Sunday, August 12, 2007

ރިޔާސީ ނިޒާމް

ލިޔުނީ: އަބްދުﷲ ޝިނާން، ޝާއިއުކުރީ: އައްޑުވަސް 2007

ރިޔާސީ ނިޒާމަކީ އެ ނިޒާމެއްގައި ރައްޔިތުން އިންތިހާބްކުރާ (ސީދާ ގޮތުން ވިޔަސް އަދި ނުސީދާ ގޮތުން ވިޔަސް) ރައީސަކު ދައުލަތުގެ ވެރިއެއްގެ ހައިސިއްޔަތުން ، ކަނޑައެޅިފައިވާ މުއްދަތެއްގެތެރޭ ވެރިކަމުގެ އެންމެހައި ބާރުތައް މިލްކުރައްވައިގެން ހިންގަވާ ވެރިކަމުގެ ނިޒާމެކެވެ. މަތީގައި ބަޔާން ކުރެވިފައިވާ ފަދަ ފުރިހަމަ ރިޔާސީ ނިޒާމެއްގެ އަސްލު ބިނާވެފައި އޮންނާނީ މަޝްހޫރު ފިލޯސަފަރ މޮންޓެސްކޫގެ ތިންބާރު ވަކިކުރާ ނަޒަރިއްޔާ (ސެޕަރޭޝަން އޮފް ޕަވަރސް)ގެ މައްޗަށް ބިނާވެފައެވެ. ހަމަ އެއާއިއެކު ދައުލަތުގެ އެންމެ އިސްވެރިޔާ އާއި އެ ބޭފުޅާގެ ވަޒީރުން ހުރިހާކަމެއްގައި ޤާނޫނުހަދާ މަޖްލީހަށް ކިޔަމަންވެ ބަރޯސާވާކަށް ނުޖެހެއެވެ. މި ނިޒާމަކީ ދުނިޔޭގެ ވަރަށް ގިނަ ގައުމުތަކުގައި ތަޖުރިބާ ކުރަމުން އަންނަ ވެރިކަމުގެ ނިޒާމެކެވެ. މި ގައުމުތަކުގެ ތެރޭގައި ބްރެޒިލް، އާރޖެންޓީނާ، ޗިލީ، މެކްސިކޯ، ފިލިޕީންސް އަދި ސައުތު ކޮރެޔާ ހިމެނެއެވެ. ނަމަވެސް މިއަދުގެ ސުޕަރ ޕަވަރ އެމެރިކާ ބެލެވިފައިވަނީ މި ނިޒާމް ގާއިމްކޮށް މި ނިޒާމްގެ ސިފަތައް ދިރުވާ އާލާކުރުމަށް އެންމެ ބާރުއަޅާ ގައުމުކަމަށެވެ. އެހެންކަމުން މި ނިޒާމް އެންމެ ފުރިހަމައަށް ޤާއިމްކޮށް އޭގެ ފައިދާއާއި މަންފާ އެޤައުމުގެ ރައްޔިތުންނަށް އެންމެ ފުރިހަމައަށް ލިބެމުންދާކަން އެމެރިކާ މިއަދު އެދަނީ ދުނިޔެއަށް ހާމަކޮށްދެމުންނެވެ.

ފުރިހަމަ ރިޔާސީ ނިޒާމެއްގައި ހުންނަންޖެހޭ މުހިއްމު އަސާސީ ސިފަތަކަކީ:

1 - ރައީސްގެ ހަޤީޤީ ބާރު

މި ނިޒާމުގައި ޤައުމުގެ ވެރިކަމުގެ ހުންގާނުގައި ނުވަތަ ވެރިކަމުގެ ދާއިރާގައި (އެގްޒެކެޓިވް) ކަނޑައެޅިފައިވާ ވަކިމުއްދަތެއް ހަމަވަންދެން، ފުރިހަމަ ބާރާއެކު ދައުލަތުގެ އަދި ސަރުކާރުގެ އިސްވެރިއެއްގެ ހައިސިއްޔަތުން ހަރަކާތްތެރިވާނީ ރައްޔިތުން އިންތިހާބްކޮށްފައިވާ އެބައިމީހުންގެ ރައީސްއެވެ. މިސާލަކަށް އެމެރިކާގައި ނަމަ ރައްޔިތުން އެބައިމީހުންގެ ރައީސް ކޮންމެ 4 އަހަރަކުން އެއްފަހަރު އިންތިހާބް ކުރެއެވެ. މިގޮތަށް ރައީސް އިންތިހާބް ކުރާއިރު އެ މީހަކަށް އެންމެ ގިނަވެގެން ރައީސް ކަން ކުރެވޭނެ މުއްދަތެއް އޮންނާނީ ޤާނޫނު އަސާސީގައި ބަޔާންކުރެވިފައެވެ. މިސާލަކަށް އެމެރިކާގައި އެންމެ ދިގުމުއްދަތަކަށް ރައީސްކަން ކުރެވޭނީ 4 އަހަރުގެ2 ދައުރެވެ. ޖުމްލަ 8 އަހަރެވެ.

މިނިޒާމުގައި ރައީސަށް އޭނައަށް ލިބިފައިވާ ބާރުތަކުގެ މަތިން އޭނާގެ ވަޒީރުން އެއްމަގާމުން އަނެއް މަގާމަށް ބަދަލުކުރުމާއި އަދި ވަޒީރުން ވަޒީރުކަމަށްއައްޔަން ކުރުމާއި ވަޒީރުން ވަޒީރުކަމުން ވަކިކުރުން ހިމެނެއެވެ. އަދި ޤައުމީ ސިޔާސަތު އެކުލަވާލުމާއި ހަނގުރާމަ އިއުލާން ކުރުމާއި ޤައުމުގައި ކުއްލިހާލަތު އިޢުލާންކުރުމާއި އަދި ޤާނޫނާއި ގަވާއިދު ހިފަހައްޓަން ކުރަންޖެހޭ ހުރިހާކަމެއް ކުރުމުގެ ފުރިހަމަ ބާރު އޮންނާނީ ރައީސްގެ އަތްމަތީގައެވެ.

2 - ވެރިކަން ހިންގާބާރާއި (އެގްޒެކެޓިވް) ޤާނޫނު ހަދާ މަޖްލިސް (ލެޖިސްލޭޗަރ) ވަކިވެ މިނިވަންވެފައި އޮތުން

މިނިޒާމުގައި ރައީސާއި ވަޒީރުން ޤާނޫނު ހަދާ މަޖިލިހުގެ މެންބަރުންގެ ގޮތުގައެއް ނުތިއްބެވޭނެއެވެ. މިގޮތުން ރައީސް ޤާނޫނުހަދާ މަޖްލީހުގެ މެންބަރަކަށް ވަޒީރުކަން ދެއްވައިފިނަމަ އެބޭފުޅަކު ޖެހިވަޑައިގަންނަވާނީ ޤާނޫނުހަދާ މަޖްލީހުގެ ގޮނޑި ދޫކޮށްލައްވާށެވެ. މިސަބަބާހުރެ ރައީސް އާއި އޭނާގެ ވަޒީރުން ޤާނޫނުހަދާ މަޖްލީހުގައި ހިނގާ ބަހުސްތަކުގައި ބައިވެރިއެއް ނުވާނެއެވެ. އަދި ނުވެސް ވެވޭނެއެވެ. ނަމަވެސް ބައެއްކަހަލަ މުހިއްމު މައްސަލަތަކުގައި ރައީސް ޤާނޫނު ހަދާމަޖްލީހުގައި ތަގުރީރު ކުރައްވައެވެ. އަދި ހަމައެހެންމެ އަނެއްބައި ފަހަރުތަކުގައި ރައީސް ޤާނޫނު ހަދާ މަޖްލީހަށް ހާޒިރުނުވެ އެމައްސަލައަކާއި ގުޅޭ "ބަޔާނެއް" ނުވަތަ 'ލިޔުމެއް" ވެސް ހުށަހަޅާފާނެއެވެ. މިގޮތަށް ރައީސް ފޮނުއްވަވާ "ބަޔާންތައް" ބަލައިގަތުމާއި ނުގަތުން ބިނާވެފައި އޮންނާނީ ޤާނޫނު ހަދާ މަޖްލީހުގެ މެންބަރުންގެ އަތްމަތީގައެވެ. ބައެއްހާލަތުތަކުގައި ވަޒީރުންވެސް ޤާނޫނު ހަދާ މަޖްލީހުގައި ބައިވެރިވެ ވަޑައިގަންނަވައެވެ. ނަމަވެސް މިއިން އެއްވެސް ވަޒީރަކަށް ޤާނޫނު ހަދާ މަޖިލީހުގައި ވޯޓު ދިނުމުގެ ހައްގެއް ނޯންނާނެއެވެ. އަހަރީ ބަޖެޓް ކަނޑައަޅައި ޤާނޫނު ހަދާ މަޖްލީހަށް ހުށަހަޅާނީ ސީދާ ރައީސްއެވެ. ނަމަވެސް ޤާނޫނު ހަދާ މަޖްލީހަށް ފެންނަ ހިދެއްގައި އެއިން ބައިބައި އުނިކުރުމުގެ އިހްތިޔާރު އޮވެއެވެ. ހަމަ މިގޮތަށް ޤާނޫނުހަދާ މަޖްލީހުން ފާސްކުރާ ބިލާ ދެކޮޅަށް ވީޓޯ ކުރުމުގެ ބާރު ރައީސަށް އޮވެއެވެ. މިގޮތުން ރައީސް ޤާނޫނު ހަދާ މަޖްލީހުން ފާސްކުރާ ބިލަކާ ދެކޮޅަށް ވީޓޯގެ ބާރު ބޭނުން ކުރައްވައިފިއްޔާ އަލުން އެބިލް އަނބުރާ ގެންގޮސް އިސްލާހު ކުރުމަށްފަހު ޤާނޫނު ހަދާ މަޖްލީހުގެ ހާއްސަ އަޣުލަބިއްޔަތަކުން ފާސްކުރެވިދާނެއެވެ. އެހެންކަމުން މިފަދަ ނިޒާމެއްގައި ވެރިކަން ހިންގާފަރާތާއި ޤާނޫނު ހަދާ މަޖްލިސް އޮންނާނީ މުޅިން މިނިވަންވެފައެވެ.

3- ޗެކް އެންޑް ބެލެންސް ސިސްޓަމް (އެއްބާރު އަނެއްބާރަށް ފާރަލާ ބެލުން)

ރައީސް އޭނާއަށް ލިބިފައިވާ ބާރު ބޭނުން ކުރައްވައި "ހުދްމުހްތާރު" ސިޔާސަތެއް ގެންގުޅުއްވާނަމަ އެކަންބަލާ ހުއްޓުވޭނެ ފަދަ ނިޒާމެއް ގާއިމްވެފައި އޮތުން މުހިއްމެވެ. މިގޮތުން ޗެކް އެންޑް ބެލެންސް ސިސްޓަމަކީ (އެއްބާރު އަނެއްބާރަށް ފާރަލާ ބެލުން) މިފަދަ ކަންކަން ބެލުމަށް އޮތް ވަރަށް ރަގަޅު ހައްލެކެވެ. މި ނިޒާމުގައި މައިގަޑު ތިންބާރު ކަމުގައިވާ ސަރުކާރު ހިންގުމުގެ ބާރާއި ޤާނޫނު ހާދާ މަޖްލީހުގެބާރާއި އަދި އަދުލްއިންސާފް ޤާއިމްކުރުމުގެ (ޝަރުޢީ އިދާރާ) ބާރުން އެއްބާރު އަނެއްބާރަށް ފާރަލާ ބަލާ ޗެކްކުރެވޭނެއެވެ. މިސާލަކަށް އެމެރިކާގައި ރައީސް މަގާމްތަކަށް އައްޔަން ކުރައްވާ ބޭފުޅުންނާއި، ޤައުމުތަކުގެ މެދުގައި ކުރެވޭ މުޢާހަދާތަކުގައި ސޮއިކުރެވޭނީ ސެނެޓުގެ(މަޖްލީހުން) ތާއީދުލިބިގެންނެވެ. އަދި ހަމައެކަނި ރައީސް އެފަދަ އެއްބަސްވުމެއްގައި ސޮއިކުރަން ބޭނުންވިކަމުގައި ވިޔަސް ސެނެޓުގެ ރުހުމާއިނުލާ އެ މަޤްޞަދް ހާސިލެއްނުވާނެއެވެ. އަދި ކޮންގްރެސުން (ޤާނޫނު ހަދާ މަޖްލިސް) ފާސްވާ ބިލްތައް ތަސްދީގު ކުރެވޭނީ ރައީސްގެ ހުއްދައާއި އެކުއެވެ. އަދި ހަމަ ކޮންގްރެސުން ބިލެއް ފާސްކުރިކަމުގައި ވިޔަސް އެއާއި ދެކޮޅަށް ވީޓޯ ކުރުމުގެ ބާރު ރައީސްއަށް ލިބިގެންވެއެވެ. ކޮންގްރެސުން ފާސްކުރާ ޤާނޫނަކީ ނުވަތަ ރައީސް ނެރުއްވާ ޤަރާރަކީ ޤާނޫނު އަސާސީއާއި ފުށުއަރާ އެއްޗެއްކަމަށް ވަނީނަމަ އެފަދަ ޤާނޫނުތަކާއި ނުވަތަ ޤަރާރުތައް ހުއްޓުވައި އެކަމާދެކޮޅަށް އަޑުއުފުލުމުގެ އިހުތިޔާރު އަދުލްއިންސާފު ޤާއިމްކުރާ އިދާރާއަށް ލިބިގެންވެއެވެ. ނަމަވެސް މިފަދަ ނިޒާމެއް ކާމިޔާބު ކަމާއެކު މަސައްކަތްކުރާނީ ފިސާރި މިނިވަންކަމާއިއެކު ތިން ބާރު ވަކިކުރެވިފައިވާނަމައެވެ.

4 – ރައީސްކަމުން ވަކިކުރުން

މިނިޒާމުގައި ރައީސް، ރައީސްކަމުގެ މަޤާމުން ، އޭނާގެ ވެރިކަމުގެ ދައުރު ހަމަވުމުގެ ކުރިން ބޭލޭނެ ގޮތަކީ ގާނޫނާއި ގަވާއިދުތައް މުގުރާ މަޤާމުގެ ހުވަޔާ ހިލާފްވުމެވެ. މިގޮތުން ރައީސްކަމުގެ ހުވާގައި ތިމަންނަ (ރައީސް) ދައުލަތުގެ ޤާނޫނު އަސާސީއަށް ރައްކާތެރިވެ އެ ޤާނޫނު އަސާސީ ދިފާއުކޮށް ހިމާޔަތްކުރާނޭކަމަށް ބުނެއެވެ. މި ހުވަޔާ ހިލާފުވެއްޖެ ހިނދެއްގައި ރައީސް، ރައީސްކަމުން ވަކިކުރުމަށް ޤާނޫނު އަސާސީ ގައި ކަޑައެޅިފައިވާ އުސޫލްތަކުގެ މަތިން މަސައްކަތް ކުރިޔަށް ގެންދެވޭނެއެވެ. މިސާލަކަށް އެމެރިކާގައި ރައީސް، ރައީސްކަމުގެ މަޤާމުގައި ހުންނަވައިގެން މަގާމްގެ ހުވަޔާ ހިލާފްވިތޯ ނުވަތަ ނޫންތޯ ނިންމަނީ ޤާނޫނު ހަދާ މަޖްލީހުންނެވެ. ނަމަވެސް ރައީސް މަޤާމްގެ ހުވަޔާ ހިލާފްވިތޯ ނުވަތަ ނޫންތޯ ބަލަންކުރާ މަސައްކަތް ފައްޓާ ހުށަހަޅާނީ ޤާނޫނު ހަދާ މަޖިލީހުގެ ތިރިގެ ކަމުގައިވާ ހައުސް އޮފް ރެޕްރެޒެންޓޭޓިވްސްއެވެ. މި މައްސަލާގައި ރައީސްގެ މައްޗަށް ކުރާ ހުރިހާ ދައުވާއެއް ހުށަހަޅާނީ ހައުސް އޮފް ރެޕްރެޒެންޓޭޓިވްސް އިންނެވެ. މިދަޢުވާއަށް ރައްދުދީ ރައީސް ވާހަކަދައްކާނެއެވެ. މިވާހަކަތައް އަޑުއެހުމަށްފަހު މައްސަލަ ވަކި ގޮތަކަށް ނިންމުމަށް ސެނެޓުގެ 3/2 އަޣުލަބިއްޔަތު ބޭނުންވާނެއެވެ.

މިނިވަން ވަކީލެއް ކަމުގައިވާ ކެނެތު ސްޓާރ 1998 އަހަރު ރައީސް ބިލް ކްލިންޓަން ރައީސް ކަމުގައި ހުންނަވައިގެން ރައީސް ކަމުގެ ހުވަޔާއި ހިލާފަށް މޯނިކާ ލުވިންސްކީގެ މައްސަލާގައި އިތުރުފުޅު ހައްދަވާފައިވާކަމަށް ސާބިތުވާކަމަށާއި މީގެ ދަށުން ރައީސް މަގާމުން ދުރުކުރެވިދާނެ ކަމަށް ބުނެ ވަރަށް ދިގު ރިޕޯޓެއް ހާމަކުރިއެވެ. ކެނެތު ސްޓަރގެ ރިޕޯޓްގައި ހުވަޔާ ހިލާފްވުމުގެ ސަބަބުން 11 މައްސަލަ ކްލިންޓަންގެ މައްޗަށް ހުށަހަޅާފައިވެއެވެ. މިގޮތުން މަގާމްގެ ހުވަޔާ ހިލާފްވެ އިތުރުފުޅު ހެއްދެވުން، ބާރުގެ ބޭނުން ކުރެއްވުން، މައްސަލައިގެ އަސްލު ހާމަކުރުމަށް ކުރެވުނު މަސައްކަތަށް ހުރަސްއެޅުން ހިމެނެއެވެ. ނަމަވެސް އެމެރިކާގެ ޤާނޫނު ހަދާ މަޖިލީހުގެ ތިރިގެއިން (ހައުސް އޮފް ރެޕްރެޒެންޓޭޓިވްސް) ފާސްވީ ކްލިންޓަންގެ ދެ މައްސަލައެއް ބެލުމަށެވެ. އެއީ ރައީސް ކަމުގެ ހުވާކުރައްވައިގެން ހުރެ އިތުރުފުޅު ހެއްދެވުމާއި މައްސަލައިގެ އަސްލު ހާމަކުރުމަށް ކުރެވުނު މަސައްކަތަށް ހުރަސްއެޅުމެވެ. މި މައްސަލަ ޤާނޫނު ހަދާ މަޖިލީހުގެ މަތިގެއަށް (ސެނެޓަށް) ހުށަހެޅި އެކަމަށް ބަހުސްކުރެވި އެ ދެމައްސަލައިގައި މެންބަރުން ނިންމެވީ: ރައީސް މަގާމުގެ ހުވާ ކުރައްވައިގެން ހުރެ އިތުރު ފުޅު ހެއްދެވިކަމަށް ނެގުނު ވޯޓުގެ ނަތީޖާއަކީ 45 މެންބަރުން ފެންނަކަމަށް 55 މެންބަރުން ނުފެންނަކަމަށެވެ. މައްސަލައިގެ އަސްލު ހާމަކުރުމަށް ކުރެވުނު މަސައްކަތަށް ރައީސް ހުރަސްއެޅުއްވި ކަމަށް ނެގުނު ވޯޓުގެ ނަތީޖާއަކީ 50 މެންބަރުން ފެންނަކަމަށް 50 މެންބަރުން ނުފެންނަކަމަށެވެ. އެހެންކަމުން އެއިން އެއްވެސް ކަމެއް ކްލިންޓަންގެ މައްޗަށް ފާސްކުރުމަށް ބޭނުންވާ 67 ވޯޓްގެ އަޣުލަބިއްޔަތެއް ނުލިބެއެވެ. ސެނެޓްގައި ރައީސްގެ މައްޗަށް މައްސަލައެއްގައި ކަމެއް ފާސްކުރުމަށް ސެނެޓުގެ 100 މެންބަރުންގެ ތެރެއިން 67 މެންބަރުންގެ ތާއީދު ހޯދަންޖެހެއެވެ. އެއީ ސެނެޓުގެ 3/2 ތާއިދެވެ.

އެމެރިކާގެ 37 ވަނަ ރައީސް ރިޗަރޑް ނިކްސަން މަޝްހޫރު "ވޯޓަރ ގޭޓް" މައްސަލަގައި ބައިވެރިވެޑައިގަތް ކަން އެގުމާއިއެކު އެމެރިކާގެ ޤާނޫނު ހަދާ މަޖިލީހުގެ ތިރިގެ ކަމުގައިވާ ހައުސް އޮފް ރެޕްރެޒެންޓޭޓިވްސްއިން 3 މައްސަލައެއް ނިކްސަންގެ މައްޗަށް ހުށަހެޅުނެވެ. އެއީ ޤާނޫނާއި ހިލާފަށް ރައީސް ކަމުގެ ބާރު ބޭނުންކުރެއްވުމާއި މައްސަލައިގެ އަސްލު ދެނެގަތުމަށް ކުރެވުނު މަސައްކަތަށް ހުރަސްއެޅުމާއި މަޖިލީހުގެ ކުރިމައްޗަށް ހާޒިރުވުމަށް ކުރެއްވި އަމުރުތަކަށް ނުކިޔަމަންތެރިކަން ދެއްކުމެވެ. މި މައްސަލަތައް ތިރިގޭގެ ޖުޑީޝަލް ކޮމެޓީން ބަލައިގަތުމާއިއެކު ޖެހިގެން އައި މަހު އެމެރިކާގެ ގަދަފަދަ ރައީސް ނިކްސަން މަގާމުން އިސްތިއުފާދެއްވިއެވެ. މައްސަލަ މަތިގެއަށް (ސެނެޓް) ހުށަހަޅައި ޤާނޫނު ހަދާ މަޖިލީހުގެ މެންބަރުން ގޮތެއް ނިންމެވުމުގެ ކުރިން ނިކްސަން އިސްތިއުފާ ދެއްވުމުން އެގެނީ ޤާނޫނު ހަދާ މަޖިލީހުގައި އެބޭފުޅާ ދިފާއުކޮށް ވާހަކަދެއްކުމަށް ގިނަ މެންބަރުން ތާއީދު ނުކުރައްވާކަމާއި އެބޭފުޅާ ނިސްބަތްވާ ރިފަބްލިކަން ޕާޓީގެ މެންބަރުންނާއި އިދިކޮޅު ޑިމޮކްރެޓިކް ޕާޓީގެ މެންބަރުންވެސް އެބޭފުޅާގެ މައްޗަށް އުފުލިފައިވާ މައްސަލައަކީ ރަގަޅު މައްސަލައެއްކަމަށް ބަލާ އެއުފުލިފައިވާ މައްސަލައާއި އެއްކޮޅަށް ވޯޓުދެއްވާނެކަން ޔަޤީންވީމައެވެ.

5 - ވަޒީރުން ޖަވާބްދާރީ ވާންޖެހުން

ފުރިހަމަ ތިންބާރު ވަކިކުރެވިފައިވާ ރިޔާސީ ނިޒާމެއްގައި ވަޒީރުންނަށް މަޖްލީހުގައި ދައުރެއް ނޯވެއެވެ. އެހެންކަމުން އެފަދަ ނިޒާމެއްގައި ވަޒީރުން ހާޒިރުކުރެވޭނީ މަޖްލީހުން އެކުލަވާލާފައިވާ ކޮމެޓީއެއްގެ ކުރިމައްޗަށެވެ. މި ކޮމިޓީތަކުގެ ބޭފުޅުންނަކީ އެ ކޮމިޓީގެ ދާއިރާ ފިޔަވައި އެހެން ދާއިރާގެ ކަންކަން ބަލާ ބޭފުޅުންނެއްނޫނެވެ. މިސާލަކަށް މިހާރުގެ އެމެރިކާގެ ހާރިޖީ ވަޒީރު މަގާމަށް އައްޔަނުކުރުމުގެ ކުރިން ޤާނޫނު ހަދާ މަޖްލީހުގެ ސެނެޓް ފޮރިން ރިލޭޝަންސް ކޮމިޓީގެ ކުރިމައްޗަށް ހާޒިރުކުރެވި ހާރިޖީ ދާއިރާގެ ތަޖުރިބާއާއި މައުލޫމާތު އެކަމަނާއަށް ލިބިލައްވާފައިވަނީ ކިހާވަރަކަށްތޯ އެބޭފުޅުން ބައްލަވާ ސުވާލުކުރެއްވިއެވެ. މިސާލަކަށް މިހާރުގެ އެޓާނީ މައްސަލަ ބޮޑު ބުޝްގެ ތާއީދު އޮތް އެޓާނީ ޖެނެރަލް ރޮބަރޓޯ ގޮންޒާލެސް ސެނެޓް ޖުޑީޝަލް ކޮމެޓީއަށް ހާޒިރުކުރެވި ސަރުކާރުން ހިންގާ "ސިއްރު ފޯންކޯލްތައް އަޑުއެހުމުގެ ޕްރޮގްރާމް" ބެހޭ ގޮތުން ސުވާލުކޮށް އެކަމުގައި ހޯދަންޖެހޭ ޤާނޫނީ ހުއްދައާއި މެދު ސުވާލު އުފައްދާފައި ވެއެވެ. ސެނެޓް ޖުޑީޝަލް ކޮމެޓީން 27 ޖޫން 2007 ވަނަ ދުވަހު ވަނީ ޖަސްޓިސް ޑިޕާޓްމަންޓަށާއި ވައިޓް ހައުސް އަދި ނައިބު ރައީސް ޑިކް ޗޭނީއަށް އެ ޕްރޮގްރާމާއި ބެހޭ ހުރިހާ މައުލޫމާތަކާއި އެ ޕްރޮގްރާމްގެ ދަށުން ނާސާ އާއި ވެވިފައިވާ އެއްބަސްވުމާއި ބެހޭ ހުރިހާ މައުލޫމާތެއް ކޮމެޓީއަށް ހުށަހެޅުމަށް އަމުރު ނެރެފައެވެ. މައްސަލަ މި ހިސާބުގައި އޮތްއިރު ޤާނޫނު ހަދާ މަޖްލީހުގެ ޑިމޮކްރެޓިކް ޕާޓީއަށާއި ރިޕަބްލިކަން ޕާޓީއަށް ނިސްބަތްވާ މެންބަރުން ތަކެއް މިހާރު ވަނީ އެޓާނީ ޖެނެރަލް އިސްތިއުފާ ދެއްވުމަށް ގޮވާލާފައެވެ. މިފަދަ ނިޒާމެއްގައި މިފަދަ ކޮމެޓީތަކަށް ވަރަށް ބޮޑެތި ބާރުތަކެއް ލިބިގެންވެއެވެ.

ރިޔާސީ ނިޒާމުގައި ކަންކަން މިހިނގަނީ ބަރުލަމާނީ ނިޒާމުގައި ކަންކަން ހިގާގޮތާއި މުޅީން ދިމާ އިދިކޮޅަށެވެ. އެހެންކަމުން މީގެތެރެއިން އެއްނިޒާމުގެ މޮޅުކަންތައްތަކަކީ (އެޑްވާންޓޭޖަސް) އަނެއްނިޒާމުގެ ބަލިފައި (ޑިސްއެޑްވާންޓޭޖަސް) ތަކެވެ. މީގެތެރެއިން ކޮންމެ ނިޒާމެއް އޮތްކަމުގައި ވިޔަސް އެ ނިޒާމެއް ބިނާވެފައި އޮންނަންވާނީ އެބައެއްގެ ސިޔާސީ އާދަކާދައާއި ސިޔާސީ ކުރިމަގުގެ މައްޗަށް ބަލާފައެވެ.

ރިޔާސީ ނިޒާމުގައިވެސް އެ ނިޒާމުގެ މޮޅުކަންތައްތައް ހުންނަ ބީދައިން ބަލިފައިތަކެއް ހުރެއެވެ. މިތާގައި މިގެނެސްދެނީ ރިޔާސީ ނިޒާމުގައި ހުރި މޮޅުކަންތައްތަކެވެ.

1 – ރައީސްކަމުގެ ދައުރު ހަމަ ކުރުން

ރައީސް އިންތިހާބް ކުރެވިފައި ހުންނާނީ ކަނޑައެޅިފައި އޮންނަ ވަކި މުއްދަތަކަށެވެ. ރައީސް ކަމުގައި ދެމިހުރުމުގެ ދައުރު ޤާނޫނު އަސާސީގައި އޮންނާނީ ކަނޑައެޅިގެން ބަޔާންކޮށްފައެވެ. ގިނަ ގައުމުތަކުގައި އެއީ 4 ނުވަތަ 5 އަހަރުގެ ދެދައުރެވެ. އޭގެކުރިން ރައީސް މަގާމުން ދުރުކުރުމަކީ އެހާމެ ދިގު އަދި އުދަގޫ މަސައްކަތެކެވެ. އަދި ރައީސް ކަމުގައި ދެމިހުރުމަށްޓަކައި ކޮންމެހެން ޤާނޫނު ހަދާ މަޖްލީހުގެ ރުހުމާއި މަގުބޫލުކަން ހޯދާކަށް ނުޖެހެއެވެ. އެހެންކަމުން ސަރުކާރު ހިންގުމުގައި ރައީސަށް އެއްވެސް ކަހަލަ ހީނަރުކަމަކާއި ކުރިމަތިލާކަށް ނުޖެހޭނެއެވެ. ސަރުކާރު ގެ ސިޔާސަތު ހަރުދަނާކަންމަތީ ދެމެހެއްޓޭނޭ ކަމުގެ ޔަޤީންކަން އޮންނާނެއެވެ. މަޖިލީހަށް އަންނަ ބަދަލަކުން ސަރުކާރު ހިންގުމަކަށް އެއްވެސް ބުރުލެއްނާރާނެއެވެ.

2 – ބައެއްކަހަލަ ހާލަތުތަކުގައި ރައްޔިތުންގެ ހައްގުގައި ކަންކަން އަވަސްކޮށް ނިންމުމަށް ރައީސްއަށް ލިބިފައިވާ ބާރުގެ ބޭނުން ކުރެއްވުން

ޤައުމަށްދިމާވާ ބޮޑެތި މުސީބާތްތަކުގައި އެންމެ އެދެވޭ ގޮތައް ކަންކްހިންގާ އެކަންކަމާއި އަވަހައް ކުރިމަތިލުމުގެ އިޙްތިޔާރު ރައީސަށް ލިބިގެންވެއެވެ. މިކަންތައްތައް ހައްލުކުރުމުގައި ރައީސް ކޮންމެހެން ޤާނޫނުހަދާ މަޖްލިހުގެ ބަހަކަށް ބަލާކަށް ނުޖެހެއެވެ. ހަމަ އެހެންމެ ކެބިނެޓް މެންބަރުންގެ (ވަޒީރުން) ބަހަކަށްވެސް ބަލާކަށްނުޖެހެއެވެ. ރައީސްގެ މަސްއޫލިޔަތަކަށް ވާންވާނީ ވީހާވެސް އަވަހަކަށް އަދި ވީއެންމެ ރަގަޅަކަށް ރައްޔިތުންގެ ކަންކަން ހަމަޖައްސައިދިނުމެވެ. މިކަމުގެ އެންމެ ފުރިހަމަ މިސާލަކީ 1930 ވަނަ އަހަރުގައި އެމެރިކާއަށް ކުރިމަތިވި ބޮޑު އިޤްތިޞާދީ މުސީބާތާއިގުޅިގެން (ދި ގްރޭޓް އިކޮނޮމިކް ޑިޕްރެޝަން) އޭރު އެމެރިކާގެ ރައީސަކަށް ހުންނެވި ރޫޒްވެލްޓް އެޅުއްވި ފިޔަވަޅުތަކެވެ.

3 – ރައީސަށް ޤާނޫނު ހަދާ މަޖިލީހަށް ދަނޑިބޭނުމުގެ ފުރުސަތު ނުލިބުން

ފުރިހަމަ ރިޔާސީ ނިޒާމެއް ބިނާވެފައި އޮންނާނީ ތިންބާރު ވަކިކުރެވިފައިވާ ނަޒަރިއްޔާގެ މައްޗަށް ކަމަށްވާތީ ރައީސަށް ޤާނޫނު ހަދާ މަޖްލީހަށް ދަނޑި ބޭނުމުގެ ފުރުސަތެއް ނޯންނާނެއެވެ. އަދި ރައީސަށް ޤާނޫނު ހަދާ މަޖްލީހުގެ މެންބަރުންގެ މައްޗަށް ނުފޫޒްފޯރުވުމުގެ ބާރެއްވެސް ނޯންނާނެއެވެ. އަދި ހަމަ އެހެންމެ ފުރިހަމަ ރިޔާސީ ނިޒާމެއްގައި ރައީސަށް ޤާނޫނު ހަދާ މަޖްލީހުގައި އެއްވެސް ބާރެއް ލިބިގެންނެއް ނުވެއެވެ. މިސާލަކަށް އެމެރިކާގެ ރައީސް ޖޯޖް ބުޝް ނިސްބަތްވާ ރިފަބްލިކަން ޕާޓީއަށް ނިސްބަތްވާ ޤާނޫނު ހަދާ މަޖްލީހުގެ ދެމެންބަރުން ކަމުގައިވާ ޖޯން ވޯނާރ އާއި ރިޗަޑް ލުގަރ ވަނީ ރައީސް ބުޝް އިރާޤްގައި ގެންގުޅޭ ސިޔާސަތާއި ދެކޮޅަށް ބިލެއް ޑްރާފްޓްކޮށް ހުށަހަޅާފައެވެ. ކުރީގެ ރައީސް ބިލް ކްލިންޓަން އަދި އެންޑްރޫ ޖޯންސަންއާއި ދެކޮޅަށް މިދެބޭފޫޅުން ނިސްބަތްވާ ޤާނޫނު ހަދާ މަޖިލީހުގެ މެންބަރުން ވަނީ ވޯޓްދެއްވާފައެވެ. މިކަމުން އެގެނީ ޤާނޫނު ހަދާ މަޖްލީހުގެ މެންބަރުންނަކީ ރައީސްގެ ނުފޫޒުން އެއްކިބާވެފައިވާ ބައެއްކަމެވެ.

4 – ވަޒީރުންނަށް ޤާނޫނުހަދާ މަޖްލީހުގައި ރޯލެއް ނެތުމުން އޭގެ ފައިދާ ރައްޔިތުންނަށް

ހަޤީގަތުގައި ރައީސާއި އޭނާގެ ވަޒީރުންނަށް ޤާނޫނު ހަދާ މަޖްލީހުގައި ނުތިބެވޭގޮތަށް އޮތް އޮތުން އެއީ ސަރުކާރުގެ އިދާރާތައް ރަގަޅަށް ހިންގުމަށް ލިބޭފުރުސަތެކެވެ. އޭރުން ވަޒީރުންނަށް އެމީހުންނާ ހަވާލްކުރާ ވުޒާރާއެއް ހިންގާކުރިއަރުވަން އެމީހުންނަށް ލިބިފައިހުރި ހުރިހާ ވަގުތަކާއި ތަޖްރިބާއެއް ބޭނުންކުރެވޭނެއެވެ. އޭގެ ބަދަލުގައި މަޖްލީހުގެ ގޭގައި ގިނަވަގުތުތަކެއް ރައީސާއި ވަޒީރުން ހޭދަކުރާނަމަ ސަރުކާރުގެ ވުޒާރާތައް އެންމެ އެދެވޭ ގޮތަށް ހިންގުމުގައި ދަތިތަކަކާއި ކުރިމަތިވާނެއެވެ.

5 – ވެރިކަން ހިންގުމުގެ ދާއިރާގެ ތެރޭ ރައީސްއަށް ލިބިފައިވާ މިނިވަންކަން އިތުރުވުން

ޤާނޫނު ހަދާ މަޖްލީހުން ރައީސް ޤާނޫނާއި ގަވާއިދުގެ މަތިން ކަންކަން ރާވާ ގެންދާ ހިނދެއްގައި ރައީސްގެ މަސައްކަތްތަކަށް ހުރަސްއަޅާ ހުއްޓުވަން މަސައްކަތެއް ނުކުރެވޭނެއެވެ. މިގޮތުން ރައީސް މަސައްކަތް ކުރާނީ ވަރަށް މިނިވަންކަމާއެކީ ގައެވެ. ހަމަ މިއާއި އެކު ޤާނޫނު ހަދާ މަޖްލީހުގެ މެންބަރުންވެސް އެމީހުންގެ މަސައްކަތްތައް ކުރިޔަށް ގެންދާނީ ވަރަށް ހުޅުވާލެވިފައިވާ މިނިވަން ޖައްވެއްގައެވެ.

6 - ޕާޓީގެ ރައީސްކަމަށް އާދެވޭނީ އާންމު މެންބަރުންގެ ވޯޓު ކާމިޔާބު ކުރައްވައިގެން

ފުރިހަމަ ރިޔާސީ ނިޒާމެއްގައި ޕާޓީގެ ރައީސްކަމަށް ކުރިމަތިލައްވާ ބޭފުޅާއަށް ވެސް ޖެހިވަޑައިގަންނަވާނީ ޕާޓީން ކުރިމަތިލައްވާ މެންބަރުންނާއި ކުރިމަތި ލައްވައިގެން ޕާޓީގެ މެންބަރުންގެ ސީދާ ވޯޓަކުން އިންތިހާބްވާށެވެ. މިސާލަކަށް އެމެރިކާގައި މިހާރު އެދަނީ އެއިންތިހާބް ކުރިއަށެވެ. 2008 ވަނަ އަހަރު އެމެރިކާގެ ރިޔާސީ އިންތިހާބްގައި ޑިމޮކްރެޓުންނާއި ރިޕަބްލިކަން ޕާޓީގެ ފަރާތުން ތަމްސީލްކުރާނީ ކޮންބޭފުޅެއްތޯ ބެލުމަށް މިހާރުދަނީ ދެޕާޓީންވެސް ކުރިމަތިލެއްވި މެންބަރުންގެ މެދުގައި ވާދަވެރި ކެންޕެއިންތައް ހިގަމުންނެވެ. ޑިމޮކްރަޓިކް ޕާޓީގެ ކުރިމަތިލީ ކެންޑިޑޭޓުންގެ ތެރެއިން އެންމެ ކުރީގައި އުޅުއްވާ ދެބޭފުޅުންނަކީ ހިލަރީ އާއި އޮބާމާއެވެ. ރިޕަބްލިކަނުންގެ ތެރެއިން އެންމެ ކުރީގައި އުޅުއްވަނީ ޖޫލިއާނީ އާއި ޖޯން މެކެއިންއެވެ. މީގެ ތެރެއިން ޕާޓީގެ ރައީސްކަމަށް އަންނާނީ ސީދާ ޕާޓީގެ މެންބަރުން ނަގާ ވޯޓަކުން އެއްވަނަޔަށް އަންނަ ބޭފުޅެކެވެ.

7 - ރައީސް ކަމަށް ކުރިމަތިލުމުގެ ފުރުސަތު ކޮންމެ ރައްޔިތަކަށްވެސް އޮތުން

މިފަދަ ނިޒާމެއްގައި ޤާނޫނު އަސާސީ ބުނާފަދަ ސިފަތައް ފުރިހަމަވާ ކޮންމެ ބޭފުޅަކަށްވެސް ރިޔާސީ އިންތިހާބުގައި ވާދަކުރުމުގެ ފުރުސަތު އޮވެއެވެ. އަޅުގަނޑަށްވެސް ތިބޭފުޅާއަށްވެސް މިފަދަ ނިޒާމެއްގައި ގައުމުގެ ރައީސްކަމާއި ކުރިމަތިލާ ސީދާ ރައްޔިތުން ލާ ވޯޓުގައި ވާދަ ކުރުމުގެ ފުރުސަތު ލިބެއެވެ. މިސާލަކަށް 2001 އަހަރު މިނިވަން ކެންޑިޑޭޓެއްގެ ގޮތުގައި ރަލްފް ނާޑަރ ރިފަބްލިކަން ކެންޑިޑޭޓް ޖޯޖް ބުޝް (މިހާރުގެ ރައީސް) އަދި ޑިމޮކްރެޓިކް ކެންޑިޑޭޓް އަލް ގޯ އާއި ވާދަކުރެއްވިއެވެ. ބައެއް ސިޔާސީ މުހައްލިލުން ދެކިލައްވާ ގޮތުގައި މިއިންތިހާބުގައި ނާޑަރ ގެ ސަބަބުން އަލް ގޯއަށް ވަރަށްބޮޑެތި ގޮންޖެހުންތަކާއި ކުރިމަތިލާން ޖެހުނެވެ. އެއީ ނާޑަރ ރައީސް ކަމަށް ކުރިމަތި ނުލެއްވިނަމަ ނާޑަރގެ ވަރަށް ގިނަ ސަޕޯޓަރުން ތިބީ އަލްގޯއަށް ވޯޓް ދެއްވާ ގޮތަށެވެ.

ރިޔާސީ ނިޒާމުގައި ހުރި އުނިކަންތައްތައް

1 - ރައީސަށް ލިބިފައިވާ ބާރުގެ ސަބަބުން ހުދުމުހުތާރު ވެރިކަމަކަށް މަގުފަހިވުން

މި ނިޒާމުގައި ވެރިކަން ހިންގާފަރާތަށް (ރައީސް) ލިބިފައިވާ ވެރިކަން ހިންގުމުގެ ފުރިހަމަބާރުގެ (އެބްސޮލިއުޓް ޕަވަރ) ސަބަބުން ވެރިކަމުގައި ހުންނަވާ ބޭފުޅާއަށް ހުދްމުހްތާރު ސިޔާސަތެއް ދެމެހެއްޓުމަށް މަގުފަހިވެއެވެ. އެހެނީ ވެރިކަމުގައި ހުންނަވާ ބޭފުޅާއަކީ ވަކި މުއްދަތެއް ކަނޑައަޅާ ރައްޔިތުން އިންތިހާބް ކުރައްވާފައިވާ ބޭފުޅަކަށްވުމެވެ. ބޮޑުވަޒީރަކާއި ހިލާފަށް ރައީސަށް ޕާލިމަންޓުގައި އިތުބާރު ނެތްކަމުގެ ވޯޓެއް ނަގާ ވެރިކަމުން ދުރުކޮށްފާނެ ކަމުގެ ބިރެއް ނޯންނާނެއެވެ. އަދި ހަމަ އެހެންމެ އެބޭފުޅާ އެބޭފުޅާގެ ހުވަޔާ ހިލާފްނުވާހާ ހިނދަކު ދައުރު ހަމަވަންދެން ވެރިކަމުގައި ދެމިހުންނާނެއެވެ.

2- ބާރުތަކުގެ މެދުގައި ގުޅުން ގޯސްވުން

މިނިޒާމް ބިނާވެފައި އޮންނަނީ ތިންބާރު ވަކިކުރެވިފައިވާ (ސެޕަރޭޝަން އޮފް ޕަވާރސް) ނަޒަރިއްޔާތުގެ މައްޗަށް ކަމަށްވާތީ ރައީސާއި ޤާނޫނު ހަދާ މަޖްލީހާ ދެމެދު ބޮޑެތި ހިލާފްތައް އުފެދި ދެ އިދާރާގެ ގުޅުން ހޫނުވުމުގެ ފުރުސަތު ބޮޑެވެ. ހާއްސަކޮށް ދެ އިދާރާ (ސަރުކާރު ހިންގުމުގެ އިދާރާއާއި ޤާނޫނު ހަދާ މަޖްލީހުގެ އިދާރާ)ގެ އަޣުލަބިއްޔަތު ދެ ޕާޓީ އަކަށް ލިބިއްޖެ ހިނދެއްގައެވެ. މިސާލަކަށް އެމެރިކާގައި މިހާރު އެ އޮތް ގޮތަށް ވެރިކަން ހިންގުމުގެ ބާރު ރިޕަބްލިކަނުންގެ އަތުގައި އޮވެފައި ޤާނޫނުހަދާ މަޖްލީހުގެ ބާރު ޑިމޮކްރެޓުންގެ އަތުގައި އޮތުމެވެ.

3- ޤާނޫނު ހަދާ މަޖްލީހުގެ މެންބަރުންގެ ކިބައިން ޒިންމާދާރުކަން ކުޑަ އަމަލްތައް ފާހަގަވުން

މި ނިޒާމުގައި ޤާނޫނު ހަދާ މަޖްލީހަކީ މުޅިން މިނިވަން މުސްތަޤިއްލު އިދާރާއެކެވެ. އެހެންކަމުން ޤާނޫނުހަދާ މަޖްލީހުގެ މެންބަރުންގެ ފަރާތުން ޒިންމާދާރުކަން ކުޑަ އަމަލްތައް ފެނެއެވެ. އަދި މެންބަރުން ކިބާގައި ހުންނަންޖެހޭ އަހުލާޤީ ސުލޫކީ މިންގަނޑުން ނެއްޓި އެބައިމީހުން އިންތިހާބްކޮށްފައިވާ މަޤްސަދު ހަނދާންނައްތާލައި ފައިސާވެރި މުއްސަނދި ޖަމާއަތްތަކުގެ މަސްލަހަތަށް ވަކާލާތުކުރާތަން އާދެއެވެ. މިސާލަކަށް އެމެރިކާގެ ޤާނޫނު ހަދާ މަޖްލީހަށް އެންމެ ވަރުގަދަޔަށް ނުފޫޒް ފޯރުވާބަޔަކީ އެތަނުގެ ލޮބީ ގުރޫޕްތަކެވެ.

4- ބައެއްކަހަލަ ހާލަތުތަކުގައި އުދަގޫ އަދި ޖެއްސުން ބޮޑު ނިޒާމެއް

މިއީ ބައެއްކަހަލަ ހާލަތުތަކުގައި ވަރަށް އުދަގޫ އެހާމެ ޖެއްސުން ބޮޑު ނިޒާމެކެވެ. މިސާލަކަށް ޤައުމަށް ދިމާވާ ބޮޑު މުސީބާތެއްގެ ވަގުތުގައި ބައެއްކަހަލަ އުދަގޫތަކާއި ރައީސަށް ކުރިމަތިލާން ޖެހެއެވެ. އެހެންވަނީ މިނިޒާމުގައި ރައީސަށް ޤާނުނު ހަދާ މަޖްލީހުގައި ކަންކަން އަވަހަށް ނިންމުމަށް ކުރެވޭނޭ މާބޮޑުކަމެއް ނެތީމައެވެ. މުސީބާތާއި ނުވަތަ ބޮޑެތި މައްސަލަތަކާއި ގުޅިގެން މަޖްލީހުން އަވަހަށް ނިންމަންޖެހޭ ކަންކަން ނިންމޭނެ ގޮތެއް ހަމަޖެހިފައި ނޯންނާތީއެވެ. ގިނަފަހަރަށް މިގޮތަށް ކަންކަން ނުނިމި ދިގުލަނީ ސަރުކާރާއި ޤާނޫނު ހައްދަވާ މަޖްލީހުގެ ބޭފުޅުންނާއި ހިޔާލު ތަފާތުވާތީއެވެ. މިސާލަކަށް ދެވަނަ ބޮޑުހަނގުރާމައިގެ ދުވަސްވަރު އިގިރޭސި ބޮޑުވަޒީރު ވިންސްޓަން ޗާރޗިލް އިންތިހާބް ކަނޑައެޅިފައި އޮތް ތާރީހަށްވުރެ ފަސްކުރެއްވިއެވެ. ނަމަވެސް އެމެރިކާގެ ރައީސްއަކަށް އެކަމެއް އެގޮތަކަށް ނުކުރެއްވުނެވެ. އެހެންކަމުން އެއުދަގޫ ހާލަތުގައިވެސް އެމެރިކާގައި ޖެހުނީ އިންތިހާބު ބާއްވާށެވެ. އެއީ 1940 ގައާއި 1944 ގައެވެ.

5- ވަކިވަކި މެންބަރުންގެ މައްޗަށް ނުފޫޒް ފޯރުވުން

މިފަދަ ނިޒާމެއްގައި ވަކިވަކި މުއްސަދި ފައިސާވެރި އަދި ބޮޑެތި ވަރުގަދަ ޖަމާއަތްތަކުގެ (ޓްރޭޑް ޔޫނިއަންސް) ނުފޫޒް ނުސީދާގޮތުން ޤާނޫނު ހަދާ މަޖްލީހުގެ ވަކިވަކި މެންބަރުންގެ މައްޗަށް ފޯރުވާނެއެވެ. މިހެން ދިމާވާންޖެހޭ އެންމެ ބޮޑު އެއް ސަބަބަކީ ޤާނޫނު ހަދާ މަޖްލިހުގެ މެންބަރުންނަކީ ރައްޔިތުން އިންތިހާބް ކޮށްފައިވާ ސަރުކާރުގެ ސިޔާސަތާއި އެއްވެސް ގުޅުމެއްނެތް ބައެއްކަމުން ސަރުކާރު ސިޔާސަތް ދަމަހައްޓައި ކުރިއެރުވުމަކީ ކޮންމެހެން މުހިއްމު ކަމެއްކަމުގައި ނުދެކުމެވެ.

މަތީގައި ބަޔާން ކުރެވިފައިއެވަނީ ފުރިހަމަ ރިޔާސީ ނިޒާމެއްގައި ހުންނަންޖެހޭނެ މައިގަނޑު އަސާސީ ސިފަތަކާއި އެ ނިޒާމުގައި ހުރި މޮޅު އަދި ދެރަ ކަންތައްތަކެވެ. އަޅުގަނޑުމެން އެންމެބޭފުޅުންވެސް މިލިޔުން ކިޔަމުންދާއިރު ރަގަޅަށް ހަނދުމަފުޅު ބަހައްޓަވަންވާނެ ކަމަކީ ދިވެހިރާއްޖޭގައި ޒަމާނުއްސުރެ މިކުރެވެމުންދާ ވެރިކަމުގެ ނިޒާމަކީ ރިޔާސީ ނިޒާމެއް ނޫންކަމެވެ. އަދި އަޅުގަޑު ހިތުން މިހާރު ތިޔަބޭފުޅުންނަށް މިދެ ނިޒާމުގެ ފަރަގު އެގިވަޑައިގަންނަވާނެ ކަމަށް އުންމީދު ކުރަމެވެ. އަދި ތިޔަބޭފުޅުންގެ ހިތުގައި މި ދެނިޒާމާއިމެދު އުފެދިފައިވާ ގިނަ ސުވާލުތަކެއްގެ ޖަވާބު ދެވިއްޖެކަމަށް އުންމީދު ކުރަމެވެ. އަޅުގަނޑުގެ އެދުމަކީ ތިޔަބޭފުޅުން ގޮތެއް ނިންމަވާއިރު ރަގަޅަށް މި ދެނިޒާމާއި މެދު ވަރަށް ފުންކޮށް ވިސްނަވައި ތިބޭފުޅާއަށް ފެނިވަޑައިގަންނަވާ ރަގަޅުގޮތަކަށް ނިންމެވުމެވެ. ނަމަވެސް ވަކިބަޔަކު ބުނީތީ އެގޮތަށް ނިންމައިގެން ފަހުން އެކަމާއި ހިތާމަކުރަން ޖެހޭތަން އަތުވެދާނެއެވެ. މިއަދު މިގައުމުގެ އިހުލާސްތެރިންނާއި ހަތުރުންގެ ތެރޭގައިވެސް މިއެބުރެނީ އެއް ހިޔާލެކެވެ. މަކަރާއި ހީލަތާއި އޮޅުވާލައިގެން ނަމަވެސް "މަ ބޭނުންވާ ގޮތް" ހާސިލްކުރުމުގެ އޮއިވަރެވެ. ރައްޔިތުން މި އޮއިވަރުން ސަލާމަތްވެ ތިބުމަށް އަޅުގަނޑު ގޮވާލަމެވެ.

1 comment:

Anonymous said...

thidhen evves thaakun thhalu nujehey vaahaka ennu. munjey nukiya madun thibey