Thursday, August 24, 2006

27 އަހަރުގެ ހިތި ތަޖުރިބާއިން އިބްރަތް ލިބިގަނެ ތިންބާރު ވަކިވެފައިވާ ރިޔާސީ ނިޒާމަކަށް ތާއީދު ކުރައްވާ!

19 ސެޕްޓެމްބަރ 2003 ވަނަ ދުވަހުގެ ރޭ މާފުށީ ޖަލުގައި ހަސަން އީވާން ނަސީމް އެންމެ 19 އަހަރުގައި މަރާލެވުނެވެ. އޭގެ ފަހު ދުވަހު އެކަމާ ދެކޮޅަށް ޖަލުގައި ތިބި މީހުން ނިކުތުމުން ޖަލު ބަލަހައްޓަން ތިބި ސިފައިން އެމީހުންނާއި ދިމާލަށް ބަޑި ޖެހުމުން މީހުން މަރުވެ، ޒަޚަމްވިއެވެ. މިއީ ދިވެހި ތާރީޚު ފަހަކަށް އައިސް ދުށް އެންމެ އަނދިރި ދުވަސްތައް ތެރޭ ހިމެނޭ ދެ ދުވަހެވެ. ޖަލުގައި އަނިޔާ ކުރުމަކީ މީހުން ހަދަހަދައިގެން ދައްކާ ވާހަކައެއް ނޫން ކަން އެތައް ދިވެހިންނަށް ޔަގީންވިއެވެ. އަދި އަނިޔާ އާއި ބޭއިންސާފާއި ދެކޮޅަށް މީހުން ތެދުވާން ފެށިއެވެ.

އީވާން މަރާލިތާ އެއް ހަފުތާ ވެސް ނުވަނީސް، ދިވެހިރާއްޖޭގެ ރައީސަކު އިންތިހާބު ކުރުމަށް، 25 ސެޕްޓެމްބަރ 2003 ވަނަ ދުވަހު، ރައްޔިތުންގެ މަޖިލީހުގައި ސިއްރު ވޯޓެއް ލިއެވެ. މަޖިލީހުގައި ތިބި ހުރިހާ މެންބަރުންގެ އިއްތިފާގުން އެ މަގާމަށް ހޮވީ އޭގެ ކުރީ ފަސް ދައުރުގައި ވެސް ރައީސުލްޖުމްހޫރިއްޔާ ކަމުގެ މަގާމުގައި ހުރި، އަދި އެހާތަނަށް 25 އަހަރު އެމަގާމު ފުރާފައިވާ މައުމޫނު އަބްދުލްގައްޔޫމެވެ. ދިވެހިރާއްޖޭގައި އަނިޔާވެރިކަން ދެމެހެއްޓުމަށް ރައްޔިތުންގެ މަޖިލީހުން ދިން ވޯޓެކެވެ.

ދިވެހި ވެރިކަމުގެ ނިޒާމުގައި ހުރި މައްސަލަތަކަށް ވިސްނާއިރު އެންމެ ފުރަތަމަ ވެސް ފާހަގަކޮށްލަން ޖެހޭ އެއް ކަމަކީ ވެރިކަމުގެ ތިންބާރު ވަކިވެފައި ނުވާ ކަމެވެ. އަދި ގާނޫނު ހަދާ ބާރު ނުވަތަ ރައްޔިތުންގެ މަޖިލީހުގެ މައްޗަށް ސަރުކާރު ހިންގާ ބާރުގެ ނުފޫޒު ވަނުމެވެ. ދިވެހި ރައްޔިތުންގެ މަޖިލީހަކީ ސަރުކާރު ހިންގާ ބާރު ގެންގުޅޭ ކުޅޭކުޅޭ އެއްޗެކެވެ. މިކަން މިގޮތަށް ގެންދެވޭ ގޮތަކީ މަޖިލީހުގައި ރައީސުލްޖުމްހޫރިއްޔާގެ 8 މެންބަރުން ތިބެއެވެ. އޭގެ އިތުރަށް ސަރުކާރުގެ ބާރާއި ނުފޫޒު ބޭނުންކޮށްގެން ގިނަ އަދަދެއްގެ މިނިސްޓަރުންނާއި އޮފީސްތަކުގެ ޑިރެކްޓަރުން ފެށިގެން މަތީ ވެރިން ވެސް މަޖިލީހުގެ ގޮނޑިތަކަށް އިންތިހާބު ކުރެއެވެ. ވީމާ މަޖިލީހުގައި ސަރުކާރު ބޭނުން ނުވާ ގޮތަކަށް ކަންތައް ނިންމަން އުނދަގޫވެއެވެ.

ރާއްޖޭގައި މިއޮތީ ބަރުލަމާނީ ނިޒާމާއި ވައްތަރު ނިޒާމެކެވެ. މިނިސްޓަރުން ރައްޔިތުންގެ މަޖިލީހުގައި ތިބެނީ ބަރުލަމާނީ ނިޒާމުގައެވެ. ވެރިކަން ހިންގުމުގެ އެންމެ އިސް މީހާ މަޖިލީހުން ހޮވަނީ ވެސް ބަރުލަމާނީ ނިޒާމުގައެވެ. ވޭތުވެދިޔަ 27 އަހަރުގައި ވެސް ރައީސަކު ހޮވަން ފުރަތަމަ ވޯޓު ނަގަނީ މަޖިލީހުގައެވެ. ދެން މަޖިލީހުން ހޮވާ މީހެއްގެ ނަން ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓަކަށް ގެންދަނީއެވެ. އެވޯޓުގައި ގިނަ ފަހަރަށް ރައްޔިތުންގެ ބާރެއް ނޯވެއެވެ. ކަތީބުން ތިބެނީ ވޯޓު ފޮށީގައި އަތްއަޅައިގެންނެވެ. ވޯޓު ކަރުދާހުގައި ޖަހަން ޖެހެނީ ކުޑަކާފެއް ނުވަތަ ބޮޑު ކާފެކެވެ.

ވެރިކަން ހިންގުމުގެ އިސް މީހާ ހޮވުން ސީދާ ރައްޔިތުންގެ އަތްމައްޗަށް ގެނެވޭނެ ނިޒާމެއް ޚިޔާރުކުރުމުގެ ފުރުޞަތު ދިވެހިންނަށް ދާދި އަވަހަށް ލިބިގެންދާނެ ކަމަށް އުއްމީދުކުރެވެއެވެ. އެފަދަ ނިޒާމަކީ ރިޔާސީ ނިޒާމެކެވެ. ރިޔާސީ ނިޒާމުގައި ރައީސަކު ހޮވާނީ ސީދާ ރައްޔިތުންގެ ވޯޓަކުންނެވެ. ނަމަވެސް ބަރުލަމާނީ ނިޒާމުގައި ބޮޑު ވަޒީރަކު ހޮވަނީ މަޖިލީހުގެ އެންމެ ގިނަ ގޮނޑި ލިބޭ ޕާޓީގެ ތެރެއިން އެ ޕާޓީއަށް ފެންނަ މީހެކެވެ. ވެރިޔަކު ހޮވުން މަޖިލީހުގެ މެންބަރުންގެ އަތްމައްޗަށް ދޫކޮށްލަން ދިވެހިން ޖެހިލުންވާ އެއް ސަބަބަކީ ފާއިތުވި 27 އަހަރުގެ ހިތި ތަޖުރިބާއެވެ.

ބަރުލަމާނީ ނިޒާމެއްގައި ސަރުކާރު ހިންގާ ބާރާއި ރައްޔިތުންގެ މަޖިލިސް އޮންނަނީ އެކުވެފައެވެ. ވީމާ މަޖިލީހުގައި އަޣުލަބިއްޔަތު ލިބިފައި އޮންނަނީ ވެރިކަން ހިންގާ ޕާޓީއަށެވެ. މިއީ ވެރިކަން ހިންގާ ޕާޓީ ބޭނުން ގޮތަކަށް ކަންތައް ދީލާލުމަށް ލިބޭ ފުރުސަތެކެވެ. އިދިކޮޅު ޕާޓީ ވެސް މަޖިލީހުގައި އޮންނާނެއެވެ. އެމީހުން ވަޒީރުންނާއި ސުވާލު ވެސް ކުރާނެއެވެ. ނަމަވެސް އަޣުލަބިއްޔަތު ލިބިފައިވާ ބަޔަކަށް ކަންތައް ނިންމަން ފަސޭހަކަން ރާއްޖޭގެ ރައްޔިތުންގެ ހާއްސަ މަޖިލީހާއި ރައްޔިތުންގެ މަޖިލީހުން މިއަދު ވެސް ދަނީ ފެންނަމުންނެވެ. 29 މެންބަރުން އުނި ކުރާ ވާހަކަ ދައްކަން ޖެހެނީ މިހެން ވެގެންނެވެ.

ބަރުލަމާނީ ނިޒާމެއްގައި އަޣުލަބިއްޔަތު ލިބިފައިވާ ސަރުކާރަކަށް މަޖިލީހުގެ މައްޗަށް ނުފޫޒު ފޯރުވަން ފަސޭހަކަން ފަރަންސޭސި ފަލްސަފާވެރިޔާ މޮންޓެސްކޫ ސިފަކޮށްދީފައި ވަނީ "ޓިރަނީ އޮފް ދަ މެޖޯރިޓީ" ނުވަތަ "އަޣުލަބިއްޔަތު ލިބިފައިވާ މީހުންގެ ޚުދުމުޚުތާރު ވެރިކަން" މިގޮތަށެވެ. އަދި ލޯޑް ހެއިލްޝަމް ސިފަކޮށްދީފައިވަނީ "އިލެކްޓިވް ޑިކްޓޭޓަރޝިޕް" ނުވަތަ "އިންތިޚާބުކުރާ ޚުދުމުޚުތާރު ވެރިކަން" ކަމުގައެވެ.

ރިޔާސީ ނިޒާމަކީ ބަރުލަމާނީ ނިޒާމުގައި ވެރިކަމުގެ ތިންބާރު ވަކިނުވާތީ އޭގެ ބަލިފައިތައް ދިރާސާ ކުރުމަށްފަހު ހެދި ނިޒާމެކެވެ. ނަމަވެސް ރިޔާސީ ނިޒާމުގައި ވެސް މައްސަލަތައް އެބަ ހުއްޓެވެ. އެއީ ވެސް ފުރިހަމަ ނިޒާމެއް ނޫނެވެ. ދިވެހިން މިއަދު ނިންމަންވީ މި ދެނިޒާމުގެ ތެރެއިން ރާއްޖެއަށް އެންމެ ކަމުދާ ނިޒާމަކީ ކޮބައިތޯއެވެ.

މިގޮތުން ވެރިކަމުގެ ތިންބާރު ވަކިވެފައި އޮންނަ ނިޒާމެއް ޚިޔާރުކުރުމަކީ މުހިއްމު ކަމެކެވެ. ތިންބާރު ވަކިކުރާ ވާހަކަ އިސްލާހަށް މަސައްކަތްކުރާ މީހުންގެ މެދުގައި ދެކެވެނީ އަލަކަށް ނޫނެވެ. ތިންބާރު ވަކިކުރާ މައިދާނަކަށް އެއްވި އެއްވުންތައް ޖުމްހޫރީ މައިދާނުގައި 2004 ވަނަ އަހަރު އޮތް ބޮޑު އެއްވުމަކަށް ބަދަލުވިއެވެ. ތިންބާރު ވަކިކުރާ ބޮޑިބަތް އަދި ތިންބާރު ވަކިކުރާ ގަލަކީ ވެސް މަޝްހޫރު އެއްޗިއްސެވެ. ނަމަވެސް، މިއަދު ވާހަކައިގެ ރާގު ބަދަލުވަނީ އެވެ. ދެބާރު މަސްހުނި ކުރުމަށް ގޮވާލެވެނީއެވެ.

ވީމާ ގައުމު ބަދަލުތަކެއް ދެކެމުންދާ ދުވަސްވަރެއްގައި ދިވެހިން ނިންމަންވީ ހެވާއި ނުބައި ރަގަޅަށް ދިރާސާ ކުރުމަށެވެ. ބަޔަކު ބުނާހާ ކަމެއް ކުރުމާއި ބަޔަކު ކިޔާދޭހާ އެއްޗެއް ގަބޫލުކުރުމުގެ ނަތީޖާއަކަށް ވެފައި އޮތީ 27 އަހަރު ނިކަމެތިކަން މަތީ ތިބެން ޖެހުމެވެ. އާ ދުވަހެއް ފެންނާނީ ތިމާމެންގެ އަމިއްލަ ސިކުނޑިން ވިސްނަން ދަސްވެގެންނެވެ.

No comments: