Wednesday, June 20, 2007

ދިވެހިރާއްޖޭގެ ސިޔާސީ މަސްރަހަކަށް ރިޔާސީ ނިޒާމެއް އަދި ނާދޭ

ދިވެހި އޮބްޒާވަރ ވެބް ސައިޓުގައި 20 ޖޫން 2007 ވަނަ ދުވަހު "ކުނބުރުދޫ ހަސަނު" ލިޔެފައިވާ ލިޔުމެއްގައި ދިވެހިރާއްޖޭގެ ސިޔާސީ މަސްރަހުން ރިޔާސީ ނިޒާމު ނައްތާލުމަށް ގޮވާލައިފިއެވެ. ނަމަވެސް ދިވެހިރާއްޖެއަކަށް އަދި ރިޔާސީ ނިޒާމު ތައާރަފު ވެފައެއް ނެތެވެ.

"ދިވެހީންނޭވެ! ހޭ އަރައި ތިބޭށެވެ. މިއަނިޔާވެރި، އަދުލު އިންސާފުން އެއްކިބައިވެފައިވާ ވެރިކަން ނިމުމަކަށް ގެނެވޭނީ ގޮޅާބޯގެ ބާރުތައް މުގުރާލާ، ވެރިކަމުން އޭނާ ބޭރުކުރެވިގެންނެވެ. މިކަމަށް މިވަގުތު އަޅަން އޮތް އެންމެ މުހިއްމު ފިޔަވަޅަކީ ރިޔާސީ ނިޒާމު ރާއްޖޭގެ މަސްރަހުން ނައްތާލުމެވެ. ރިޔާސީ ނިޒާމަށް ތާއީދުކޮށް، ގޮޅާބޯގެ ވެރިކަން ދަމަހައްޓަން ބޭނުންވާ މީހުންގެ ފަތިފުށާމެދު ވިސްނާށެވެ. އެމީހުންނަކީ އަމިއްލަ އެދުމުން ފޯވެގެންވާ ބޮޑެތި މުނާފިގުންނެވެ. މިކަން ދެނެތިބެ، މިކަމުން ސަލާމަތްވުމަށް މަސައްކަތް ކުރުމަކީ ކޮންމެ ދިވެއްސެއްގެ މައްޗަށް އޮތް ގައުމީ ވާޖިބެކެވެ." ކުނބުރުދޫ ހަސަނު އޭނާގެ ޕްރޮޕެގެންޑާއިން ފުރިފައިވާ ލިޔުމުގައި ބުނެފައިވެއެވެ.

މައުމޫނު ވެރިކަމަށް ގެންނަން އަބަދުވެސް ފުރަތަމަ ވޯޓުލަނީ ރައްޔިތުންގެ މަޖިލީހުންނެވެ. ރައްޔިތުންގެ މަޖިލީހުގެ ތެރެއިން ވެރިޔާ ހޮވަނީ ބަރުލަމާނީ ނިޒާމުގައެވެ. މިހާތަނަށް ރައީސަކު ހޮވުމަށް ދިވެހިން ވޯޓުލަމުން އައިސްފައިވަނީ ހަގީގީ އިންތިހާބުތަކެއްގައެއް ނޫނެވެ. އެއީ ހަމައެކަނި ފެންނަ ނުފެންނަކަމަށް ވޯޓުލާ ރިފަރެންޑަމް ތަކެކެވެ. މައުމޫނުގެ ވެރިކަމުގައި ރައްޔިތުންގެ މަޖިލީހަށް މެންބަރުން އިންތިހާބުކުރާއިރު އޭނާގެ މިނިސްޓަރުން ގިނަ އަތޮޅުތަކަށް ކުރިމަތިލައެވެ. އަދި ބާރާއި ނުފޫޒުގެ ބޭނުންކޮށްގެން އެމިނިސްޓަރުން މަޖިލީހަށް އިންތިހާބުވެއެވެ. ރައްޔިތުންގެ މަޖިލީހާއި ކެބިނެޓް މަސްހުނިވެފައި އޮންނަނީ ވެސް ބަރުލަމާނީ ނިޒާމުގައެވެ. ވީމާ މައުމޫނުގެ ވެރިކަމުގައި ރިޔާސީ ނިޒާމެއްގެ ސިފަތަކަށްވުރެ ބޮޑަށް ގިނައީ ބަރުލަމާނީ ނިޒާމެއްގެ ސިފަތަކެވެ.

ދިވެހިރާއްޖޭގައި ހުދު މުހުތާރު ވެރިކަން މިހާ ގިނަ ދުވަހު ދެމިއޮތުމުގެ އެއް ސިއްރަކީ އަދުލު އިންސާފު ގާއިމް ކުރާ އިދާރާތައް ނުވަތަ ކޯޓުތައް ސީދާ ސަރުކާރުގެ ބާރުގެ ދަށުގައި އޮތުމެވެ. މިހެން ވާން ޖެހެނީ ވެރިކަމުގެ ތިންބާރު މުޅިން ވަކިވެފައި ނެތީމައެވެ. ރިޔާސީ ނިޒާމެއްގައި ތިން ބާރު އޮންނާނީ ވަކިވެފައެވެ. ކޯޓުތައް މުޅިން މިނިވަންވާނެއެވެ. ރައްޔިތުންގެ މަޖިލީހާއި ކެބިނެޓް ވެސް މުޅިން ވަކިވެފައި އޮތުމުގެ ސަބަބުން އެތަނުން އެއްބާރަކަށް އަނެއް ބާރެއްގެ ނުފޫޒެއް ނޯންނާނެއެވެ. ވެރިކަމުގެ ބާރުތައް ވަކިވެފައި ނެތް ނިޒާމަކަށް ރިޔާސީ ނިޒާމެކޭ ނުކިޔާނެއެވެ. ރައީސަކު ވެރިކަން ކުރާ ކޮންމެ ތަނެއްގައި އޮންނަނީ ރިޔާސީ ނިޒާމެއް ނޫނެވެ. ދުނިޔޭގެ ކިތަންމެ ގައުމެއްގައި ރައީސުންގެ ގޮތުގައި ޑިކްޓޭޓަރުން ވެރިކަން ކޮށްފައި އެބަހުއްޓެވެ. އެއީކީ ރިޔާސީ ނިޒާމެއް ނޫނެވެ. ވީމާ ރާއްޖޭގައި އޮންނަނީ ރިޔާސީ ނިޒާމެއް ކަމަށް މީހުންނަށް ވިސްނާދޭން ނޫޅޭށެވެ.

ކުނބުރުދޫ ހަސަނު މަޒުމޫނު ލިޔެފައިވަނީ ކިޔާމީހުންނަށް ވަރަށް ބޮޑަށް އޮޅޭގޮތަށެވެ. ފަލަސްތީނުގައި ރައީސް މަހުމޫދު އައްބާސް ރައްޔިތުން ހޮވި ސަރުކާރެއް އުވާލި ވާހަކަ ދެއްކިއިރު ފަލަސްތީނުގައި އޮންނަނީ ރިޔާސީ ނިޒާމެއް ނޫން ކަމެއް ނުބުނެއެވެ. ރިޔާސީ ނިޒާމެއްގައި ސަރުކާރު އެކުލަވާލަނީ ރައްޔިތުން ހޮވާ ރައީސެކެވެ. ވީމާ އޭނާގެ އަމިއްލަ ސަރުކާރު އޭނާ އުވާލުމުގެ ބޭނުމެއް ނެތެވެ. ރައްޔިތުން ހޮވާ ސަރުކާރު އުވާލައި އާބޮޑުވަޒީރެއް އައްޔަން ކުރުމުގެ ކަންތައް މިފެންނަނީ ވެސް ހަމަ ބަރުލަމާނީ ނިޒާމުތަކުންނެވެ. ޕާކިސްތާނުގެ ތާރީހުން ވަރަށް ގިނައިން ފެންނާނެއެވެ. އޮޅުވާނުލާށެވެ. ބީބީސީގެ މިހަބަރުން މަހުމޫދު އައްބާސް އަމަލުކުރި ގޮތުގެ ތަފުސީލު ލިބޭނެއެވެ. ފަލަސްތީނުގައި ޖެހިގެން އުޅޭ މައްސަލައަކީ ފަތަހަގެ މަހުމޫދު އައްބާސް ރައީސްކަމުގައި ހަމާސްއަށް ޕާލަމެންޓްގެ އަގުލަބިއްޔަތު ލިބި، ހަމާސްގެ ބޮޑުވަޒީރަކު އައިސް ދެގްރޫޕުން ތަޅާފޮޅަން ފެށުމެވެ. ސިޔާސީ ތަޅާފޮޅުން ހަގީގީ ތަޅާފޮޅުމަކަށް ބަދަލުވެ ގާޒާގައި އެތައް ބަޔަކު މަރުވެއްޖެއެވެ. ފަލަސްތީނުގައި އޮންނަނީ ބަރުލަމާނީ ނިޒާމަކާއި ރިޔާސީ ނިޒާމެއް މަސްހުނިކޮށްފައި ރައީސަށް ވެސް ބޮޑުވަޒީރަށް ވެސް ގިނަ ބާރުތަކެއް ދީފައި އޮންނަ ނިޒާމެކެވެ.

ރިޔާސީ ނިޒާމަށް ތާއީދުކުރާ ކޮންމެ ބަޔަކީ ގޮޅާބޯގެ ވެރިކަން ދަމަހައްޓަން މަސައްކަތްކުރާ އަމިއްލަ އެދުމުން ފުރިގެންވާ ބަޔަކަށް ހަދަން ނޫޅޭށެވެ. ދިވެހިން ޑިމޮކްރެސީއާއި ދިމާލަށް މިސްރާބު ޖަހާފައިވާއިރު ގެންނަން ތިއުޅެނީ މެކާތީޒަމް ހެއްޔެވެ؟ ނޫނީ ތިއުޅެނީ އެޑޮލްފް ހިޓްލަރ ޔަހޫދީންނަކީ ގައުމުގެ ދުޝްމަނުން ކަމަށް ހަދާފައި އެމީހުން ދެކެ މީހުން ރުޅިއަރުވައި، އެކަން ހަނގުރާމަ ކުރުމަށް ހޯދި ފުރުސަތަކަށް ހެދި ގޮތަށް ހަދަން ހެއްޔެވެ؟

ރިޔާސީ ނިޒާމަކީ ވެސް ޑިމޮކްރެސީގެ ތެރޭގައި ހިމެނޭ ނިޒާމެކެވެ. އެކަން ދިވެހިންނަށް އޮޅުވާލަން މަސައްކަތް ނުކުރާށެވެ.

ދިވެހި އޮބްޒާވަރގައި ކުނބުރުދޫ ހަސަނުގެ މަޒުމޫނާއި އެކު މައުމޫނު ސިފަކޮށްދޭ ކާޓޫނެއް ވެސް ހުއްޓެވެ. މިކާޓޫނުގެ ތިރީގައި ގޮޅާސީ ނިޒާމު ލިޔެފައި އޮތެވެ. މައުމޫނުގެ ކާޓޫނުގެ ބޭނުމަކީ އަނެއްކާވެސް މީސްތަކުންގެ ހިތްތަކަށް މައުމޫނު މިހާރު ވެރިކަން ކުރަނީ ރިޔާސީ ނިޒާމެއްގެ ދަށުގައި ކަން ވިސްނާދިނުމެވެ. މައުމޫނަށް ކާޓޫނެއް ކުރަހާފައި ކޮންމެ ފަދަ އެއްޗެކޭ ބުންޏަސް ދިވެހިން ގަބޫލުކުރާނެ ކަމަށް ހީކުރެވެނީ ދޯއެވެ.

މައުމޫނު ވެރިކަމަށް އައިސްފައި ނާސިރަށް ކާޓޫނު ކުރަހަން މީހުން ނެރުނީ ނާސިރުގެ ބޮލުގައި ބޮޑެތި އިލްޒާމް އަޅުވައި ނާސިރުގެ މައްޗަށް މީހުން ރުޅިއަރުވާފައި މައުމޫނު ވެރިކަން ހިންގަން ބޭނުންވި ގޮތަށް މީހުން ރުއްސުމަށެވެ. ދިވެހި އޮބްޒާވަރގައި ރިޔާސީ ނިޒާމާއި ދެކޮޅަށް ލިޔެފައިވާ މަޒުމޫނުގައި ބޭނުންކޮށްފައިވާ ކާޓޫނަކީ ވެސް ހަމަ އެފަދަ މަގުސަދެއްގައި ޕްރޮޕެގެންޑާ ފެތުރުމަށް ބޭނުންކޮށްފައިވާ ކާޓޫނެކެވެ. ބުނަން މިއުޅެނީ މައުމޫނަށް ކާޓޫނު ނުކުރަހާށެކޭ ނޫނެވެ. މައުމޫނު ދެކެ ރައްޔިތުން އަންނަ ރުޅީގެ ބޭނުންކޮށްގެން ރައްޔިތުންނަށް އޮޅުވާލައި ކަލޭމެންގެ އަމިއްލަ ސިޔާސީ މަގުސަދުތައް ހާސިލްކުރަން ނޫޅޭށޭ އެވެ.

ދިވެހި އޮބްޒާވަރގައި ޝާއިއުކޮށްފައިވާ މަޒުމޫނު ވަނީ އެމްޑީޕީގެ މައުތު ޕީސް މިނިވަން ނޫހުގައި ވެސް ޝާއިއުކޮށްފައެވެ.

No comments: