Thursday, August 24, 2006

ރާއްޖޭގައި އޮންނަނީ ރިޔާސީ ނިޒާމެއް ނޫން

ރާއްޖޭގައި އޮންނަނީ ރިޔާސީ ނިޒާމެއް ކަމަށް ބައެއް މީހުން ހާމަކުރަމުން ގެންދިޔަ ނަމަވެސް އެއީ ހަގީގަތެއް ނޫނެވެ. ދިވެހިން ދުވަހަކު ވެސް ރިޔާސީ ނިޒާމެއް ތަޖުރިބާކޮށްފައެއް ނުވެއެވެ. ރިޔާސީ ނިޒާމެކޭ ކިޔަނީކީ ކޮންމެހެން ރައީސަކު ވެރިކަމުގައި ހުރީމައެއް ނޫނެވެ. ރިޔާސީ ނިޒާމަކަށް ވަނީ އަސާސީ ޝަރުތުތަކެއް ހަމަވެފައިވާ ވެރިކަމުގެ ނިޒާމެކެވެ. ރިޔާސީ ނިޒާމެއްގައި ވެރިކަމުގެ ތިންބާރު ވަކިވެފައި އޮންނަން ޖެހޭނެއެވެ. ރާއްޖޭގައި މިހާތަނަށް މިގޮތަށް ވެރިކަން ކޮށްފައި ނެތްކަން ތިޔަބޭފުޅުންނަށް ވެސް އެގިވަޑައިގަންނަވާނެއެވެ.

ބަރުލަމާނީ ނިޒާމަކީ ވެސް އަދި ރިޔާސީ ނިޒާމަކީ ވެސް ޑިމޮކްރަސީގެ ތެރޭ ހިމެނޭ ދެނިޒާމެވެ. ވީމާ ދުނިޔޭގައި ތިބި ޚުދުމުޚުތާރު ވެރިކަން ހިންގާ ގައުމުތަކުގެ ލިސްޓެއް ކިޔާފައި އެއީ ރިޔާސީ ނިޒާމު ހިންގާ ތަންތަން ކަމަކަށް ނުބުނެވޭނެއެވެ. އަދި ރާއްޖޭގައި މިހާރު ހުރި މައްސަލަތަކުގެ ލިސްޓެއް ކިޔާފައި އެއީ ރިޔާސީ ނިޒާމުގެ ސަބަބުން ވާކަމެއް ކަމަކަށް ވެސް ނުބުނެވޭނެއެވެ. އެފަދަ ގޮތަކަށް ބުނާނަމަ އެއީ ރައްޔިތުންނަށް ވެވޭ ޚިޔާނާތެކެވެ.

No comments: