Thursday, August 24, 2006

ރިޔާސީ ނިޒާމެއްގައި ވެރިމީހާ ދުރުކުރުން އުދަގުލެއް ނޫން

ރިޔާސީ ނިޒާމެއްގައި ވެރިޔަކަށް އަންނަ މީހާ ވެރިކަމުން ދުރުކުރުމަކީ ވަރަށް އުނދަގޫ ކަމެއް ކަމަށް މީހުންނަށް ވިސްނައިދޭން ބަޔަކު މަސައްކަތް ކުރިޔަސް އެއީ ހަގީގަތެއް ނޫނެވެ. ރިޔާސީ ނިޒާމުގައި ވެރިކަމުގެ ތިންބާރު ވަކިވެފައި ވާތީ، ރައްޔިތުންގެ މަޖިލީހުގެ މިނިވަންކަން މާބޮޑެވެ. އަދި ރައްޔިތުންގެ މަޖިލީހުން ރައީސް އާއި ވަޒީރުންނާއި ސުވާލު ވެސް ކުރެއެވެ. އެމެރިކާގެ ރައީސް ރިޗަޑް ނިކްސަން ރައީސް ކަމުން ދުރުކުރީ ވެސް ރިޔާސީ ނިޒާމެއްގައެވެ. އަދި ބިލް ކްލިންޓަނާއި އެމެރިކާގެ ޤާނޫނު ހަދާ މަޖިލީހުން ސުވާލުކޮށް އޭނާ ވެރިކަމުން ދުރުކުރުމާއި ވަރަށް ކައިރިޔަށް ގެންދިޔައެވެ. ސީރިޔާ، ލީބިޔާ، އިރާގު ފަދަ ޚުދުމުޚުތާރު ވެރިކަން ހިންގި ތަންތަނުގެ ވާހަކަ ރިޔާސީ ނިޒާމާއި ގުޅުވައިގެން ދައްކަނީ ރިޔާސީ ނިޒާމު ރައްޔިތުންނަށް އޮޅުވާލުމަށެވެ.

ބަރުލަމާނީ ނިޒާމެއްގައި ވެސް ވެރިކަމުގެ މައްޗަށް ބޮޑުވަޒީރުގެ ނުފޫޒު ބޮޑުވެގެން އިންތިހާއަށް ބާރުގަދަވާ ފަހަރު އަންނަނީ ވަކި މަދެއް ކޮށް ނޫނެވެ. އިންޑިޔާގެ ވެރިކަން ކުރެއްވި ނެހެރޫ ޚާންދާނުގެ ބޮޑުވަޒީރުން ކަމަށްވާ ޖަވާހަރްލާލް ނެހެރޫ، އިންދިރާ ގާނދީ އަދި ރަޖީވް ގާނދީގެ ވެރިކަން އެތައް އަހަރެއްގެ ދިގު މުއްދަތަކަށް ދެމިގެންދިޔައެވެ. ޖަވާހަރްލާލް ނެހެރޫ 17 އަހަރު ބޮޑު ވަޒީރުކަން ކުރިއެވެ. އެއީ 15 އޯގަސްޓް 1947 ވަނަ ދުވަހުން ފެށިގެން 27 މޭ 1964 އަށެވެ. އެއީ ނެހެރޫ މަރުވި ދުވަހެވެ. ނެހެރޫގެ އަންހެން ދަރިފުޅު އިންދިރާ ގާނދީ 16 އަހަރު ބޮޑުވަޒީރުކަން ކުރިއެވެ. އެއީ 19 ޖެނުއަރީ 1966 އިން 24 މާރޗް 1977 އަށާއި، 14 ޖެނުއަރީ 1980 އިން ފެށިގެން އިންދިރާ ގާނދީ މަރާލި ދުވަސް ކަމަށްވާ 31 އޮކްޓޯބަރ 1984 އަށެވެ. އިންދިރާ ގާނދީގެ ވެރިކަމުގައި އެމަޖެންސީ ހިންގާފައި 19 މަސް ވަންދެން ވެރިކަން ކޮށްފައިވެއެވެ. އިންދިރާ ގާނދީގެ ފިރިހެން ދަރިފުޅު ރަޖީވް ގާނދީ ބޮޑުވަޒީރުކަން 5 އަހަރުކުރިއެވެ.

ބަރުލަމާނީ ނިޒާމެއްގައި ކަރަޕްޝަން ކުޑަކަމަށް ވިސްނައިދޭން އުޅުނަސް އެއީ ހަގީގަތެއް ނޫނެވެ. ބަރުލަމާނީ ނިޒާމެއްގައި ވެސް އަދި ރިޔާސީ ނިޒާމެއްގައި ވެސް ކަރަޕްޝަނަށް ފުރުޞަތު ލިބިދާނެއެވެ. އިޓަލީގެ ކުރީގެ ބޮޑުވަޒީރު ސިލްވިއޯ ބާލުސްކޯނީގެ މައްޗަށް މިހާރު ވަނީ ކަރަޕްޝަންގެ ތުހުމަތު ކުރެވިފައެވެ. ބަރުލަމާނީ ނިޒާމެއްގެ ދަށުން ހިންގާ ޖަޕާނުގެ ކިތަންމެ ސަރުކާރެއް ވެސް ކަރަޕްޝަނުގައި ހިމެނިފައި ވެއެވެ. ވީމާ ކަރަޕްޝަނަކީ ވަކި ނިޒާމެއްގެ ސަބަބުން ދިމާވާ ކަމެއް ކަމަށް ވިސްނައިދޭން އުޅުމަކީ ހަގީގަތް އޮޅުވާލުމެވެ.

No comments: