޅުން ޕާލަމެންޓަށް އިންތިހާބްކުރި އެބޭފުޅުން ތަމްސީލްކުރާ މެންބަރުންގެ ތާއީދާއެކު ސިފައިންވެސް ފޮނުވިއެވެ. ހައުސް އޮފް ކޮމަންސްއަށް ދޮގު ރިޕޯޓެއް ހުށަހަޅާ އެކަންފަޅާއެރުމުން އެކަމުން ބޯދަމައިގަނެ ސަލާމަތްވެސް ވިއެވެ. ޑރ.ކެލީގެ މަރުގެ ހަގީގަތް ނޭގުމެއްގެ ތެރޭގައި އަދިވެސް އޮތީއެވެ. ރައްޔިތުންގެ ވެރިކަމުގައި ރައްޔިތުން ގެ ތާއީދަށް ނުބަލައި ޓޯނީ ބްލެޔަރ ކަންކަން ނިންމަވަނީ ކޮންފަރާތެއްގެ ބާރުވެރި ކަމެއްލިބިގެން ހެއްޔެވެ؟ އެއީ ޤާނޫނު ހަދާ މަޖްލީހުގައި ތިއްބަވާ އެބޭފުޅާއަށް އިޙްލާސްތެރި، ރައްޔިތުންނަށް ހަރާމްކޯރު އެބޭފުޅާގެ ވަޒީރުންނާއި އެބޭފުޅާގެ ޕާޓީއަށް ނިސްބަތްވާ ރައްޔިތުން ހޮއްވަވާފައިވާ މަންދޫބުންގެ ބާރުލިބިގެންނެވެ.



"ގޮޅާ" ނިޒާމުގައި ރައީސް ވެރިކަމުގައި އުމުރަށްވެސް ހުންނަންވީއެވެ. ބަރުލަމާނީ ނިޒާމުގައި ބޮޑުވަޒީރު ބޮޑުވަޒީރުކަމުގައި އުމުރަށްވެސް ހުންނަންވީއެވެ.


އެބުނާ "ގޮޅާ" ނިޒާމުގައި ވެރިކަމަށް އަންނަ ބޭފުޅަކަށް ވެރިކަން ކުރެއްވޭނެ އެންމެ ދިގު މުއްދަތެއް ކަނޑައެޅިގެން ބަޔާންވެފައެއް ނޯވެއެވެ. އެހެންކަމުން ވެރިކަމުގައި ކިތަންމެ ދިގުމުއްދަތަކަށްވެސް ހުރެވިދާނެއެވެ. އެހެންނަމަވެސް އެގޮތަށް ވެރިކަމުގައި ދެމިހުރުމަށްޓަކައި އެންމެ މުހިއްމީ ރައްޔިތުންގެ މަޖްލީހުގެ ތާއީދެވެ. ދެން ރައްޔިތުންގެ އަޣުލަބިއްޔަތު ލިބޭކަން "ދެއްކުމެވެ". މި ދެ ސަރުތުވެސް ރައީސުލް ޖުމްހޫރިއްޔާ އަލްއުސްތާޒް މައުމޫން އަބްދުލް ޤައްޔޫމް އެ ގެންދަވަނީ ފުރިހަމަ ކުރަމުންނެވެ. މިއީ މިއަދު އެންމެން ގަބޫލްކުރަންޖެހޭ ހަޤީޤަތެކެވެ. މި އަދު މައުމޫނު ވެރިކަމުގައި ގިނަދުވަސް ތަކެއްވަންދެން ހުރުމުން ކިތަންމެ ވަރަކަށް އަޅުގަނޑުމެންގެ ބޮލުގައި ރިއްސިޔަސް ކުރެވޭނެކަމެއްނެތެވެ.


ބަރުލަމާނީ ނިޒާމުގައި އެކަކަށް ބޮޑުވަޒީރުކަމުގައި ދެމިހުރެވޭނެ މުއްދަތެއް ކަނޑައެޅިފައެއް ނޯވެއެވެ. އެހެންކަމުން އެތައްދައުރަކަށް އެކަކު ބޮޑުވަޒީރުކަމުގައި ދެމިހުރެ ހުދުމުހުތާރް ވެރިކަމެއް ދިގުމުއްދަތަކަށް ކުރުމުގެ ފުރުޞަތު އަބަދުވެސް އޮވެއެވެ. މިސާލަކަށް ދަގަނޑު އަންހެނާގެ ނަމުން މަޝްހޫރުކަން ލިބިފައިވާ މާގްރެޓް ތެޗަރ އިގިރޭސި ބޮޑުވަޒީރުކަން 11 އަހަރު (1990 -1979) ވަންދެން ކުރެއްވިއެވެ. ސިންގަޕޫރުގައި މަޝްހޫރު ލީ ކުއާން 31 އަހަރު (1990-1959) ވަންދެން ބޮޑުވަޒީރުކަމުގައި ހުންނެވިއެވެ. މެލޭޝިޔާގައި ހަރުކަށި ސިޔާސަތެއްގެ ވެރި މަހާތީރު މުހައްމަދު 22 އަހަރު (2003 -1981) ބޮޑުވަޒީރު ކަންކުރެއްވިއެވެ. 1997 ވަނަ އަހަރު އިގިރޭސި ބޮޑުވަޒީރުކަމާއި ހަވާލްވި ލޭބަރ ޕާޓީގެ ލީޑަރ ޓޯނީ ބްލެއަރ އެމަގާމްގައި ހުންނަވާތާ 9 އަހަރުވީއެވެ. ދާދި މިދާކަށްދުވަހު ރައްޔިތުންގެ ބައިވެރިވުމާއި ހިޔާލާއި ފިކުރަށް ނުބަލައި ޓޯނީ ބްލެއަރ އެމެރިކާއާއެކު އިޒްރޭލްގެ އުދުވާނަށް ތާއީދުކުރިއެވެ. ލެބަނާނު ބިމާ ހަމަކޮށްލިއެވެ. މިހަނގުރާމައަށް އިގިރޭސި ރައްޔިތުންގެ ތެރެއިން 77 ޕަސަންޓު މީހުން ތާއީދު ނުކުރާކަމަށް ސްކައި ނިއުސުން ކުރި ސާރވޭއަކުންދައްކައެވެ. ޓޯނީ ބްލެއަރގެ ކުރީގެ ފޮރިން ސެކެޓްރީ ޖެކް ސްޓްރޯ އިޒްރޭލްގެ އުދުވާން ކުށްވެރިކުރެއްވިއިރު، އަދި ލެބެނާންގެ ޤާނާއައް ހަމަލަދީ އެތަކެއް ކުޑަކުދިންނާ އަންހެނުން މަރުވި ހާދިސާ އަކީ ޤަބޫލްކުރެވޭނޭ އަމަލެއްނޫންކަމުގައި އެޕާޓީގެ ޕާލިމެންޓް މެންބަރުން ބުނަމުންގެންދިޔައިރު ބޮޑުވަޒީރު ޓޯނީ ބްލެއަރ ހުންނެވީ ސަރުތަކާއި ނުލާ ވަގުތުން ހަނގުރާމަ ހުއްޓާލުމަށް ގޮވާލާ ގޮވާލުމަށް ދެކޮޅުހައްދަވައިގެންނެވެ. އަދި އިޒްރޭލުގެ އަމަލްތައް ކުށްވެރި ކުރެއްވުމަށްވެސް ދެކޮޅުހައްދަވައިގެނެވެ. އޭރު ހަނގުރާމައާއި ދެކޮޅަށް އަޑުއުފުލަމުން އިގިރޭސި ރައްޔިތުން މުޒާހަރާތައް ކުރިޔަށް ގެންދެއެވެ.



"ގޮޅާ" ނިޒާމުގައި ރައީސްގެ ވަޒީރުން ޤާނޫނު ހަދާ މަޖްލިހުގެ މެންބަރުންގެ ގޮތުގައި އިންތިޙާބް ކުރުމުގެ ފުރުސަތު އޮވެއެވެ. ބަރުލަމާނީ ވެރިކަމުގައި ބޮޑުވަޒީރު އެބޭފުޅާގެ މިނިސްޓަރުން ހޮއްވަވަނީ ޤާނޫނު ހަދާ މަޖްލީހުންނެވެ.


މިއީ އަޅުގަނޑުހިތުން ދިވެހިރައްޔިތުން ވަރަށް ކަންބޮޑުވާ މައްސަލައެކެވެ. އަޅުގަނޑުމެން އަބަދުވެސް ބުނާ ވާހަކައަކީ ރައީސް ގެ ވަޒީރުން ޤާނޫނު ހަދާ މަޖްލީހުގައި ތިބޭތިބުން ޤަބޫލް ނުކުރެވޭނެ ވާހަކައެވެ. މިހާރުވެސް އަޅުގަނޑުމެންގެ ޝަކުވާއަކީ ޤާނޫނު ހަދާ މަޖްލީހުގައި މައުމޫނުގެ ވަޒީރުން އަދާކުރާ ދައުރަކީ އިންސާފުވެރި ދައުރެއް ނޫނެވެ. ނަމަވެސް މިހާރުވެސް މަޖިލީހުގައި މައުމޫނުގެ ކެބިނެޓް ވަޒީރުންނާއި ސްޓޭޓް މިނިސްޓަރުންނާއި އަދި މިނިސްޓަރުންގެ ފެންވަރުގެ ބޭފުޅުންނާއިއެކު ގާތްގަޑަކަށް 12 ބޭފުޅުން އެބަ ތިއްބަވައެވެ. އެތަނުގައި ކަންކަން ރަނގަޅަށް ގެންދަން ދަތިވާ އެއް މައްސަލައަކީ އިހުލާސްތެރިކަމާއިއެކު ވަޒީރުން މައުމޫނަށް ހިދްމަތްކުރައްވައި އެބައިމީހުން އިންތިހާބް ކުރި ރައްޔިތުންނަށް ހަރާމްކޯރު ވުމެވެ. މިހެން މިބުނަނީ މަޖްލީހުގައި ކަންކަން ނިންމެވުމުގައި ޖުމްލަކޮށް ހުރިހާ މެންބަރުންވެސް އެބޭފުޅަކު އެގޮނޑިއަށް އިންތިހާބް ކޮށްފައިވާ ރައްޔިތުންގެ ބައިވެރިވުމަށް އިޙްތިރާމް ނުކުރާތީއެވެ. އެބޭބޭފުޅުންގެ ހިޔާލާއި ފިކުރު ކަންކަން ނިންމެވުމުގެ ކުރިން ބައްލަވާ ނުހައްދަވާތީއެވެ. އެހެންކަމުން "އާދަކާދައިގެ މަތިން" އެހެން އިއްޒަތްތެރި މެންބަރުންނެކޭ އެއްފަދައިން މައުމޫނުވެސް ކެބިނެޓް ޖަލްސާތަކުގައި ވަޒީރުންނާއި އަމިއްލަފުޅަށް މަޝްވަރާކޮށް ނިންމަވާ ނިންމެވުންތައް، ޤާނޫނުހަދާ މަޖްލީހުގައި ދެންތިބި މައުމޫން ބައިއަޅުއްވާ "އިހުލާސްތެރި" މަންދޫބުންގެ އެއްބާރުލުމާއިއެކު ފާސްކުރައްވައެވެ. މިކަން ހުއްޓުވުމަށް ރައްޔިތުންނަށް ކުރެވޭނޭ ކަމެއްނެތެވެ. އަދި ޕާލިމެންޓުގައި ބައި މަދު އިދިކޮޅު ޕާޓީއަކަށް (މައިނޯރިޓީ) ކުރެވޭނެ އެއްވެސްކަމެއް ނޯންނާނެއެވެ. އެކަމަކު ޕާލިމެންޓް ތެރޭ ފާޑުކިޔިދާނެއެވެ. އަޑުގަދަ ކުރެވިދާނެއެވެ. ހަޅޭއް ލެވިދާނެއެވެ. ނަމަވެސް އަޣުލަބިއްޔަތު ލިބިފައި އޮތް ޕާޓީން ހުށަހަޅާ ބިލެއް ހުއްޓުވުމުގެ ބާރެއް ނޯންނާނެއެވެ. މިއަދު އަޅުގަޑުމެންގެ ޕާލިމެންޓް ތެރެއިން ތިޔަ އިއްޒަތްތެރިންނަށް އެފެނިލައްވަނީ ހަމަ ހަޤީގަތުގައިވެސް، ޤަބޫލްކުރިޔަސް ނުކުރިޔަސް، ބަރުލަމާނީ ނިޒާމެއްގައި އަޣުލަބިއްޔަތު ނެތް އިދިކޮޅު ޕާޓީއެއް އަދާކުރާނެ ރޯލެވެ. އެރޯލު މިއަދު އެއަދާކުރަނީ އެމްޑީޕީންނެވެ. މާދަމާ އެރޯލްއަދާކުރާނީ ޑީއާރުޕީ ނުވަތަ އަދާލަތު ޕާޓީކަމަށްވެސް ވެދާނެއެވެ. މިސާލަކަށް މައުމޫންގެ 29 މެންބަރުން ވަކިކުރަން އެމްޑީޕީން ކުރި މަސަތްކަތް ބައްލަވާށެވެ. މިފަހަރު ރައީސް މައުމޫން ސަރުކާރުން ހުށަހެޅުއްވި ބޮޑު ބަޖެޓް އެގޮތަށް ފާސްވިޔަ ނުދިނުމަށް އެމްޑީޕީންކުރި މަސަތްކަތަށް ބައްލަވަށެވެ. ނަމަވެސް މަޖްލީހުގައި ކަންކަން ނިންމަވަނީ ބަނޑުމުސާރައަށް ނުބައްދަވާ ވޯޓުލައިގެން އަޣުލަބިއްޔަތަށް ތަބާވާ އުސޫލުންކަމަށްވާތީ ހުރިހާކަމެއް ވެސް އާހިރުގައި ނިމެނީ މައުމޫނުގެ ނިންމެވުމާއި އެއްގޮތަށް ވަޒީރުންގެ ބަރަކާތްލެވިގެން މަޖްލީހުގެ އަޣުލަބިއްޔަތުންނެވެ.



9 ޖޫން 2005 ގައި މައުމޫން ހުށަހެޅުއްވީ ބޮޑުވަޒީރަކު ހުރެގެން ވެރިކަން ކުރާ ނިޒާމެކެވެ. އެމްޑީޕީން މިއަދު އެ ޕްރޮމޯޓް ކުރަނީ ބޮޑުވަޒީރަކު ހުރެގެން ކުރާވެރިކަމުގެ ނިޒާމެކެވެ.

2 comments:

Anonymous said...

ތިޔައީ ހުސް ތެދެވެ

Anonymous said...

rangalhu