Monday, July 30, 2007

ބަރުލަމާނީ ނިޒާމް

ލިޔުނީ: ޢަބްދުﷲ ޝިނާން، ޝާއިއުކޮށްފައިވަނީ: އައްޑުވަސް، ޖުލައި 2007

ބަރުލަމާނީ ނިޒާމަކީ އެނިޒާމެއްގައި ސަރުކާރު ހިންގާ އެންމެ އިސްފަރާތާއި (ބޮޑުވަޒީރު) ޤާނޫނުހަދާ މަޖްލިހުގެ (ލެޖިސްލޭޗަރ) އަޣުލަބިއްޔަތު ލިބިފައިވާ ޕާޓީއާއި އެކުވެ މަސްހުނިވެގެން އުފެދޭ ވެރިކަމުގެ ނިޒާމަކައް ކިޔާ ނަމެކެވެ. މިނިޒާމުގެ ތެރެއިން އުފެދިގެންއަންނަ ސަރުކާރަށް ކެބިނެޓް ސަރުކާރު (ކެބިނެޓް ގަވާންމަންޓް) ނުވަތަ ބޮޑުވަޒީރު ސަރުކާރޭ (ޕްރައި މިނިސްޓީރިއަލް ގަވަރމަންޓް) ވެސް ކިޔައެވެ. މިނިޒާމް އެންމެ ފުރިހަމައަށް ގާއިމްވެފައިވާ އެއްގައުމަކީ އިނގިރޭސިވިލާތެވެ. އަދި މިނިޒާމަކީ ދުނިޔޭގަ ކުރިއަރާފައިވާ ވަރަށްގިނަ ޤައުމުތަކެއްގައި ވަރަށް ކާމިޔާބާއެކު ހިނގަމުން އަންނަ ވެރިކަމުގެ ނިޒާމެކެވެ.

ބަރުލަމާނީ ނިޒާމެއްގެ ދަށުން ހިނގާ ވެރިކަމުގެ ނިޒާމެއްގައި ހުންނާނެ މައިގަނޑު ސިފަތަކަކީ:

1- ރަމްޒީ ވެރިއަކު ހުރުން – މިނިޒާމުގައި ދައުލަތުގެ ވެރިއެއްގެ ހައިސިއްޔަތުން ނުވަތަ ދައުލަތް ތަމްސީލު ކުރާ ފަރާތެއްގެ ގޮތުގައި (ރައީސަކު ނުވަތަ ރަސްކަލަކު) ހުރެއެވެ. މިއީ ހަމަނަމެއްގައި ހުންނަމީހެކެވެ. އެމީހަކީ އެއްވެސް ބާރެއް ނުފޫޒެއް ހިންގޭފަދަ ފަރާތެއް ނޫނެވެ. އެހެން ނަމަވެސް ސަރުކާރުގެ ހުރިހާކަމެއް ހިންގާނީ ދައުލަތުގެ ވެރިޔާގެ (ރައީސް / ރަސްގެފާނު) ނަންމަތީ ބޮޑު ވަޒީރަށް ދެއްވާފައިވާ ބާރުތަކުގެ ތެރޭގައެވެ. މިސާލަކަށް އިނގިރޭސި ވިލާތުގައި އިންތިހާބުގައި ކާމިޔާބުހޯދާ ޕާޓީގެ ލީޑަރު އެއީ ބޮޑުވަޒީރުކަމުގައި ހަމަޖައްސައި ރާނީ އަތުގައި ނަމެއްގެ ގޮތުގައި އޮތްބާރުތައް ބޮޑުވަޒީރަށް ދެއްވައި ބޮޑުވަޒީރަކީ އެކަމަނާގެ އެންމެ އިސް އަދި އެއްވަނަ ވަޒީރުކަމުގައި ހަމަޖައްސައެވެ. އަދި އެބޭފުޅާއަށް ވަކި މުއްދަތެއް ތެރޭ ޕާޓީ ކެބިނެޓް އެކުލަވާލުމަށް ރާނީ މުހުލަތެއް ދެއްވާނެއެވެ. އަދި މި މުއްދަތުގެ ތެރެއަށް ބޮޑުވަޒީރު އޭނާގެ ކެބިނެޓުގައި ހިމެނިވަޑައިންނަވާ ބޭފުޅުންގެ ނަންތައް ރާނީއަށް އަރުވާނެއެވެ. އެނަންތައް އެރުވުމުން އެއްވެސް ޝަކުވާއެއްނެތި އެނަންތައް ގަބޫލުކުރައްވާނެއެވެ. ހަމައެއާއިއެކު އެއީ ރާނީގެ ވަޒީރުން ކަމުގައި ހަމަޖެހޭނެއެވެ. ޖުމްލަގޮތެއްގައި ބުނާނަމަ މިފަދަ ނިޒާމެއްގައި ދައުލަތުގެ ވެރިޔާ ފުރައްވަމުން ގެންދަވާނީ ރަމްޒީ މަގާމެކެވެ.

2- ބޮޑުވަޒީރުގެ ވެރިކަން – ހަގީގީ ވެރިކަން ހިންގުމުގެ ބާރު ނުވަތަ (އެގްޒެކެޓިވް އޮތޯރިޓީ) އޮންނާނީ ބޮޑުވަޒީރު އަތުގައެވެ. ސަރުކާރުގެ އެންމެ އިސް ތަރުޖަމާނާއި ކެބިނެޓްގެ އެންމެ އިސް ވެރިޔާއާއި އަދި މަޖްލީހުގެ އަޣުލަބިއްޔަތު ލިބިފައިވާ ޕާޓީގެ ވެރިޔަކީވެސް ބޮޑު ވަޒީރެވެ. އެހެން ކަމުން ބޮޑުވަޒީރު ކަމެއް ނިންމެވުމުން އެއޮންނަ ހަމަތަކެއްގެ މަތިން އެކަން އިޢުލާން ކުރާނީ ދައުލަތުގެ ވެރިޔާއެވެ. މިސާލަކަށް ގައުމަކާއި ދެކޮޅަށް ހަނގުރާމަ ކުރަން ނިންމާނީ ބޮޑު ވަޒީރެވެ. ނަމަވެސް ދައުލަތުގެ ފަރާތުން އެ ނިންމުން އިޢުލާނު ކުރާނީ ރާނީއެވެ.

3- ސިޔާސީ ހަމަޖެހުން – ބޮޑުވަޒީރަކީ ރައްޔިތުންގެ މަޖިލީހުގެ ފުރިހަމަ އަޣުލަބިއްޔަތު ލިބިފައިވާ ޕާޓީގެ ލީޑަރެވެ. އަދިހަމަ ހުރިހާ ވަޒީރުންނަކީވެސް ބޮޑުވަޒީރުގެ ޕާޓީގެތެރެއިން ހޮވާލެވޭ ޤާނޫނު ހަދާ މަޖްލީހަށް އިންތިހާބްވެފައިވާ މެންބަރުންނެވެ. ނަމަވެސް މަޖްލީހުގެ ފުރިހަމަ އަޣުލަބިއްޔަތު އެއްވެސް ޕާޓީއަކަށް ނުލިބޭނަމަ ގިނަ ޕާޓީތަކެއް އެކުވެގެން "އެއްބައިވަންތަކަމުގެ ސަރުކާރެއް" އެކުލަވާލާ މަޖިލީހުގެ އަޣުލަބިއްޔަތު ހޯދިދާނެއެވެ. މިފަދަ އެއްބައިވަންތަކަމުގެ ސަރުކާރެއްގައި އެހެންޕާޓީތަކަށް ނިސްބަތްވާ މެމްބަރުން ވަޒީރުންގެ ގޮތުގައި ތިބޭނެއެވެ. ނަމަވެސް ބޮޑުވަޒީރު ނިސްބަތްވާ ޕާޓީގެ ވަޒީރުން އެހެން ޕާޓީތަކަށް ނިސްބަތްވާ ވަޒީރުންނަށް ވުރެން ގިނަވުމުން އެ ހިތްހަމަޖެހުން ބޮޑުވަޒީރަށް ލިބޭނެއެވެ. އަދި ސަރުކާރު ހިންގެވުމުގެ ކަންތައްތައް ނިންމެވުމުގައި ބޮޑުވަޒީރަށް ފަސޭހަވެ ހިތްވަރު ލިބެއެވެ.

4- ވަޒީރުން ޒިންމާދާރުވެ އެކައްޗެއްކިޔުން – މިނިޒާމުގައި އެންމެ ފާހަގަކޮށްލެވޭ އެއް ސިފަޔަކީ ވަޒީރުން ގާނޫނުހަދާ މަޖިލީހަށް ފުރިހަމައަށް ޖަވާބުދާރީވެ ޒިންމާދާރުވާންޖެހޭކަމެވެ. ހަމަ އެއާއިއެކު ސަރުކާރުގެ ސިޔާސަތަކާއި ދެކޮޅަސް އެއްވެސް ވަޒީރަކަށް އެ ސިޔާސަތެއް ކުށްވެރިކޮށް ފާޑެއް ނުކިޔޭނެއެވެ. އެހެނެއްކަމަކު ވާހަކަ ދައްކަވަންޏާ ދައްކަވަންވާނީ އެސިޔާސަތެއް ދިފާޢު ކޮށްފައެވެ. ނޫނީ ޖެހޭނީ ހަނުހުންނަވާށެވެ. ދެންނޫނީ ޖެހޭނީ ވަޒީރުކަމުން އިސްތިޢުފާ ދޭށެވެ. މިސާލަކަށް ބޮޑު ވަޒީރު މާރގްރެޓް ތެޗަރގެ ދުވަސްވަރު އެކަމަނާގެ ޑިފެންސް މިނިސްޓަރ، މައިކަލް ހެސްލައިން އެކަމަނާ "ވެސްޓް ލޭން އެފެއަރ"ގެ މައްސަލަ ނިންމެވި ގޮތާއި ހިތްހަމަ ނުޖެހި އެވާހަކަ އާންމުންގެ ތެރޭ ދައްކަވައި ސަރުކާރުގެ ވަރަށް މުހިއްމު ލިޔުމެއް ލީކު ކޮށްލެއްވި އެވެ. އަދި ހަމައެއާއި އެކު 1986 ވަނަ އަހަރު ވަޒީރުކަމުން އިސްތިޢުފާދެއްވިއެވެ.

5- ރަނގަޅު ހަރުދަނާ އިދިކޮޅު ޕާޓީއެއް – މަޖިލީހުގެ އަޣުލަބިއްޔަތު ލިބޭ ޕާޓީ ސަރުކާރު އެކުލަވާލާއިރު ދެންހުރި ހުރިހާ ޕާޓީ ތަކެއްވެގެން އޮންނަންވާނީ ރަނގަޅު ހަރުދަނާ އިދިކޮޅު ޕާޓީ އެއް އެކުލަވާލާފައެވެ. މިކަމުގައި އިދިކޮޅު ޕާޓީތައް ވަރަށް "އިހްލާސްތެރިކަމާއި އެކު" އިދިކޮޅު ހަރަކާތްތައް ކުރިއަށް ގެންދަންވާނެއެވެ. އެހެން ނޫނީ ހަގީގީ އިދިކޮޅު ޕާޓީ އެއް އޮވެގެން ރައްޔިތުންނަށް ލިބެންޖެހޭ ފައިދާއާއި ލާބައެއް ނުލިބޭނެއެވެ. އިދިކޮޅު ޕާޓީގެ އަސްލު މަޤްސަދަކަށްވާންވާނީ ވެރިކަމުގައި އޮތް ޕާޓީ އަށް ގާނޫނީ ގޮތުން ލިބިފައި އޮތް ބާރު އޭގެ ނުހައްގު ގޮތުގައި ބޭނުން ކުރަމުންދޭތޯ ބަލާ ޗެކުކުރުމެވެ. އަދި އެފަދަގޮތަކަށް ބޭނުންކުރާނަމަ އެކަން ހުއްޓުވާ މަޖިލީހުގެ ސަމާލުކަމަށް އެކަން ގެނައުމެވެ. މި ގޮތުން ސަރުކާރުން ރައްޔިތުންނަށް ކޮށްދޭންޖެހޭނެ ކަންތައްތަކާއި އިހުމާލުން ނުކޮށް ދޫކޮށްފައި ހުރި ކަންތައްތައް ނަގައި ސަރުކާރަށް "ބިނާކުރަނިވި" ފާޑުކިޔާނެއެވެ. އަދި ހަމަ ސަރުކާރަށް އިތުބާރެއް ނެތް ކަމުގެ ވޯޓެއް މަޖިލީހުން ފާސްވެއްޖެ ހިނދެއްގައި ސަރުކާރު އުވާލުމަށް ބޮޑު ވަޒީރު އަމުރު ނެރުއްވާނެއެވެ. އެކަން ދައުލަތުގެ ވެރިއަކަށް ހުންނަމީހަކު ދައުލަތުގެ ފަރާތުން އިއުލާން ކުރައްވާނެއެވެ.

މަތީގައި ބަޔާން ކުރެވިފައި އެވަނީ ބަރުލަމާނީ ނިޒާމެއްގައި އެކުލެވިގެންވާ މައިގަނޑު ސިފަތަކެވެ. މިފަދަ ސަރުކާރެއްގައި ވަޒީރުން (ކެބިނެޓް) ވަކިހަމަތަކެއްގެ ތެރެއިން ޕާލިމެންޓަށް ވަރަށް ވަރުގަދަޔަށް ޖަވާބު ދާރީ ވާންޖެހޭނެއެވެ. ހަމަ އެޔާއި އެކު ރައްޔިތުންނަށް ވެސް މެއެވެ. މީގެ މާނައަކީ މަޖްލީހުގައި ރައްޔިތުން އިންތިހާބު ކޮށްފައިވާ މަންދޫބުންތަކެއް އެކަނި (އިނިރޭސި ވިލާތުގައި ނަމަ ހައުސް އޮފް ކޮމަންސް) ތިބިތަނަކަށްވެފައި އެތާ އެދައްކާ ވާހަކަތައް އެނގޭނެތީއެވެ. އަދި އެއިވޭ އިވުމަކީ ނުވަތަ އަޑުއަހާ އަޑުއެހުމަކީ ރެޕްރެޒެންޓެޓިވް ޑިމޮކްރަސީގެ އުސޫލުން ހުރިހާ ރައްޔިތުންވެސް އަޑުއަހާ އަޑުއެހުމެކެވެ.

ބަރުލަމާނީ ނިޒާމުގެ ތެރެއިން އުފެދިގެން އަންނަ ސަރުކާރުގައި ވެސް ރަނގަޅު މޮޅުކަންތައް ހުންނަ ބީދައިން ގޯސް ބަލިފައިތަކެއްވެސް ހުރެއެވެ. މިގޮތުން ފުރަތަމަ މިބަލާލަނީ ހުރި މޮޅު ރަނގަޅު ކަންތައްތަކަށެވެ.

1- އެއްވެސް އޮޅުމެއްނެތް ގޮތުގައި މިފަދަ ސަރުކާރެއްގައި ސަރުކާރު ހިންގަވާ އެންމެ އިސް އިދާރާތަކާއި ޤާނޫނުހަދާ މަޖްލީހާއި ދެމެދު ވަރަށް ގާތް އެކުވެރި ގުޅުމެއް އޮންނާނެއެވެ. މިގާތް ގުޅުމުގެ އެންމެ ބޮޑު އަސްލަކީ ސަރުކާރު ހިންގަވަން ހުންނަވާ ވެރިޔާ، ބޮޑުވަޒީރާއި ބޮޑުވަޒީރުގެ ވަޒީރުންނަކީ ގާނޫނުހަދާ މަޖްލީހުގެ މެންބަރުންނަށް ވުމާއި އަދި އަޣުލަބިއްޔަތު ލިބިފައިވާ ޕާޓީގެ ލީޑަރަށް ވުމެވެ. މިހެންކަމުން ގާނޫނުހަދާ މަޖްލީހުގައި ދެކޮޅުވެރިކަމާއި ރުޅިވެރި ކުރިމަތިލުންތަކަކަށް މާބޮޑު ފުރުސަތެއް ނޯންނާނެއެވެ.

2- ސަރުކާރުހިންގަވާ އެންމެ އިސްވެރިޔާ ގާނޫނޫހަދާ މަޖްލީހުގެ ކުރިމަތީގައި ޖަވާބުދާރީވާންޖެހޭނެއެވެ. އެހެންކަމުން ހުރިހާކަމެއް ސަރުކާރު ހިންގަވަން ހުރި ފަރާތް ބޭނުންވާގޮތަށް ނިންމެވުމުގެ ފުރުސަތު ވަރަށް ބޮޑުތަން ކުޑަވާނެއެވެ. މަޖްލީހުގެ މެންބަރުން ކުރާ ސުވާލުތަކަށް ފުރިހަމައަށް އިޖާބަދީ އެ ސުވާލުތަކަށް ފުރިހަމަ ޖަވާބުދޭން ވަޒީރުންނަށް މަޖުބޫރުވާނެއެވެ. ހަމަ އެއާއި އެކީ ސަރުކާރުން ހިންގަވާ ރާވާ މަޝްރޫޢު ތަކާއި ސަރުކާރުގެ ސިޔާސަތާއި ބެހޭގޮތުން މަޖްލީހުގައި ބަހުސް ކުރެވި މަޖްލީހުގައި ސަރުކާރަށް ފާޑުކިޔުންތަކާއި ކުރިމަތިލާން ޖެހޭނެއެވެ. މި ގޮތުން ބައެއްފަހަރު ވަޒީރުންނަށް އަނެއްބައި ފަހަރު މުޅި މިނިސްޓްރީއަށް ފާޑުކިޔުންތައް އަމާޒުވެ، މިނިސްޓަރުން ވެސް އިސްތިއުފާ ދޭންޖެހޭތަން ވެސް އާދެއެވެ. އެހެން ކަމުން ސަރުކާރު އަބަދުވެސް އޮންނާނީ އިދިކޮޅު ޕާޓީން ދީފާނެ ހަމަލާއަކަށް ބިރުންނެވެ.

3- ސަރުކާރަށް އެމީހުން ބޭނުންވާ ނިންމުންތައް (ޑިސިޝަން) އަވަހަށް ނިންމާ ކަންތައްތައް ރާވާ ހިންގަން ފަސޭހަވެއެވެ. އެހެންކަމުން ސަރުކާރުން ބޭނުންވާ ކަންތައްތައް ނުވަތަ ކޮންމެހެން ގާނޫނުހަދާ މަޖިލީހުން ތާއީދު ލިބިގެންނޫނީ ފާސްނުވާނެ ކަންތައްތައް ފަސޭހަކަމާއި އެކު ގާނޫނުހަދާ މަޖްލީހުން ފާސްކުރެއެވެ. އެއީ ކުރިންދެންނެވިހެން ޤާނޫނު ހަދާ މަޖްލީހުގެ ފުރިހަމަ ބާރު އޮންނާނީ ބޮޑުވަޒީރުގެ އަތްޕުޅުގައި ކަމަށް ވާތީއެވެ.

4- ސަރުކާރުން އެއްވެސް ހާލެއްގައި ރައްޔިތުންގެ ތާއީދު ގެއްލޭފަދަކަމެއް ނުކުރާނެއެވެ. އަދި ހަމަ ރައްޔިތުން ނާއުންމީދުވާފަދަ އެއްވެސް އަމަލެއް ނުވަތަ ގަވައިދެއްވެސް ފާހެއް ނުކުރާނެއެވެ. ވަރަށް ގާތުން ރައްޔިތުންގެ އަޑުއަހައި ރައްޔިތުންގެ ޝަކުވާތަކަށް އަވަސް އިޖާބަ ދޭނެއެވެ. އެހެނީ އެޕާޓީގެ ވެރިކަން ދެމިއޮންނާނީ ރައްޔިތުންގެ ތާއީދު ލިބިގެންކަން ދަންނާތީއެވެ.

5- ބަރުލަމާނީ ނިޒާމުގައި ފަސޭހައިން ތަފާތު ހާލަތްތަކަށް އެކަށީގެންވާ ގޮތަށް ސަރުކާރު ބައްޓަން ކުރެވިދާނެއެވެ. މިސާލަކަށް ގައުމަށް ދިމާވާ ކުއްލި މުސީބާތުގެ ވަގުތުގައި ވަރުގަދަ ވާދަވެރިކަން ބޮޑު އިންތިހާބަކަށް ދިޔުމުގެ ބަދަލުގައި އިންތިހާބު ބާއްވާނޭ މުއްދަތެއް ފަހުން ކަނޑައެޅިދާނެއެވެ. މިގޮތުން އިންތިހާބުގެ ތާރީހު ފަސް ކުރާނަމަ ސަރުކާރު ހިންގަވާ އެންމެ އިސްވެރިޔާ (ބޮޑު ވަޒީރު) އެކަން މަޖިލީހަށް ހުށައަޅާ އެންމެހާ މެންބަރުންގެ ތާއީދާށް އެދޭނެއެވެ. ނޫނީ ބޮޑު ވަޒީރުގެ ސަރުކާރާއި އިދިކޮޅު ޕާޓީގެ ލީޑަރުން ގުޅިގެން ކަނޑައެޅިފައިވާ މުއްދަތުގެ ތެރޭގައި ވެރިކަންތަކުގެ ކަންތައްތައް ކުރިއަށް ގެންދާނީއެވެ.

6- ބަރުލަމާނީ ނިޒާމުގައި ވެރިކަމުގައި އޮތް ޕާޓީ ވެރިކަމުގެ ދައުރު ހަމަވުމުގެ ކުރިން އިސްތިއުފާ ދީފިނަމަ މަޖްލީހުގެ އަޣުލަބިއްޔަތު ހޯއްދަވައި އިދިކޮޅު ލީޑަރު ސަރުކާރު އެކުލަވާލުމަށް އެދެފިނަމަ އެފުރުސަތު އިދިކޮޅު ޕާޓީގެ ލީޑަރަށް ދައުލަތުގެ ފަރާތުން ދައުލަތުގެ އެންމެ އިސްވެރިޔާ ދެއްވާނެއެވެ.

ބަރުލަމާނީ ނިޒާމުގެ ތެރެއިން އުފެދިގެން އަންނަ ސަރުކާރުގައި ހުރި އުނި ދެރަ ކަންތައްތައް ބައިވަރެވެ. މިގޮތުން ފާހަގަކޮށްލެވޭ މުހިއްމު ކަންތައްތައް ތިރީގައި މި ފާހަގަ ކޮށްލަނީއެވެ.

1- ބަރުލަމާނީ ނިޒާމުގައި ދިމާވާ އެންމެ ސީރިއަސް މައްސަލައަކީ ތިންބާރު ވަކިކުރާ (ސެޕަރޭޝަން އޮފް ޕަވަރސް) އުސޫލް މުގުރާލުމެވެ. ސަރުކާރު ހިންގާ އެންމެ އިސްފަރާތާއި (ބޮޑުވަޒީރު) ޤާނޫނު ހަދާ މަޖްލީހާއި (ލެޖިސްލޭޗަރ) މި އޮންނަނީ ގުޅި މަސްހުނިވެފައެވެ. އެހެންކަމުން މި ދެބާރު އެއް ފަރާތްތަކެއްގެ އަތްމަތީ އޮންނައޮތުން މިއީ ބިރުވެރި ހިތި ތަޖުރިބާތަކެއް ކުރަންޖެހިދާނެ ކަމެކެވެ. އަދި ހަމައެހެންމެ މިކަމުން ނުކުންނަ ނަތީޖާވެސް ގިނަފަހަރު ރަގަޅެއް ނުވާނެއެވެ.

2- ބަރުލަމާނީ ނިޒާމުގައި ކޮންމެވެސް އެއް ޕާޓީއަކުން ޤާނޫނުހަދާ މަޖްލީހުގެ އަޣުލަބިއްޔަތު ހޯދުމީ ވަރަށް މުހިއްމުކަމެކެވެ. ސަބަބަކީ އެހެންނޫނީ ޤާނޫނު ހަދާ މަޖްލީހުގެ އަޣުލަބިއްޔަތު ހޯދަންޖެހެނީ އެހެން ޕާޓީތަކާއި ގުޅިގެނެވެ. މި ގޮތަށް ގިނަ ޕާޓީތައް އެކުވެގެން އުފެދޭ އެއްބައިވަންތަ ކަމުގެ ސަރުކާރެއް މާގިނަދުވަހަށް ދެމިގެން ދިއުމަކީ ނާދިރުކަމެކެވެ. ހަމަ އެއާއި އެކު ސަރުކާރާއި ޕާޓީގެ ޕޮލިސީ ދަމަހައްޓަން ވަރަށް ދަތިވާނެއެވެ. އަދި ސަރުކާރު ހިންގުމުގައި ވަރަށް ބޮޑެތި ތަކުލީފުތައް އުފުލަން ޖެހޭނެއެވެ. އަވަސް އަވަހަށް ސަރުކާރުވެއްޓި ، ކަނޑައެޅިފައި އޮންނަ މުއްދަތަށްވުރެ ކުރިން އިންތިހާބުތައް ބާއްވަން ޖެހޭތަން އާދެއެވެ.

3- ބޮޑުވަޒީރަށް ލިބިފައިވާ ބާރުތަކުގެ ސަބަބުން އޭނާއަށް ފެންނަގޮތަށް ކަންކަން ރާވާ ހިންގައެވެ. މިކަމުގެ އެންމެ ބޮޑު ސަބަބަކީ ޤާނޫނު ހަދާ މަޖިލީހުގައި އެބޭފުޅާއަށް ލިބިފައިވާ ބާރެވެ. މަގާމެވެ. ބޮޑުވަޒީރަށް ކިތަންމެ ވަރަކަށް މަޖްލީހުގައި ފާޑުކީ ކަމުގައި ވިއަސް އޭނާގެ ކޮޅު ދިފާއުކޮށް ވާހަކަދައްކަން ޤާނޫނު ހަދާ މަޖްލީހުގައި އަޣުލަބިއްޔަތު ލިބިފައިވާ އެބޭފުޅާގެ ޕާޓީގެ މެންބަރުންނާއި އެބޭފުޅާއަށް އިޚުލާސްތެރި ވަޒީރުން ދެމިތިބޭނޭ ކަމުގެ ޔަޤީންކަން އޮންނާނެއެވެ. އެހެން ކަމުން ސަރުކާރުގެ ނިންމުންތަކާއި ދެކޮޅަށް އިދިކޮޅު ޕާޓީތަކަށް ކުރެވޭނޭ އެއްވެސް ކަމެއްނޯވެއެވެ. މިފަދަ ނިޒާމެއްގައި އިދިކޮޅު ޕާޓީއަށް ކުރެވޭހާވެސް ކަމަކީ މައި ސަރުކާރަށް ފާޑުކިއުމެވެ. އެހެން ކަންތައް ދިމާވުމުގެ އެންމެބޮޑު ސަބަބަކީ ޤާނޫނު ހަދާ މަޖިލީހުގައި ހުރިހާކަމެއްވެސް ނިންމަނީ ވޯޓުލައިގެން އަޣުލަބިއްޔަތަށް ތަބާވެގެން ކަމަށްވާތީއެވެ. އެހެންކަމުން މިފަދަ ސަރުކާރެއްގައި ބޮޑުވަޒީރަށް ހުދުމުހްތާރު ވެރިން ވެރިކަން ހިންގާ ބީދައިން ވެރިކަންކުރެވެއެވެ. މިސާލަކަށް 1997 އަހަރު ލޭބަރ ޕާޓީއަށް (މިހާރު ނިއު ލޭބަރ) އިގިރޭސި ޤާނޫނު ހަދާ މަޖިލީހުގައި ލިބުނު ހީނުކުރާ ބޮޑު ކާމިޔާބީގެ ސަބަބުން ޕާޓީގެ ލީޑަރ ޓޯނީ ބްލެޔަރ ގެ އަމަލުފުޅުތައް ހުރީ ރައްޔިތުންގެ ވިންދާ އެއްކޮޅަކަށް ނޫނެވެ. މިކަމުގެ މިސާލެއްގެ ގޮތުން އިގިރޭސި ސިފައިން ރައްޔިތުންގެ ރުހުމާއި ނުލައި އިރާޤަށް ފޮނުވުން ހިމެނެއެވެ.

4- ބަރުލަމާނީ ނިޒާމެއްގައި އިދިކޮޅު ޕާޓީ ވަރަށް ޒިންމާ ކުޑަ ގޮތެއްގައި ހަރަކާތްތެރި ވާތަން ގިނަ ގިނައިން ފެންނާނެއެވެ. މިކަމުގެ އެއް ސަބަބަކީ އެމީހުންނަށް އޮންނަ ހަމައެކަނި ކަމަކީ ސަރުކާރުގެ ސިޔާސަތަށް ފާޑުކިއުމާއި ސަރުކާރާއި ދެކޮޅަށް ކަންކަމުގައި ތެދުވުމެވެ. އަނެއް ސަބަބަކީ އިދިކޮޅު ޕާޓީން ކިތަންމެ މޮޅު ،ފައިދާހުރި ހުށަހެޅުމެއް ހުށަހެޅި ކަމުގައިވިޔަސް އެ ހުށަހެޅުން ފާސްކުރުމަށް އެމީހުންނަށް ކުރެވޭނޭ ކަމެއްނެތުމެވެ. މިގޮތުން ބައެއްފަހަރު ސަރުކާރުން ހުށަހަޅާ ރަގަޅު ފައިދާހުރި ހުށަހެޅުންތަކަށް ވެސް އިދިކޮޅު ޕާޓީން ފާޑުކިޔާ ދެކޮޅުހަދައެވެ. މިހެން ހެދުމުގެ އަސްލު ސަބަބަކީ ވެރިކަންކުރާ ޕާޓީއަށް ޖެއްސުންކޮށް އެމީހުން މަޖިލީހުގެތެރޭ ހާރުވާލުމެވެ. އެހެންކަމުން ޤާނޫނުހަދާ މަޖްލިސް ސިފަކުރެވެނީ ރައްޔިތުންނަށް ފައިދާހުރި ބަހުސްކުރެވޭ މައިދާނަކަށް ވުރެން ބޮޑަށް ޕާޓީތަކުގެ ހަމަލާ ބަދަލުކުރެވޭ ހަނގުރާމައިގެ ހޫނުގަދަ މައިދާނެއްގެ ގޮތުގައެވެ.

5- ހުރިހާ ކަންތައްތައް އާހިރުގަ ނިމޭނީ ވެރިކަންކުރާ ޕާޓީއަށާއި އެޕާޓީއަށް ނިސްބަތްވާ މެންބަރުންގެ މަސްލަހަތަށް އެންމެ ފައިދާހުރި ގޮތަށެވެ. މި ގޮތަށް ކަންތައްތައް ދާވަގުތުތަކުގައި ޤައުމާއި ރައްޔިތުންގެ މަތިން ހަނދާންނެތެއެވެ. މިކަމުގެ ނަތީޖާއަކަށްވަނީ ޤައުމުގައި ކޮރަޕްޝަންގެ ބަލި އަށަގަނެ ބޮޑެތި އިގްތިސާދީ ، އިޖްތިމާއީ މައްސަލަތައް އާންމުވާން ފެށުމެވެ.

6- މިފަދަ ސަރުކާރެއްގައި ވަޒީރުންގެ ގޮތުގައި ތިބޭނީ ބޮޑުވަޒީރު ގަޔާވާ ހިތްއެދޭ ބޭފުޅުންނެވެ. މި ބޭފުޅުން ގިނަވަގުތު ހޭދަކުރައްވާނީ ޕާޓީ ބައްދަލުވުންތަކުގަޔާއި ކެންޕޭނުކުރުމުގަޔާއި އެބޭފުޅަކު ހޮއްވެވި އަވަށެއްގެ (ކޮންސްޓިޓުއެންސީ) ރައްޔިތުންގެ ކަންތައްތައް ހަމަޖައްސައި ދިނުމުގެ މަސަތްކަތުގައެވެ. އެހެންކަމުން މިބޭފުޅުން ހިންގުމާއި ހަވާލުވެ ހުންނަވާ މިނިސްޓްރީގައި ކަންތައްތައް ހިނގާ ދާގޮތް ގިނަފަހަރަކަށް އެގިވަޑައި ނުގަންނަވާނެއެވެ. ދެން އެމަސައްކަތްތައް ރާވާ ހިންގަން ހަވާލު ކުރާނީ މިނިސްޓްރީގެ ކޮންމެވެސް ވެރިއަކާއެވެ. މިހެން ގޮސް މިނިސްޓްރީގެ މަސައްކަތް ބޮއްސުންލާދާނެއެވެ.

7- މިނިޒާމުގައި ބޮޑުވަޒީރުގެ ވެރިކަމުގެ ދައުރު ނުވަތަ މުއްދަތު ކަޑައެޅިގެން ބަޔާންވެފައެއް ނޯންނާނެއެވެ. އެހެންކަމުން ވެރިކަމުގައި ކިތަންމެ ދުވަހެއް ވަންދެންވެސް ހުރުމުގެ ފުރުސަތު ބޮޑުވަޒީރަށް ލިބިގެންވެއެވެ. މިސާލަކަށް އިގިރޭސި ބޮޑުވަޒީރު މާގްރެޓް ތެޗަރ 12 އަހަރު ބޮޑުވަޒީރުކަންކުރެއްވިއެވެ. ޕާޓީގެ ލީޑަރެއްގެ ގޮތުގައި 16 އަހަރު ހުންނެވިއެވެ. ޖޯން މޭޖަރ 07 އަހަރު ވަންދެން ބޮޑުވަޒީރުކަން ކުރެއްވެވިއެވެ. ޓޯނީ ބްލެޔަރ 10 އަހަރުވަންދެން ބޮޑުވަޒީރުކަން ކުރައްވައި 13 އަހަރު ވަންދެން ޕާޓީގެ ލީޑަރެއްގެ ގޮތުގައި ހުންނެވިއެވެ.

8- ރައްޔިތުންނަށް ސީދާ އެބައިމީހުންގެ ވޯޓަކުން ސަރުކާރުގެ އެންމެ އިސްވެރިޔާ ހޮވުމުގެ ފުރުސަތެއް ނޯވެއެވެ. އެހެންކަމުން އޭރު ހުންނެވި ބޮޑުވަޒީރަކު އިސްތިއުފާ ދެއްވުމުން އެމަޤާމަށް ދެންއަންނަ ބޮޑުވަޒީރަކު އަންނާނީ އެބޭފުޅަކު ނިސްބަތްވާ ޕާޓީއެއްގެ ޤާނޫނު ހަދާ މަޖިލީހުގެ ގިނަ މެންބަރުންގެ ތާއީދު ލިބޭ ބޭފުޅެކެވެ. މިސާލަކަށް އިގިރޭސި ކުރީގެ ބޮޑުވަޒީރު ޓޯނީ ބްލެޔަރ އިސްތިއުފާ ދެއްވުމުން މިހާރު ބޮޑުވަޒީރުކަމުގެ މަޤާމަށް ހޮވިވަޑައިގެންނެވި ކުރީގެ ޗާންސެލަރ ގޯޑަން ބްރައުން އެމަގާމާއި ހަވާލުވީ އެއްވެސް އިންތިހާބެއްގައި ވާދަކުރުމެއްނެތިއެވެ. މިނިޒާމު ހަމަޖެހިފައިވާ ގޮތުން ބޮޑުވަޒީރަކާއި ރައީސަކު އެބަހުންނަން ޖެހެއެވެ. މިހެންވުމުގެ ސަބަބުން ދައުލަތުގެ ހަރަދުގައި ރައީސް /ރާނީ އާއީ އެބޭފުޅާގެ އާއިލާއަށް ތާހިރު، އަބުރުވެރި ދިރިއުޅުމެއް އުޅެވޭނޭފަދަ ގޮތެއް ހަމަޖައްސައިދޭން ޖެހޭނެއެވެ. މިހެންވުމުން ދައުލަތުގެ ޚަރަދު ވަރަށް ބޮޑުތަން އިތުރުވެދެއެވެ. މިސާލަކަށް އިގިރޭސި ވިލާތުގައި ދައުލަތުގެ ވެރިޔާއަކީ ރާނީ އެލިޒަބަތެވެ. އެކަމަނާ ދިރިއުޅުއްވުމަށް ދައުލަތުން ދެއްވާފައިވަނީ މަޝްހޫރު ބަކިންހަމް ޕެލަސްއެވެ. ބޮޑުވަޒީރުގެ ގަނޑުވަރު އަދި ގެކޮޅުގެ ގޮތުގައި ދައުލަތުން ހަމަޖައްސަވާފައިވާނީ ނަންބަރ 10 ޑައުނިން ސްޓްރީޓްއެވެ.

މިނިޒާމުގައި ރަގަޅު ކަންތައްތަކެއް ހުރިހެން މި ނިޒާމުގައި ގޯސް އުނި ކަންތައްތަކެއް އެބަހުރިކަން މިހާރު އަޅުގަޑުމެން އެންމެނަށްވެސް އެގެއެވެ. ނިންމާލަމުން ބުނަންއޮތީ ބަރުލަމާނީ ނިޒާމުގެ ދަށުން ކާމިޔާބު ވެރިކަން ހިންގާ ނިޒާމެއް ގާއިމްކުރެވޭނީ އެ ޤައުމެއްގައި ހަރުދަނާ ބައި- ޕާޓީ (ބޮޑު ދެ ޕާޓީ) ސިސްޓަމެއް އޮވެ "އިޚުލާސްތެރި" ކަމާއިއެކު މަސައްކަތް ކުރާ އިދިކޮޅު ޕާޓީއެއް އޮވެގެންނެވެ. ކުދި ކުދި ބައިވަރު ޕާޓީތައް (މަލްޓި ޕާޓީ) ގާއިމްވެފައިވާ ޤައުމެއްގައި މިފަދަ ނިޒާމަކަށް އެއްވެސް އަލި މަގެއްނުފެންނާނެއެވެ. އެފަދަ ނިޒާމެއްވާނީ ރައްޔިތުންގެ ހަލާކަށެވެ.

(މި މަޒްމޫނުގައި ހިމެނޭ މިސާލުތަކާއި އެންމެހައި މައުލޫމާތު ނަގާފައިވަނީ މިނިޒާމު އެންމެފުރިހަމައަށް ގާއިމްވެފައިވާ އެއް ޤައުމުކަމުގައިވާ އިނގިރޭސި ވިލާތް އަސްލަކަށް ބަލައިގެންނެވެ.)

No comments: