Thursday, August 24, 2006

މައުމޫނު ވެސް ބޭނުންވަނީ ބަރުލަމާނީ ނިޒާމެއް؟

"އެކަމަކު، ދުނިޔޭގެ އެހެން ތަންތަނަށް ވިސްނާއިރު، ވަރަށް ގިނަ ތަންތާގައި އެދެބައި އޮވޭ ވަކިކޮށްފައި. ދައުލަތް ހިންގާ އެންމެ އިސް ވެރިޔަކީ ހެޑް އޮފް ސްޓޭޓް. އެއީ ރަސްކަލަކަށް ވިޔަސް ނުވަތަ ރައީސަކަށް ވިޔަސް، އެއީ ވަކި މަގާމެއް. ދެން އޭގެ ދަށުން ވަރަށް ގިނަ ތަންތާނގައި ބޮޑުވަޒީރަކު އެބަ ހުންނަވާ. އިނގިރޭސި ވިލާތުގައި އެހެން. ފަރަންސޭސި ވިލާތުގައި އެހެން. އިންޑިޔާގައި އެހެން. ޕާކިސްތާނުގައި އެހެން. ޝްރީލަންކާގައި އެހެން. ސިންގަޕޫރުގައި އެހެން. މެލޭޝިޔާގައި އެހެން. މިސުރުގައި ވެސް އެހެން. މިހެން ގޮސް، ބައްލަވާލެއްވި ކޮންމެ ދިމާއެއްގައި ހެން ވަރަށް ގިނައިން އޮންނަ ނިޒާމެއް މިއީ. އެހެންވީމާ، އަޅުގަނޑުގެ ހިތަށް އެރީ، ރާއްޖޭގައި އަނެއްކާވެސް ބޮޑުވަޒީރަކު ހުންނަވާ ގޮތަށް ހަމަޖެއްސުން ކިހިނެއް ވާނެބާއޭ. އެޚިޔާލަކީ، ކުރިން ދެންނެވި މަގުސަދު ހާސިލުވާ ޚިޔާލަކަށް ވާތީ، މި ޚިޔާލު ހުށަހަޅަން އަޅުގަނޑު ގަސްދުކުރަނީ.

"އާދެ، ދެން އުފެދިދާނެ އެއް ސުވާލަކީ، ބޮޑުވަޒީރަކު ހުންނަވަންޏާ، ބޮޑުވަޒީރު ހޮވާނީ، ޢައްޔަންކުރާނީ ކިހިނެއްތޯ، މި ސުވާލު. އެކަމާބެހޭގޮތުން އަޅުގަނޑު ޚިޔާލުކޮށްފައި މިއޮތީ، ބޮޑުވަޒީރު ޢައްޔަންކުރެވެން ވާނީ، އިޚުތިޔާރު ކުރެވެން ވާނީ، ރައްޔިތުންގެ މަޖިލީހުގެ މަޝްވަރާގެ މަތިން ކަމަށް. ރައްޔިތުންގެ މަޖިލީހުން ބޮޑުވަޒީރަކު ވަކިމުއްދަތަކަށް ބެހެއްޓުމުގެ މަޝްވަރާ، ރައީސުލްޖުމްހޫރިއްޔާއަށް ދެއްވީމާ، ރައީސުލްޖުމްހޫރިއްޔާގެ ގަރާރަކުން ބޮޑުވަޒީރަކު ޢައްޔަންކުރާނީ. އެކަމަކު އެކަމުގެ ބާރު ހުރި ފަރާތަކީ، ރައްޔިތުންގެ މަޖިލިސް. ރައްޔިތުންގެ މަޖިލީހުގެ އަޣުލަބިއްޔަތު ލިބޭ ބޭފުޅަކު، ބޮޑުވަޒީރަކަށް ހޮވޭނީ."
- މައުމޫން އަބްދުލްގައްޔޫމް، 9 ޖޫން 2004، އިސްލާމީ މަރުކަޒުގައި ދިން ތަގުރީރުން

މައުމޫނުގެ ތަގުރީރުން ވަރަށް ރަގަޅަށް އެގޭ ގޮތުގައި 9 ޖޫން 2004 ވަނަ ދުވަހުގެރޭ މައުމޫނު ހުށަހެޅި އިސްލާހީ އެޖެންޑާގައި ސަރުކާރު ހިންގުމުގެ އިސް ވެރިޔަކަށް ބޮޑުވަޒީރަކު ބެހެއްޓުމަކީ ވަރަށް އިސްކަން ދީފައިވާ ކަމެކެވެ. އެ ބޮޑުވަޒީރު ހޮވޭނީ ރައްޔިތުންގެ މަޖިލީހުގެ އަޣުލަބިއްޔަތުންނެވެ. ވީމާ އެފަދަ ނިޒާމަކީ ބަރުލަމާނީ ނިޒާމެކެވެ. ވީމާ މައުމޫނު ވެސް ހަގީގަތުގައި ބޭނުންވަނީ ބަރުލަމާނީ ނިޒާމެކެވެ.

މިއަދު ޑީއާރޕީ ގެ އެންމެ ފެކްޝަނެއް ފިޔަވައި ހުރިހާ ފެކްޝަނަކުން ވެސް ތާއީދުކުރާ ކަމަށް ވަނީ ބަރުލަމާނީ ނިޒާމަށެވެ. ވީމާ ބަރުލަމާނީ ނިޒާމަކީ ޑީއާރޕީ ގެ އަޣުލަބިއްޔަތު ވެސް ތާއީދުކުރާ ނިޒާމެވެ.

No comments: