ރާއްޖޭގެ އަވައްޓެރި އިންޑިޔާއަކީ ބަރުލަމާނީ ނިޒާމެއް އޮންނަ ގައުމެކެވެ. އެގައުމުގައި އޮންނަ ބަރުލަމާނީ ނިޒާމުގެ ދަށުން ޖަވާހަރުލާލް ނެހެރޫ 17 އަހަރު ބޮޑުވަޒީރުކަން ކުރެއްވިއެވެ. އެއީ 15 އޯގަސްޓް 1947 ވަނަ ދުވަހުން ފެށިގެން 27 މޭ 1964 ވަނަ ދުވަހާއި ހަމައަށެވެ. އެއީ ނެހެރޫ އަވަހާރަވި ދުވަހާއި ހަމައަށެވެ. ނެހެރޫގެ އަންހެން ދަރިކަނބަލުން އިންދިރާ ގާންދީ އިންޑިޔާގެ ބޮޑުވަޒީރުކަން 16 އަހަރު ވަންދެން ކުރައްވާފައިވެއެވެ. އެއީ 24 ޖެނުއަރީ 1966 ވަނަ ދުވަހުން ފެށިގެން 24 މާޗް 1977 ވަނަ ދުވަހަށް އަދި 14 ޖެނުއަރީ 1980 ވަނަ ދުވަހުން ފެށިގެން 31 އޮކްޓޯބަރ 1984 ވަނަ ދުވަހާއި ހަމައަށެވެ. އިންދިރާ ގާންދީ އަވަހާރަކޮށްލީ ބޮޑުވަޒީރަކަށް ހުންނަވަނިކޮށެވެ. ބައްޕައާއި ދަރިފުޅުގެ ބޮޑުވަޒީރުކަމުގެ ޖުމްލަ މުއްދަތަކީ 33 އަހަރެވެ.
އިންދިރާ ގާންދީގެ ފަހުން ބޮޑު ވަޒީރަކަށް ވެވަޑައިގެންނެވީ އޭނާގެ ފިރިހެން ދަރިކަލުން ރަޖީވް ގާންދީއެވެ. އޭނާ 5 އަހަރު ވަންދެން ބޮޑުވަޒީރުކަން ކުރެއްވިއެވެ. އެއީ 31 އޮކްޓޯބަރ 1984 ވަނަ ދުވަހުން ފެށިގެން 1 ޑިސެމްބަރ 1989 ވަނަ ދުވަހަށެވެ.
އިންޑިޔާގެ ބަރުލަމާނީ ނިޒާމުގައި ބޮޑުވަޒީރަކަށް ވުމުގެ ފުރުސަތު ރަޖީވް ގާންދީގެ ހުވަފަތް އަނބިކަބަލުން ސޯނިއާ ގާންދީއަށް ވެސް ލިބިވަޑައިގަތެވެ. ނަމަވެސް އޭނާ އެފުރުސަތު ދޫކޮށްލެއްވީއެވެ. ރަޖީވް ގާންދީގެ ދަރިކަލުން ރާހުލް ގާންދީ އަކީ މުސްތަގުބަލުގެ ބޮޑުވަޒީރަކަށް ވާނެ ކަމަށް ގިނަ ބަޔަކު ދެކެއެވެ.
އިންދިރާ ގާންދީގެ ބޮޑުވަޒީރުކަމުގައި 26 ޖޫން 1975 ވަނަ ދުވަހު އިއުލާން ކުރި ސްޓޭޓް އޮފް އެމަޖެންސީއަކީ ހުދުމުހުތާރު ބާރުތަކާއި އެކީގައި ވެރިކަން ކުރުމަށް އޭނާ ހުޅުވާލި ދޮރެކެވެ. މިދުވަސްވަރު ސަރުކާރާއި ދެކޮޅު ވަރަށް ގިނަ މީހުން ޖަލަށްލިއެވެ. ނޫސްތައް ސެންސަރުކުރުން ހައްދު ފަހަނަޅާ ދިޔައެވެ. އަދި އާބާދީ މަދުކުރުމުގެ ނަމުގައި ގަދަބާރުން މަޖުބޫރުކޮށްގެން ފިރިހެނުންނަށް ދަރިން ނުލިބޭ ގޮތް ވެސް އެދުވަސްވަރު ހެދިއެވެ. އެ ދުވަސްވަރުގެ ހާލަތު ކޮންމެވެސް ވަރަކަށް ސަލްމާން ރުޝްދީގެ މިމަޒުމޫނުގައި ވެސް ކިޔާދީފައިވެއެވެ. އަދި ސަލްމާން ރުޝްދީގެ ވާހަކަ ފޮތް 'މިޑްނައިޓްސް ޗިލްރަން' ގައި އުޅޭ ސަލީމް ސިނާއީއަށް ވެސް އިމަޖެންސީގެ އުދަގޫތައް ފޯރައެވެ. އިމަޖެންސީ ވެރިކަމުގެ ކަންތައް އެންމެ ރަގަޅަށް ބަޔާންކޮށްދޭ އެއް ވާހަކަ ފޮތަކީ ރޮހިންތަން މިސްތްރީގެ 'އަ ފައިން ބެލެންސް' އެވެ.
ދާދިފަހުން އެމްޑީޕީގެ ފަރާތުން ބަރުލަމާނީ ނިޒާމަށް ތާއީދު ހޯދުމަށް ހއ. ދާއިރާއިން އިންތިޒާމުކުރި ބައްދަލުވުމެއްގައި މާލޭގައި ދަރުބާރުގޭގައި އެޕާޓީގެ ޗެއަރޕާސަން މުހައްމަދު ނަޝީދު ދެއްކި ވާހަކައިގައި އިންޑިޔާގެ އެމަޖެންސީ ދުވަސްވަރަށް ފަހުގައި އިންޑިޔާގައި ރިޔާސީ ނިޒާމު ގެނައުމަށް ދެކޮޅު ހަދައި ރިޔާސީ ނިޒާމަކީ ގައިރުގާނޫނީ ނިޒާމެއް ކަމަށް އިންޑިޔާގެ ކޯޓަކުން ހުކުމެއް ކޮށްފައިވާ ކަމަށް ބުންޏެވެ.
އިންދިރާ ގާންދީގެ އިމަޖެންސީ ވެރިކަން ފެއްޓީ ވެސް އޭނާ އިންތިހާބުގައި ނުފޫޒުގެ ބޭނުންކޮށްފައިވާ ކަމަށާއި އިންތިހާބުގެ ނަތީޖާ ސައްހަ ނޫން ކަމަށާއި އޭނާއަށް މަޖިލީހުން ލިބުނު ގޮނޑި ދޫކޮށްލަން ޖެހޭނެ ކަމަށް އިންޑިޔާގެ ކޯޓަކުން ހުކުމް ކޮށްފައި ވަނިކޮށެވެ.
މީގެ ތިން އަހަރު ކުރިން ރާއްޖޭގައި ވެރިކަމުގެ ތިންބާރު ވަކިކުރުމުގެ ރޫހު ވަރަށް ގަދަޔަށް އޮތް ނަމަވެސް މިހާރު އެއީ އެހާ މުހިންމު ކަމެއް ކަމަކަށް އެމްޑީޕީއަކުން ނުދެކެއެވެ. އަންނި ދެއްކި ވާހަކައިގައި މުހިންމީ ސަރުކާރާއި ދައުލަތް ވަކިކުރުން ކަމަށް ބުންޏެވެ.
"ރިޔާސީ ނިޒާމެއްގައި އެބާރުތައް ވަކިވަނިއްޔޭ އަދި ބަރުލަމާނީ ނިޒާމެއްގައި އެބާރުތަކެއް ވައްކެއް ނުވެޔޭ، އަޅުގަނޑަކަށް އެކަމެއް ގަބޫލެއް ނުކުރެވޭ އެއީ އިލްމީ ގޮތުންވެސް ބާތިލް ވާހަކައެއް، އެއީއެއްނޫނޭ ވަކި ކުރަންވީ ބާރަކީ ވަކިކުރަންވީ ބާރަކީ ސަރުކާރާއި ދައުލަތާއޭ، ބަރުލަމާނީ ނިޒާމެއްގައި ވެސް ވަކިވެފައި އޮންނަ ތިންބާރެއް އޮވެޔޭ އެއީ ސަރުކާރުގެ ބާރު ބޮޑު ވަޒީރަށް، ދައުލަތުގެ ބާރު ރައީސުލްޖުމްހޫރިއްޔާއަށް، ޝަރީއަތުގެ ބާރު އުއްތަމަ ފަނޑިޔާރު" އަންނި ވިދާޅުވިއެވެ.
އަންނިގެ ވާހަކައިގައި "ރިޔާސީ ނިޒާމަކީ ހަގީގަތުގައި ވެސް ޑިމޮކްރެސީއާއި ގުޅޭ ނިޒާމެއް ނޫން ކަމަށް" ވެސް ބުންޏެވެ. އަންނި މިވާހަކަ ދައްކާފައި ވީ ނަމަވެސް ބަރުލަމާނީ ނިޒާމެއް އޮންނަ ގައުމެއް ކަމަށްވާ އަދި އަންނި ކިޔެވި ގައުމު ކަމަށްވާ އިގިރޭސި ވިލާތުގައި އުޅެފައިވާ އަންނިއަށް ވުރެ އިލްމީ ގޮތުން މާމޮޅު ކަމަށް ދުނިޔޭގެ ގިނަ ބަޔަކު ގަބޫލުކުރާނެ މީހުން ވެސް ވަނީ ބަރުލަމާނީ ނިޒާމެއްގައި ވެރިކަމުގެ ބާރުތައް މުޅިން ވަކި ނުވާ ކަމަށާއި، ވެރިކަމުގެ ބާރުތައް ވަކިކުރުމުގެ މުހިންމު ކަމުގެ މައްޗަށް ލިޔެ ވާހަކަދައްކާފައެވެ. ބަރުލަމާނީ ނިޒާމެއްގައި އަގުލަބިއްޔަތު ލިބޭ ޕާޓީ ރައްޔިތުންގެ މަޖިލީހުގެ މައްޗަށް ނުފޫޒު ފޯރުވާ ގޮތާއި މެދު ލޯޑް ހެއިލްޝަމް ބުނެފައިވަނީ "އިލެކްޓިވް ޑިކްޓޭޓަރޝިޕެއް" ކަމަށެވެ. އަދި އިންޑިޔާގައި އޮންނަ ބަރުލަމާނީ ނިޒާމުގެ މައްސަލަތައް ފާހަގަކޮށް ރިޔާސީ ނިޒާމެއް ގެނައުމަށް ގޮވާލާ މީހުން ވެސް އެބަތިއްބެވެ. ބަރުލަމާނީ ނިޒާމަކަށް ކެމްޕޭން ކުރަމުން ގެންދާ އެމްޑީޕީ އިން ދަނީ ރައްޔިތުންނަށް އޮޅުވާލައި ގިނަ ދޮގުތަކެއް ހަދަމުންނެވެ. އަދި މިކަމުގައި އެމްޑީޕީގެ މައުތުޕީސް 'މިނިވަން' ކަމަށް ބުނާ އެކަމަކު މިނިވަން ނޫން ނޫސް ވެސް ދަނީ ފުރިހަމައަށް ބައިވެރިވަމުންނެވެ. މިގޮތުން މިހާރު ރާއްޖޭގައި ހިގަމުންދާ ހުދުމުހުތާރު ވެރިކަމަކީ ރިޔާސީ ނިޒާމެއް ކަމަށް ރައްޔިތުންނަށް ވިސްނާދީ ވަރަށް ބޮޑަށް އޮޅުވާލަމުން އެބަ ގެންދެއެވެ. މިއީ މިގަރުނުގައި ދިވެހިރާއްޖޭގައި ހިގާ އެންމެ ބޮޑު އޮޅުވާލުމަށް ވެސް ވެދާނެއެވެ. އިސްލާހު ގެނައުމުގެ ބޭނުމުގައި އެމްޑީޕީއަށް ތާއީދުކުރި ކިތަންމެ ބަޔަކު މިހާރު ވަނީ މާޔޫސްވެފައެވެ. އަދި އެމީހުން ބުނާ ގޮތުގައި އެމްޑީޕީ ބޭނުންނަމަ ބަރުލަމާނީ ނިޒާމަކަށް ތާއީދު ކުރެވިދާނެއެވެ. ނަމަވެސް ރައްޔިތުންނަށް ކޮންމެހެން އޮޅުވާލާކަށް ނުޖެހެއެވެ. މައުމޫނުގެ ވެރިކަން ހިންގާ ގޮތެކޭ އެމްޑީޕީގެ އަމަލުތަކެކޭ މިކަމުގައި ތަފާތެއް ނެތެވެ.
2 comments:
You post is very interesting. But the point is, Maldivians will vote to go for a parliamentary system of government this time.
We also think the outcome of the referendum will favour parliamentary system. Because the powerful politicians in MDP and almost all factions of DRP favour it. We are concerned that Maldivians are being misinformed through propaganda. When Maldivians opted to have a Republic to replace the monarchy in 1953 the majority didn't even know what a Republic was. It is sad that after 50 years we still see politicians manipulating the public and no real efforts made to inform the people and let them practice their democratic rights.
Post a Comment