Friday, August 25, 2006

ލީފްލެޓް ބެހީމާ ރުޅިގަދަ ވެއްޖެ

މިއަހަރު ތެރޭ ބޭއްވި ޑީއާރޕީ ކޮންގްރެސް ކަވަރ ކުރުމަށްޓަކައި މިނިވަން ނޫހުގެ ރިޕޯޓަރެއް ކަމަށްވާ ސަވާދު ދަރުބާރުގޭގެ ސަރަހައްދުގައި ހުއްޓާ، ސަރުކާރުން ފައިސާދީގެން ނެރެފައި ތިބޭ ގުންޑާއިންގެ ގްރޫޕެއް، ގަބޭ ލަތީފު ލީޑަރަކަށް ހުރެގެން، ސަވާދާއި ދިމާކޮށްލައި އޭނާ ދަރުބާރުގޭގެ ބަޔަކަށް ވައްދައި އޭނާއަށް ހަމަލާ ދިނެވެ.

ހަމަ މިފަދަ ހަޑިހުތުރު އަމަލެއް އެމްޑީޕީގެ މިހާރު ހިގަމުންދާ ހުރިހާ ގޮތަކުން ވެސް އާދަޔާ ޚިލާފު ކޮންގްރެސްގައި ހުކުރު ދުވަހު ހިގައިފިއެވެ. އިދިކީލިގެ ފަރާތުން ރިޔާސީ ނިޒާމަށް ތާއީދުކޮށް ލީފްލެޓްތަކެއް އެމްޑީޕީގެ ކޮންގްރެސްގެ ސެޝަނެއް ނިންމާފައި ނިކުތް މެންބަރުންތަކަކަށް ބަހަން ފެއްޓީ ހުކުރު ދުވަހު (25 އޯގަސްޓް) އިރުއޮއްސުނު ވަގުތުގައެވެ. ބައެއް މީހުން ހިނިތުންވުމާއެކު ލީފްލެޓު ބަލައިގަތް ނަމަވެސް، ލީފްލެޓު ބަހަން ތިބި ކުދިންނާއި އެމްޑީޕީގެ ކޮންގްރެސްގައި ބައިވެރިވާ މީހުންގެ ތެރެއިން ބަޔަކު ދިމާކޮށްލައި އެކުދިންގެ ގަޔަށް ބޮލަށް އަރައިނުގަތީ ކިރިޔާއެވެ.

"ކަލޭމެންނަކަށް ތި ލީފްލެޓެއް މިތާކު ނުބެހެވޭނެ. އެމްޑީޕީ އިން ވަނީ ބަރުލަމާނީ ނިޒާމަކަށް ތާއީދުކޮށްފައެއްނު؟" އެމީހުން ބުންޏެވެ. ލީފްލެޓު ބަހަމުން ދިޔައީ ޑީއާރޕީ މީހުން ކަމަށް ޝައްކުކުރުމުގެ އިތުރުން އެއީ އަދާލާތު މީހުން ކަމަށް ވެސް ޝައްކު ކުރިއެވެ. ހޫނުވެފައިވާ މަސްރަހު ތަޅާފޮޅުމަކަށް ބަދަލުވުމުގެ ކުރިން އެކަން ހުއްޓުވީ އެމްޑީޕީގެ އެކްޓިވިސްޓް ޒިޔާދު (ޒިޔައްޓޭ) އެތަނަށް ގޮސް އޭނާ ވަރަށް މަސައްކަތްކޮށްގެންނެވެ. ނަމަވެސް އެތަނުގައި އޮތް މި ބައިގަނޑު އެކުދިން އަތުގައި ބާކީ ހުރި ލީފްލެޓުތައް ވެސް އަތުލައިގަތީއެވެ. ޒިޔައްޓޭ އެ ލީފްލެޓުތައް އެކުދިންނަށް އަނބުރާ ދިނުމަށް އެދުނީމާ އެކަމެއް ވެސް އެއްވެފައިތިބި މީހުން ނުކުރިއެވެ.

މިކަމަކީ ގޮޅާފޯސް ގޮސް އެމްޑީޕީގެ ބޮޑިބަތް ތެލި ޖަހައިގަތުމާ ހަމަ އެއް ކަހަލަ އަމަލެކެވެ. އަދި މިއީ ސަލާމަތީ ބާރުތަކުން އެމްޑީޕީގެ ހަރުގެ ފުޑާލުން ފަދަ އަމަލެކެވެ. ތިމާމެން ޑިމޮކްރެސީ ގެންނަން މަސައްކަތްކުރާ އިރު، އެހެން މީހުންގެ ޚިޔާލުތަކަށް ވެސް ޖާގަ ދެވެން ވާނެއެވެ.

ކަންކަމަށް ޕްރެޝަރ ކުރުމަށާއި އަދި އެބައެއްގެ ޚިޔާލު ފެތުރުމަށް ލީފްލެޓް ބަހާ ހެދުމަކީ ދުނިޔޭގެ ތަހުޒީބުވެފައިވާ މުޖުތަމައު ތަކުގައި އާއްމުކޮށް ކޮށް އުޅޭ ކަމެކެވެ. މައުމޫނުގެ އަނިޔާވެރި ވެރިކަމާ މެދުގައި ދުނިޔޭގެ ހޭލުންތެރިކަން އިތުރު ކުރުމަށް ފްރެންޑްސް އޮފް މޯލްޑިވްސް އިން ވަނީ ލަންޑަންގެ ޓްރެވަލް ފެއަރ ތަކުގައި ލީފްލެޓް ބަހާފައެވެ. އަދި ހަމަ އެ ޖަމާއަތުން ވަނީ މައުމޫނު ޔޫރަޕަށް ކުރި ބައެއް ދަތުރު ތަކުގައި އޭނާގެ ކުރިމައްޗަށް ބެނާ ފަދަ ތަކެތި ހިފައިގެން ނިކުމެ އޭނާ ލަދުގަންނަވާލާފައެވެ.

ދިވެހިރާއްޖޭގައި ވެސް މިފަދަ ކަންތައް ހިގާނެ ކަން ސިޔާސީ ދާއިރާގައި ހަރަކާތްތެރިވާ މީހުން ވިސްނަން ޖެހޭނެއެވެ. ހާއްސަކޮށް ރައްޔިތުންނަށް އޮޅުވާލައި، ރައްޔިތުންގެ މެދުގައި ދޮގު މައުލޫމާތު ފަތުރާ މީހުން ވިސްނަންވީ، އެމީހުންގެ ދޮގުތައް ފަޅާއަރުވާލާނެ ބަޔަކު ވެސް ތިބޭނެ ކަމަށެވެ.

1 comment:

Anonymous said...

ޕްރޮޕެގެންޑާ؟