Tuesday, June 19, 2007

މަޑުލު ވަހީދު ދެއްކެވި ވާހަކަ މާނަ އޮޅޭ ގޮތަށް މިނިވަން ނޫހުގައި ލިޔެފި

އިންޓަރނޭޝަނަލް ޕެން ކިޔާ ޖަމާއަތުން ދިވެހިރާއްޖޭގައި ސިވިލް ސޮސައިޓީއެއް އުފެއްދުމަށް އެހީތެރިވުމަށް އެމްޑީޕީއާއި ގުޅިގެން ބާއްވާ ވާކްޝޮޕެއް ފެށުމުގެ ރަސްމިއްޔާތުގައި މަޝްހޫރު ލިޔުންތެރިޔާ މަޑުލު ވަހީދު ދެއްކެވި ވާހަކަފުޅު މާނަ އޮޅޭ ގޮތަށް މިނިވަން ނޫހުގައި ލިޔެފިއެވެ.

ދިވެހި ނޫސްވެރިންނަށް ވެސް ދައުވަތުދީގެން ބޭއްވި ރަސްމިއްޔާތުގައި މަޑުލު ވަހީދު ވިދާޅުވިކަމަށް މިނިވަން ނޫހުގެ 19 ޖޫން 2007 ވަނަ ދުވަހުގެ އަދަދުގައި ލިޔެފައި ވަނީ:

"ވަހީދު ވިދާޅުވިގޮތުގައި ސަރުކާރަށް ނުކުރެވިފައި ހުންނަ ކަންތައްތައް ކުރުމަށާއި، މީހުންގެ ހޭލުންތެރިކަން އިތުރުކުރުމަށް މަދަނީ މުޖްތަމައުތަކަށް މަސައްކަތް ކުރެވިދާނެއެވެ. އަދި އެކަންތައްތައް ކުރުމުން ސަރުކާރަށްވެސް ފަސޭހަވާނެއެވެ. އޭނާ ވިދާޅުވިގޮތުގައި ޑިމޮކްރެސީ އޮވެއްޖެނަމަ މަދަނީ މުޖްތަމައުއަކީ ޕާލިމެންޓަރީ ނިޒާމެއްގައިވެސް މަސައްކަތް ކުރެވިދާނެ އެއްޗެކެވެ."


އެރަސްމިއްޔާތަށް ދިޔަ ނޫސްވެރިޔަކު މިބްލޮގަށް ކިޔާދިން ގޮތުގައި މަޑުލު ވަހީދު ވިދާޅުވީ މަދަނީ މުޖުތަމައަކީ ރިޔާސީ ނިޒާމެއްގައި ވެސް، ޕާލަމެންޓަރީ ނިޒާމެއްގައި ވެސް އަދި އެހެން ނިޒާމެއްގައި ވެސް މަސައްކަތް ކުރެވިދާނެ އެއްޗެއް ކަމަށެވެ. "އަހަރެންނަށް ހީވަނީ ވަހީދު އިޝާރާތް ކުރެއްވީ ރާއްޖެއަށް އަދި ޑިމޮކްރެސީ ނާދެޔޭ ކިޔާފައި މަދަނީ މުޖުތަމައުގެ މަސައްކަތް ހުއްޓާނުލުމަށް ހެން. މިހާރު ވެސް އަދާ ކުރަންވީ ރޯލެއް އެބައޮތް ކަމަށް ހެން. މިގޮތުން މަދަނީ މުޖުތަމައަކަށް މަސައްކަތް ކުރެވޭނީ ހަމައެކަނި ޑިމޮކްރެސީއެއްގައި ކަމަށް ބުނެވޭ ބުނުން މުޅިން ރަގަޅު ނޫން ކަމަށް ވަހީދު އިޝާރާތް ކުރެއްވި. އަދި ޑިމޮކްރެސީގެ ތެރޭ ހިމެނޭ ދެނިޒާމު ކަމަށްވާ ރިޔާސީ ނިޒާމެއްގައި ވެސް ބަރުލަމާނީ ނިޒާމެއްގައި ވެސް މަދަނީ މުޖުތަމައަށް މަސައްކަތް ކުރެވޭނެ ކަމަށް ވެސް އިޝާރާތް ކުރެއްވި. މިނިވަން ނޫހުން އެއޮތީ ހަމައެކަނި ޕާލަމެންޓަރީ ނިޒާމަށް ވަހީދު ބުރަވާކަމަށް ދޭހަވާގޮތަށް މާނަ އޮޅުވާލާފައި." ނޫސްވެރިޔާ ކިޔާދިނެވެ.

މިނިވަން ނޫހަކީ އެމްޑީޕީގެ މައުތު ޕީސް އެކެވެ. އެމްޑީޕީއިން ބަރުލަމާނީ ނިޒާމަކަށް ތާއީދުކުރަން ފެށި ހިސާބުން މިނިވަން ނޫހުގެ ޕްރޮޕެގެންޑާ ހުންނަނީ މުޅިން ވެސް ބަރުލަމާނީ ނިޒާމު މޮޅުކޮށްފައެވެ. ބަރުލަމާނީ ނިޒާމަކީ ވެސް އަދި ރިޔާސީ ނިޒާމަކީ ވެސް ޑިމޮކްރެސީގެ ތެރޭ ހިމެނޭ ދެނިޒާމު ކަމަށް ވިޔަސް މިނިވަން ނޫހުގެ ލިޔުންތަކުން ލިބޭ މެސެޖަކީ ރިޔާސީ ނިޒާމަކީ ހުދުމުހުތާރު ވެރިކަން ކަމަށެވެ. އަދި މިހާރަކަށް އައިސް ކިޔާ ގޮތުންނަމަ ރިޔާސީ ނިޒާމަކީ ގޮޅާ ނިޒާމު ކަމަށެވެ. ދިވެހި ރައްޔިތުންނަށް ރިފަރެންޑަމްގައި ރަގަޅު ގޮތެއް ހިޔާރު ކުރުމަށް އެހީވުމަށްޓަކައި ރިޔާސީ ނިޒާމު ރަގަޅަށް ކިޔާދީފައިވާ ލިޔުންތަކެއް ލިޔެފައި މިނިވަން ނޫހުގައި މިހާތަނަށް ނެތްކަން ފާހަގަ ކުރެވެއެވެ. އަދި ބަރުލަމާނީ ނިޒާމު ވެސް އެކަޑެމިކް ގޮތަކަށް ކިޔާދީފައެއް ނެތެވެ. ގިނައިން ހުންނަނީ ހަމަ މީހުންނަށް އޮޅުވާލާފައި ހުންނަ ޕްރޮޕެގެންޑާއެވެ.

މިނިވަން ނޫސް ނެރެނީ ކޮންޓްރާސްޓް ޕްރައިވެޓް ލިމިޓެޑް ކިޔާ ކުންފުންޏަކުންނެވެ. މިކުންފުނީގެ ޑިރެކްޓަރުންގެ ތެރޭގައި އެމްޑީޕީގެ ޗެއަރޕާސަން މުހައްމަދު ނަޝީދު (އަންނި) އަދި އެމްޑީޕީގެ ޕާލަމެންޓަރީ ގްރޫޕްގެ މެންބަރު އަދި ރައްޔިތުންގެ މަޖިލީހުގެ ޅ. އަތޮޅު މެންބަރު އިބްރާހިމް މުހައްމަދު ސޯލިހު (އިބޫ) ހިމެނެއެވެ.

1 comment:

Anonymous said...

ވަރަށްވެސް ދެރަ ކަމެކެވެ. 2005ވަނަ އަހރު ޕާޓީ ރެޖިސްޓެރީ ކުރުމަށް ރައްޔެތުންގެ މަޖިލީހުން ފާސްވެ އަދި މީޑިއާއަށްވެސް ވަރަށް ބޮޑު މިނިވަންކަމެއް ލިބިގެން އައުމާއެކު އަޅުގަނޑު ހީކޮށްގެން ހުރީ ކުރިޔާއއި ޚިލާފަށް މިހާރުގެ ޖީލުގެ ސިޔާސީ މީހުން ކުރީގެ މީހުންނާއި ތަފާތުވާނެކަމަށެވެ. އެހެންނަމަވެސް އަޅުގަނޑުމެންނަށް ފެންން މިފެށީ ހަމަ އަނެއްކާވެސް މީޑިއާގެ މޮނޮޕޮލީއެއް ބޭނުންކޮއްގެން ސިޔާސީ ބޭޏުންތައް ފުއްދަން އުޅެގަތް ތަނެވެ. މިގޮތުން، މިނިވ ަން ގްރޫޕަކީ އެބަޔަކާއި ހެދި އަޅުގަނޑުމްްން ބައެއްފަހަރަށް ލަދުވެތިވާން ޖެހޭ ބައެކެވެ، އެއީ ، ޑިމޮކްރެސީގެ ނަމުގައި އެމްޑީޕީގެ ޕްރޮޕެގެންޑާ ފެތުރުމާއި އަދި އަންނި އޭނާގެ އާއިލޢ މީހުންގެ ވާހަކަ ތައް މގިނައއިން އޭގައި ޖަހާ އެމީހުން އަބަދުވެސް ޕްރޮމޯޓް ކުރުމުގައި އުޅޭތީއެވެ.