Saturday, July 21, 2007

އެމްޑީޕީ އިން ދެން އަންނަ ރައްޔިތުންގެ މަޖިލީހުގެ އިންތިހާބަށް ސިއްރުން ކެންޑިޑޭޓުން ހަމަޖައްސައިފި؟

"ހަފްތާ" މަޖައްލާގެ 16 ޖުލައި 2007 ވަނަ ދުވަހުގެ އަދަދުގައި ކަވަރ ސްޓޯރީގައި އެމްޑީޕީގެ ގދ. ދާއިރާގެ ރައީސް މުހައްމަދު ސަލީމްގެ އިންޓަވިއުއެއް ހިމަނާފައިވެއެވެ. އެމްޑީޕީގެ އެއް ފައުންޑަރ ގޯގޯ ލަތީފާއި ސަލީމާއި ދެމެދު އުފެދިފައިވާ ހަމަނުޖެހުމަކާއި ބެހޭ އިންޓަރވިއު އެކެވެ.

ސަލީމް: އާން މިހާރު ޕާޓީން އެކަހެރިވާތީ، ލަތީފު އުޅެނީ، ކޮންމެވެސް ގޮތަކުން ޕާޓީ ތެރެއަށް ވަންނަން. އެކަން ކުރެވެން އަންނަނީ، އޭނާ ހިތުން ގދ ގެ މެންބަރުކަން ހޯދައިގެން. އެކަމަށް އޭނާ ކެމްޕޭނު ކުރަމުން މިދަނީ. އެކަމަކު މިފަހަރު ގދ ގެ ފަސް ގޮނޑިއަށް މިހާރު ތިބޭނެ ފަސް މީހުން ތައްޔާރުކޮށްފަ. ލަތީފުމެނަކީ މިހާރު މީހުން ބަލައިގަންނަ ބައެއް ނޫން. އެހެންވީމާ އެކަހަލަ މީހުންނަކަށް ފުރުސަތެއް ނެތް މިހާރަކު.

ބެލެވޭ ގޮތުގައި އަލަށް އިސްލާހު ކުރެވޭ ގާނޫނު އަސާސީ ނިމޭއިރު އާބާދީ ބޮޑު ދާއިރާތަކަށް ގިނަ ގޮނޑި ރައްޔިތުންގެ މަޖިލީހުގައި ހުންނަ ގޮތަށް ހަމަޖެހޭނެއެވެ. ވީމާ މިހާރު 2 ގޮނޑި ހަމަޖެހިފައިވާ ގދ އަތޮޅަށް އިތުރު ގޮނޑިތަކެއް ލިބޭނެއެވެ. ބަރުލަމާނީ ނިޒާމަކަށް ކެމްޕޭން ކުރަމުންދާ އެމްޑީޕީ އިން ދެން އަންނަ ރައްޔިތުންގެ މަޖިލީހުގެ އިންތިހާބަކަށް ގދ ދާއިރާގެ ގޮނޑިތަކަށް މިހާރުއްސުރެ މީހުން ތައްޔާރުކޮށް ނިންމާފައި ތިބި ކަމަށް ގދ ދާއިރާގެ ރައީސް މީޑިއާއަށް ހާމަކުރުމަކީ އެމްޑީޕީގެ މެންބަރުންނާއި އަދި ރާއްޖެއަށް ޑިމޮކްރެސީ ގެންނަން މަސައްކަތް ކުރާ މީހުން ކަންބޮޑުވާން ޖެހޭ ކަމެކެވެ.

ސަލީމް އެބުނާ ފަސް ގޮނޑިއަށް ފަސް މީހުން ކަނޑައެޅީ ކޮން ބަޔަކު ތިބެގެން ނިންމި ގޮތެއްގެ މައްޗަށް ބިނާކޮށް ހެއްޔެވެ؟ އެކަން ނިންމީ އެމްޑީޕީގެ ގައުމީ މަޖިލީހުން ހެއްޔެވެ؟ އެކަން ނިންމި ބަޔަކު ނިންމާފައި އޮތް އިރު އެ ފަސްމީހުންގެ ނަންތައް މީޑިއާއަށް ހާމަކޮށްފައި ނެތީ ކީއްވެ ހެއްޔެވެ؟ އެކަން ނިންމުމުގައި ގދ. ދާއިރާގެ އެމްޑީޕީ މެންބަރުންގެ މަޝްވަރާ ހޯދާފައި ވަނީ ކިހާ މިންވަރަކަށް ހެއްޔެވެ؟

ގދ. އަތޮޅުގެ ގިނަ ރައްޔިތުންނަކީ އެމްޑީޕީގެ މެންބަރުން ނުވަތަ އެމްޑީޕީއަށް ވޯޓު ދޭނެ މީހުންނެވެ. އެމީހުންގެ މުސްތަގުބަލު ކަނޑައެޅުމުގައި މަޖިލީހުގައި މަސައްކަތް ކުރާނެ މެންބަރުން ހޮވުމަށް ބާއްވާ އިންތިހާބެއްގެ ކެންޑިޑޭޓުން ޕާޓީން ކަނޑައަޅަން ވާނީ އެމީހުންނާއި ވެސް މަޝްވަރާ ކޮށްފައެވެ.

ސަލީމް ހާމަ އެކުރީ އެމްޑީޕީގެ ކަންތައް ހިގަނީ ޓްރާންސްޕޭރެންޓް ކޮށް ނޫން ކަމެވެ. ޑިމޮކްރެސީ ގެނައުމުގެ ނަމުގައި މަސައްކަތް ކުރާ އެ ޕާޓީގެ ގިނަ ކަންތައް މަދު ބަޔަކު ނިންމައި ސިއްރުކޮށްގެން ތިބޭ ކަމެވެ. އެބުނާ ފަސް މީހުންނަކީ މުއްސަދިން ހެއްޔެވެ؟ އަދި އެމީހުންގެ ފަހަތުގައި ތިބީ ކޮން ބައެއް ހެއްޔެވެ؟ އެމްޑީޕީ އިން ބަރުލަމާނީ ނިޒާމެއް ރާއްޖެއަށް ގެނެސް މަޖިލީހުގެ ގޮނޑިތަކަށް މެންބަރުން ހޮވުމުގައި ރައްޔިތުންގެ ބަސް މިހާ ކުޑަކުރަން ރާވަނީ އެމީހުންގެ ވަރަށް ބޮޑު ރޭވުމެއްގެ ދަށުން ވަކި ބަޔަކަށް ބާރުތައް ދީ، މަޖިލީހުގެ ގޮނޑިތައް ހޯދައިދޭން ހެއްޔެވެ؟

އިގިރޭސިވިލާތުގައި ވެސް ޕާޓީގެ ފަރާތުން ދާއިރާތަކަށް ކެންޑިޑޭޓުން ހޮވުމުގައި އަމަލު ކުރާ އުސޫލުތައް އެމްޑީޕީގެ އުސޫލުތަކާއި ތަފާތެވެ. އެމްޑީޕީ އާއި ގާތް ގުޅުމެއް އޮންނަ އިގިރޭސި ކޮންޒަވޭޓިވް ޕާޓީއިން އަމަލު ކުރާ އުސޫލު ބައްލަވާށެވެ. ލިބަރަލް ޑިމޮކްރެޓިކް ޕާޓީ އިން އަމަލު ކުރާ އުސޫލު ބައްލަވާށެވެ. 2003 ވަނަ އަހަރުގެ އިންތިހާބުގައި ސްކޮޓްލެންޑްގެ ޕާލަމެންޓަށް މެންބަރުން ހޮވުމަށް ޕާޓީތަކުން ކެންޑިޑޭޓުން ހޮވި ގޮތް ބައްލަވާށެވެ.

އެމްޑީޕީގެ ފަރާތުން ތައްޔާރުކޮށްފައި ތިބި ފަސް މީހުންގެ ތެރޭގައި އަންހެނުން ހިމަނާފައިވޭ ހެއްޔެވެ؟ ޖެންޑަރ ހަމަހަމަ ކުރުމަށް އިސްކަން ދީފައިވޭ ހެއްޔެވެ؟

ސަލީމް އެބުނާ ގޮތަށް ގދ ދާއިރާއަށް ފަސް މީހުން ތައްޔާރުކޮށްފައިވާނަމަ އެހެން ދާއިރާތަކަށް ވެސް ތައްޔާރުކޮށްފައި ހުރެދާނެއެވެ. މިކަންތައް ހިގާފައިވާ ގޮތް ދާއިރާތަކުގެ ރައީސުންގެ ކައިރިން އޮޅުން ފިލުވުމަކީ އެދާއިރާއެއްގެ މެންބަރުންގެ ވާޖިބެކެވެ. އަދި މިކަން ހިގާފައި އޮތްގޮތް އެމްޑީޕީއިން މީޑިއާ އަށް ހާމަކުރަން ވެސް ޖެހޭނެއެވެ.

3 comments:

Anonymous said...

Nicely presented. You guys are doing a great job. Keep it up.

s[u]jau said...

one of the best thing ever seen in your blog

Anonymous said...

its great and keep it up.