Friday, November 17, 2006

ޓެކްނޯކްރެޓުންގެ ހިޔަނި ކެބިނެޓަކާއި އެކު އެމްޑީޕީ ރިޔާސީ ނިޒާމަކާއި ކައިރިއަށް؟

މިނިވަން ނޫހުން ހަބަރުދޭ ގޮތުގައި އެމްޑީޕީގެ ނައިބު ރައީސް އިބްރާހީމް ހުސައިން ޒަކީ ޓެކްނޮކްރެޓުންގެ މައްޗަށް އެކުލެވޭ ހިޔަނި ކެބިނެޓެއް އެކުލަވާލައިފިއެވެ. އެމްޑީޕީގެ ކުރީގެ ކެބިނެޓުގައި ގިނައިން ތިބީ ޕާލަމެންޓު މެންބަރުން ކަމަށް ވިޔަސް މިފަހަރުގެ ކެބިނެޓުގައި ރައްޔިތުންގެ މަޖިލީހާއި ހާއްސަ މަޖިލީހުގެ މެންބަރުން ނުހިމަނައެވެ.

http://www.minivandaily.com/component/option,com_magazine/func,show_article/id,2233

ހިޔަނި ކެބިނެޓުގައި ޕާލަމެންޓުގެ މެންބަރުން ނުހިމެނި ސަބަބާއި މެދު ޒަކީ މިނިވަން ނިއުސް ވެބްސައިޓަށް ކިޔާދީފައި ވަނީ ކުރިޔަށް އޮތް ތިންމަސް ދުވަހަކީ ގާނޫނު އަސާސީ އިސްލާހު ކުރުމުގެ މަސައްކަތުގައި މަޖިލީހުގެ މެންބަރުން ވަރަށް ބުރަކޮށް އުޅެން ޖެހޭ ދުވަސްވަރަކަށް ވެފައި، މިހާރު މިއެކުލަވާލެވުނު ކެބިނެޓަކީ ވަގުތީ ކެބިނެޓަކަށް ވާތީ (އެމްޑީޕީގެ ލީޑަރޝިޕް އިންތިހާބުކުރުން މިއަހަރު ނިމޭއިރު އޮންނާތީ) މަޖިލީހުގެ މެންބަރުންނާއި ވެސް މަޝްވަރާކޮށްފައި މި ފިޔަވަޅު އެޅީ ކަމުގައެވެ.

http://www.minivannews.com/news/news.php?id=2633

ނަމަވެސް ދިރާސާކުރާ ފަރާތްތަކުން ދެކޭ ގޮތުގައި ނޮވެމްބަރ 10 ވަނަ ދުވަހު ބާއްވަން އުޅުނު މުޒާހަރާއަށް މަޖިލީހުގެ މެންބަރުންގެ ތެރެއިން އެމްޑީޕީއަށް ނިސްބަތްވާ މެންބަރުން ހިމެނޭ އެމްޑީޕީ ޕާލަމެންޓަރީ ގްރޫޕުން ތަރުހީބު ނުދިނުމާއި މި އާ ކެބިނެޓުގައި ޕާލަމެންޓު މެންބަރުން ނުހިމެނުމާއި ގުޅުން އެބައޮތެވެ.

ޒަކީ ވެސް ހާމަކޮށްފައިވަނީ ރައްޔިތުންގެ ހާއްސަ މަޖިލީހާއި ރައްޔިތުންގެ މަޖިލިސްގެ މަސައްކަތް ކުރަމުން އެ ދެމަޖިލީހުގެ މެންބަރުންނަށް ހިޔަނި ކެބިނެޓުގައި މަސައްކަތްކުރަން އުދަގޫވާނެ ކަމެވެ. ބަރުލަމާނީ ނިޒާމެއްގައި ސަރުކާރު ހިންގާނަމަ ކެބިނެޓުގައި ރައްޔިތުންގެ މަޖިލީހުގެ މެންބަރުން ތިބުމުން ވެސް ހަމަ އުދަގޫތައް މެދުވެރިވާނެއެވެ. ބާރުތައް ވަކި ނުވުމުގެ އިތުރަށް ދެ މަސައްކަތް ކުރުމަކީ ފަސޭހަ ކަމަކަށް ވެސް ނުވާނެއެވެ.

އެމްޑީޕީގެ ހިޔަނި ކެބިނެޓުގައި ކުރިން ހިމެނުނު ޕާލަމެންޓު މެންބަރުންގެ ތެރޭގައި ކަމަށް ގާބިލު ނޫން ގިނަ ބަޔަކު ހިމެނިފައި ތިބުމުން އެމްޑީޕީ ކުރިޔަށް ދިއުމަށް ދަތިތަކެއް މެދުވެރިވީކަން ފާހަގަކޮށްލަން ޖެހެއެވެ. އެދާއިރާ އަކުން ގާބިލު މީހުން ނުވަތަ ޓެކްނޯކްރެޓުން ކެބިނެޓަށް ލަނީ ރިޔާސީ ނިޒާމުގައެވެ. މިއާއި ހިލާފަށް ބަރުލަމާނީ ނިޒާމެއްގައި ކެބިނެޓަށް އަންނަނީ ޕާލަމެންޓުގައި އަގުލަބިއްޔަތު ލިބޭ ޕާޓީއަށް ނިސްބަތްވާ ޕާލަމެންޓު މެންބަރުންނެވެ. ރިޔާސީ ނިޒާމުގައި ކެބިނެޓަށް ގެންނަ ޓެކްނޯކްރެޓުންގެ ތެރޭ ވެރިކަން ކުރާ ޕާޓީ ނޫން ޕާޓީތަކުގެ މީހުންނާއި އަދި ވަކި ޕާޓީއަށް ނިސްބަތްނުވާ މީހުން ވެސް ހިމެނެއެވެ.

އެމްޑީޕީ އިން ބަރުލަމާނީ ނިޒާމަކަށް ތާއީދު ކުރުވުމަށް އެންމެ ބޮޑަށް ބާރުއެޅީ ޕާލަމެންޓަރީ ގްރޫޕްގައި މިހާރު ތިބި މެންބަރުންގެ ތެރެއިން ބައެއް މީހުންނެވެ. ނަމަވެސް ނޮވެމްބަރ 10 ވަނަ ދުވަހުގެ ހަރަކާތަށް ހުރަސް އަޅަން އުޅުމުން އެމީހުންގެ މަގުބޫލުކަން ވަނީ ދަށަށް ގޮސްފައެވެ. މިފަދަ ދަނޑިވަޅެއްގައި އެމްޑީޕީގެ ހިޔަނި ކެބިނެޓަށް ޓެކްނޯކްރެޓުން ގެނައުމަކީ ޕާޓީގެ ސިޔާސަތު ރިޔާސީ ނިޒާމަކާއި ދިމާލަށް ދިއުން ކަމަށް ވެސް ހީވެދާނެއެވެ. ނަމަވެސް އިދިކޮޅު ޕާޓީއިން ހިޔަނި ކެބިނެޓެއް އެކުލަވާލުމަކީ ބަރުލަމާނީ ނިޒާމުގެ ސިފައެކެވެ.

ބަރުލަމާނީ ނިޒާމެއްގެ ބަދަލުގައި ރިޔާސީ ނިޒާމެއް ތައާރަފުކޮށް ޓެކްނޯކްރެޓުން ކެބިނެޓަށް ގެނައުމަކީ ޕާކިސްތާނުގައި ވެސް މިހާރު ހިޔާލު ބަދަލުކުރެވެމުންދާ ކަމެކެވެ.

http://www.dailytimes.com.pk/default.asp?page=2006%5C04%5C19%5Cstory_19-4-2006_pg7_20

ރައްޔިތުންގެ މަޖިލީހަށް ފައިސާއާއި ނުފޫޒުގެ ބޭނުންކޮށްގެން މަހުޖަނުން ހޮވެމުންދާ ދުވަސްވަރެއްގައި ބަރުލަމާނީ ނިޒާމު ވެގެންދާނީ އެ މަހުޖަނުންނަށް ފަސޭހަކަމާއި އެކު ކެބިނެޓަށް އަންނަން ހުޅުވޭ ދޮރަކަށެވެ. ޑީއާރޕީ ގައި ތިބި މަހުޖަނުންނާއި އެމީހުންގެ ނުފޫޒުގެ ދަށުގައި އެމްޑީޕީގައި ތިބި މަޖިލިސް މެންބަރުން ބަރުލަމާނީ ނިޒާމަކަށް ތާއީދުކުރަނީ ސަބަބުތަކެއް ހުރުމުންނެވެ. އެފަދަ ގިނަ މަހުޖަނުންނަކީ މާ ގާބިލް ބައެއް ނޫނެވެ. ގައުމެއްގެ ސަރުކާރު ހިންގަން އެކަށީގެންވާ ބައެއް ނޫނެވެ. Read more

Sunday, November 12, 2006

މިނިވަން ނޫހުގެ އެތިކްސް ކޮބާ؟

މިނިވަން ނޫހުގެ 11 ނޮވެމްބަރ 2006 ވަނަ ދުވަހުގެ އަދަދުގެ 9 ވަނަ ސަފުހާގައި "ބަރުލަމާނީ ބޭފުޅުންގެ ފައިންޕުޅުތައް ފިނިވަނީ!" މި ސުރުހީގެ ދަށުގައި ލިޔެފައިވާ ލިޔުމުގައި ހިމެނެނީ މައިގަނޑު ގޮތެއްގައި މި ބްލޮގްގައި އެންމެ ފަހުން ކުރި ޕޯސްޓާއި އޭގެ ކުރީގައި "މައުމޫނާއި ވާހަކަ ދެއްކުމުގެ ބޭނުމަކީ ކޮބާ؟" މި ނަމުގައި ކޮށްފައިވާ ޕޯސްޓެވެ. މި ދެ ޕޯސްޓް އެއްކޮށްފައި އަދި އަމިއްލަ ޕެރެގްރާފެއް އިތުރުކޮށްފައި ލިޔެފައިވާ މީހެއްގެ ނަން ކަމަށް ބޭނުންކޮށްފައި ވަނީ ހިދިކީލި އެވެ. މި މަޒުމޫނުގައި އިދިކީލި ބްލޮގަށް އެއްވެސް ރިފަރެންސެއް ދީފައެއް ނުވެއެވެ. އަދި މައުމޫނާއި ވާހަކަ ދެއްކުމުގެ ބޭނުމަކީ ކޮބާ؟ މި ނަމުގައި އަހަރެމެން ޝާއިއުކުރި ޕޯސްޓަށް ވަނީ ބަދަލުތަކެއް ގެނެސްފައެވެ. "ނޮވެމްބަރ 7 ވީ އަންގާރަ ދުވަހުގެރޭ، މަގުމަތިން ފެނިގެން ދިޔައީ އެމްޑީޕީގެ ލީޑަރޝިޕްގައި ހިމެނޭ މީހުން މަގުމަތީ ނެތްތަނެވެ." މިގޮތަށް މި ދުވަސްވަރާއި ގުޅުވާލާފައެވެ. އަހަރެމެން އެ ޕޯސްޓް ޝާއިއުކޮށްފައިވާނީ އޯގަސްޓް މަހުގައެވެ.

މިނިވަން ނޫހުގެ މި އަމަލު އަހަރެމެން ކުށްވެރި ކުރަމެވެ. މަޒުމޫނުގައި ލިޔެފައިވާ ލިޔުންތައް ވަރަށް ރަގަޅެވެ. އެކަންކަމާއި މެދު ދެކޮޅެއް ނަހަދަމެވެ. ނަމަވެސް ރަގަޅު ވާހަކައެއް ވެސް ނުބައި ގޮތަކަށް ބުނެވިދާނެއެވެ. ނުބައިވާ ގޮތަކީ

1. އިދިކީލި ބްލޮގަށް ރިފަރެންސް ނުދީ ބްލޮގްގައިވާ ލިޔުންތަކެއް ޝާއިއުކުރުން
2. ލިޔުނު ފަރާތުގެ ނަމުގެ ގޮތުގައި ހިދިކީލި ބޭނުންކުރުން،
3. ބްލޮގްގައި ލިޔެފައިވާ ލިޔުންތަކަށް ބަދަލު ގެނެސް ބައެއް ޖުމްލަ މިނިވަން ނޫސް ބޭނުންވާ ކޮންޓެކްސްޓަށް ބަދަލުކުރުން
4. ލިޔުމުގެ ފަހަތަށް ޕެރެގްރާފެއް އަމިއްލައަށް އިތުރުކުރުން


މިލިޔުން މިނިވަން ނޫހުގެ ސައިޓުގައި ވެސް އެބަހުއްޓެވެ. http://www.minivandaily.com/component/option,com_magazine/func,show_article/id,2177/

މިކަމަކީ ނޫސްވެރިކަމުގެ މިނިވަންކަމަށް މަސައްކަތްކުރާ ނޫހަކުން ލަދުގަންނަން ޖެހޭ ވަރުގެ ކަމެކެވެ. ދިވެހިރާއްޖޭގެ ބްލޮގް ކޮމިއުނިޓީއަށް އަހަރެމެން އަންގަން ބޭނުންވަނީ މިނިވަން ނޫހުގައި ޝާއިއުކޮށްފައިވާ އެ ލިޔުމަކީ އިދިކީލި ބްލޮގް އެބިއުޒް ކުރުން ކަމެވެ. މީގެ ކުރީގައި ބޭނުންވި ކަންތައް ހާސިލުކުރުމަށް ތެދު ޑިސްޓޯޓް ކޮށްގެން ޝާއިއުކުރަމުން ގެންދިޔައިރު ޕާޓީގެ ތެރޭ ތިބި ދިއްގާ ފަނިތަކާއި ކަތުރުފަނިތަކެއް މިނިވަން ނޫހަކަށް ވެސް ނުފެނެއެވެ. މިހާރު ތެދު ހާމަކުރަން މަސައްކަތް ކުރާތީ ސާބަސް ދެމެވެ. ނަމަވެސް ރަގަޅު ރީތި އުސޫލުތަކުން އެކަން ކުރުމަށް ނަސޭހަތްތެރިވަމެވެ.

"Comment is free but facts are sacred."

http://www.guardian.co.uk/newsroom/story/0,11718,850815,00.html Read more

Wednesday, November 08, 2006

ބަރުލަމާނީ ބޭފުޅުންގެ ފައިކޮޅު ފިނިވަނީ!

އެމްޑީޕީގެ ނޮވެމްބަރ 10 ވަނަ ދުވަހުގެ މުޒާހަރާ ކައިރިވަމުން އަންނަ ވަރަކަށް ދައުލަތުގެ މީޑިއާ އިން އެކަމާއި ދެކޮޅަށް ޕްރޮޕެގެންޑާ ފެތުރުން ވެސް އިތުރުވަމުން އެބަދެއެވެ. މީގެ ތެރޭ ރައްޔިތުންގެ ހާއްސަ މަޖިލީހުގެ މެންބަރުންގެ ތެރެއިން އެމްޑީޕީ އަށް ނިސްބަތްވާ ބައެއް މެންބަރުން ވެސް މިފަދަ ބައެއް ޕްރޮޕެގެންޑާ ހަރަކާތްތަކުގައި ބައިވެރިވަމުން އެބަގެންދެއެވެ. އަދި މި މެންބަރުން ނޮވެމްބަރ 10 ހަރަކާތް ސިފަ ކުރަނީ ގައުމު އަނދަވަޅެއްގެ ތެރެއަށް ވައްޓާލުން ކަމުގައެވެ. ލޭއޮހޮރުވުމާއި މަސްލަހަތު ނަގާލުން ކަމުގައެވެ. އެންމެ ހެއްވާ ކަމަކީ ހަމަ އެ މެންބަރުން ވެސް ގައުމީ މަޖިލީހުގެ ޖަލްސާގައި ތިއްބަވައިގެން 10 ނޮވެމްބަރ ހަރަކާތް ހިންގުމަށް ފާސް ކުރި ގަރާރަށް ތާއީދު ކުރެއްވި ކަމެވެ. ދެން އޭގެ ފަހުގައި އެ ހަރަކާތް ތެރޭ ގާނޫނާއި ހިލާފު ކަމެއް ނުކުރުމަށް ގޮވާލާ، ރައްޔިތުންގެ ހާއްސަ މަޖިލީހަށް ނުފޫޒު ނުފޯރުވުމަށް ބުނެ ޕެޓިޝަނެއްގައި ސޮއި ކުރި ކަމެވެ. ރައްޔިތުންގެ ހާއްސަ މަޖިލިސް އެކުލަވާލިތާ ދެ އަހަރު ފާއިތު ވެއްޖެއެވެ. ކުރެއްވުނީ ކޮން ކަމެއްތޯއެވެ؟ އަދި 15 އަހަރު ބޭނުންފުޅީތޯއެވެ؟ މިފަދަ މެންބަރުންގެ ތެރޭ ގިނައީ ބަރުލަމާނީ ނިޒާމަކަށް އެމްޑީޕީގެ ވިސްނުން ދީލާލަން އެންމެ ގަދަޔަށް ފައިތިލަ ސާބިތުކުރައްވައިގެން ތިއްބެވި ބޭފުޅުންނެވެ. ޕާލަމެންޓަރީ ގްރޫޕްގެ މެންބަރުންތަކެއް މެއެވެ. އަހަރެމެން އަދިވެސް ބުނާނީ މައުމޫނު ވެސް، އަދި ޑީއާރޕީ އަށް ނިސްބަތްވާ މަޖިލިސް މެންބަރުންގެ ތެރެއިން ގިނަ މީހުން ވެސް، ބޭނުންވަނީ ބަރުލަމާނީ ނިޒާމެއް ކަމަށެވެ. ވީމާ މިހާރު މުއްސަދި މަހުޖަނެއްގެ ނުފޫޒު ހާއްސަ މަޖިލީހުގައި ހިމެނޭ އެމްޑީޕީ މެންބަރުންތަކަކަށް ފޯރާފައިވާ ކަމަށް ވާހަކަ ދެކެވޭ ދުވަސްވަރެއްގައި، ދެން އުފެދޭ ސުވާލަކީ އެ މެންބަރުން ބަރުލަމާނީ ނިޒާމަށް ތާއީދު ކުރެއްވީ، އެފަދަ ނުފޫޒުތަކުން އެއްކިބާ ވެފައިވާ ހާލުގައި ތޯއެވެ. Read more

Friday, October 06, 2006

Release of Anni

The release of Anni from house arrest is the most significant political event of recent months. The results are positive as can be seen from the steps MDP is taking forward. We do not mind talking with Gayoom as long as positive results come from such talks. However, lessons learned from past prove that Gayoom is not willing to negotiate unless he face immense pressure.

Read more

އަންނި ދޫކޮށްލީމާ

އަންނި ގޭބަންދުން ދޫކޮށްލުމަކީ ފަހަކަށް އައިސް ސިޔާސީ މަސްރަހުގައި ހިގި އެންމެ ރަގަޅު ކަމެވެ. އެކަމުގެ ހެޔޮ ނަތީޖާތައް މިހާރު ވެސް ފެންނަން ފަށައިފިއެވެ. އެމްޑީޕީގެ ހަރަކާތްތަކަށް ވެސް އިތުރު ހަލުވިކަމެއް އަތުވެއްޖެއެވެ. މައުމޫނާއި ވާހަކަ ދައްކައިގެން ވެސް ރަގަޅު ބަދަލެއް އަންނަ ކަމަށް ވަންޏާ ވާހަކަ ދައްކަންވީއެވެ. ނަމަވެސް މާޒީގެ ތަޖުރިބާއިން އެގެނީ މައުމޫނުގެ ސަރުކާރު ވާހަކަ ދައްކަން ފަށަނީ ވަރަށް ބޮޑު ޕްރެޝަރތަކެއް ކުރިމަތިވީމާ ކަމެވެ.

Read more

Wednesday, September 06, 2006

ހާއްސަ މަޖިލީހުގެ ކޯރަމް ހަމަ ނުވުމުގެ މައްސަލަ

ހާއްސަ މަޖިލީހުގެ ކޯރަމް ހަމަ ނުވުމުގެ މައްސަލައިގައި ކަންބޮޑުވެވަޑައިގެން އެ މަޖިލީހުގެ 31 މެންބަރުން ސޮއި ކުރައްވާފައިވާ ޕެޓިޝަނެއް މިމަހު 4 ވަނަ ދުވަހު މަޖިލީހުގެ ރައީސަށް ހުށަހެޅުނެވެ.

މި ހަބަރު އަޅުގަނޑުމެންނަށް ލިބުނީ މިނިވަން ނޫހުންނެވެ.

http://www.minivandaily.com/component/option,com_magazine/func,show_article/id,1650/

"ސިޓީގައި ބުނެފައިވަނީ، "މިހާރަކަށް އައިސް މަޖިލީހުގެ ޖަލްސާތަކުގެ ކަންކަން ހިނގަމުން ދާގޮތާމެދު ... ހިތްހަމައެއް ނުޖެހޭ،" ކަމަށެވެ. އަދި، "މަޖިލީހުގެ ޖަލްސާތަކަށް ހާޒިރުވެވަޑައިގަތުމުގައި ތަކުރާރުކޮށް ފަރުވާ ކުޑަކުރައްވާ މެންބަރުންތަކެއް ތިއްބެވިކަން މިފާހަގަ ކުރަނީ ހިތާމައާއި އެކުގައި،" ކަމަށެވެ.
"ވަޒީރުންގެ މަޖިލީހުގެ ގިނަ މެންބަރުންނާއި ރައީސުލްޖުމްހޫރިއްޔާ އައްޔަނު ކުރައްވާފައި ތިއްބަވާ ބައެއް މެންބަރުން މިކަމުގައި އިހުމާލުވެވަޑައިގަންނަވާކަން،" މިސިޓީގައި ފާހަގަކޮށްފައިވެއެވެ."

މި ހަބަރު މިނިވަން ނިއުސް ވެބްސައިޓުގައި ވެސް ޝާއިއު ކޮށްފައި ވެއެވެ.

http://www.minivannews.com/news/news.php?id=2404

މިހެން ވާން މިޖެހެނީ ހާއްސަ މަޖިލީހުގައި ރައްޔިތުންގެ އިންތިހާބެއް ނެތި އައްޔަން ކޮށްފައި ތިބޭ މެންބަރުންނާއި މިނިސްޓަރުން ގިނަ ކަމުންނެވެ. ވީމާ މިނިސްޓަރުން ގާނޫނު ހަދާ މަޖިލީހުގައި އަދި ގާނޫނު އަސާސީ އެކުލަވާލާ މަޖިލީހުގައި ތިބުމަކީ ކޮންފްލިކްޓް އޮފް އިންޓަރެސްޓް އުފެދޭ ކަމެއް ކަން ޔަގީންވީއެވެ. ބަރުލަމާނީ ނިޒާމެއްގައި މިނިސްޓަރުން ގާނޫނު ހަދާ މަޖިލީހުގައި ތިބޭނެއެވެ. އަދި އެމީހުން ނިސްބަތްވާ ސަރުކާރެއްގެ ފައިދާއަށް ކުރެވެން އޮތް ހުރިހާ ކަމެއް ކުރާނެއެވެ.

ވީމާ 29 މެންބަރުން އުނިކުރުމުގެ އިތުރަށް ދެން ރާއްޖެއަށް ގެންނަ ވެރިކަމުގެ ނިޒާމަކީ މިނިސްޓަރުން ރައްޔިތުންގެ މަޖިލީހުގައި ނުތިބޭ ނިޒާމަކަށް ހެދޭތޯ ބަލަމާ ހިގާށެވެ. Read more

Wednesday, August 30, 2006

މައުމޫނާއި ވާހަކަ ދެއްކުމުގެ ބޭނުމަކީ ކޮބާ؟

އެމްޑީޕީގެ ފަރާތުން މައުމޫނުގެ ސަރުކާރާއި ވާހަކަ ދެއްކުމުގެ ބޭނުމަކީ ބަންދުގައި ތިބި މީހުން ދޫކުރުވުން ކަމަށް ވާނަމަ ވާހަކަ ދެއްކުމުގެ މައްސަލައެއް ނެތެވެ. އިސްލާހީ ބަދަލު ގެނައުމަށް މައުމޫނު ލައްވާ ވަގުތުތަކެއް ކަނޑައެޅުވުން ކަމަށް ވާނަމަ ވެސް އޭގެ ގޯހެއް ނެތެވެ.

ނަމަވެސް ވާހަކަތައް ދަނީ ކޮން މިސްރާބަކަށް ކަން މިހާރު އޮޅިއްޖެއެވެ. ސިންގަޕޫރު ދަތުރެއް ނިންމާލާފައި މައުމޫނު އައިސް ފުރަތަމަ ވެސް އޯޑަރ އެދިނީ އައްޑޫގައި އުދުވާނެއް ހިންގުމަށެވެ. އޭގެ ފަހުގައި ރައްޔިތުން ރުޅި އައިސްގެން މަގުތަކާއި ތަންތަނަށް ނިކުތުމުން މައުމޫނުގެ ޗީފް ސްޕޯކްސްޕާސަން އެބުނަނީ އަންނިއަކަށް ވާހަކަ ތަކުގައި ބުނާ ކަންތަކެއް ފުރިހަމަކޮށް ނުދެވޭނެ ކަމަށެވެ. މިއީ އަންނި ދޫކޮށްނުލާން ދައްކާ އުޒުރެއް ނޫން ހެއްޔެވެ؟

މައުމޫނަށް އިތުރަށް ހަމަޖެހިލަން ވަގުތު ދިނުމަށް ކޮންމެހެން ވާހަކަ ދައްކާކަށް ނުޖެހެއެވެ. އަހަރެމެންގެ ގައުމަކީ މިނިވަން ގައުމެކެވެ. ނަމަވެސް ރައްޔިތުންނަކީ މިނިވަނުންނެއް ނޫނެވެ. ވީމާ ރައްޔިތުން މިނިވަންކަން ހޯދަން ކުރާ މަސައްކަތުގައި ކޮންމެހެން އިގިރޭސި ސަފީރު ބުނާހާ އެއްޗެއް ނެހެދޭނެއެވެ. މައުމޫނު ބޭނުންހާ ގޮތަކަށް ކަންތައް ދިގުދަންމަން ލިބޭ ފުރުސަތެއްގެ ގޮތުގައި ވާހަކަ ދެއްކުން ބޭއްވުމުގެ ބޭނުމެއް ނެތެވެ.

މާ ސިއްރިޔާތުގައި ވާހަކަ ދެއްކުން ބޭއްވީތީ މިހާރު ވެސް އެމްޑީޕީގެ ތެރޭ ވަނީ ހިތްހަމަނުޖެހުންތަކެއް އުފެދިފައެވެ. ވީމާ ނަތީޖާއެއް ނުފެންނަ ކަމަށް ވަންޏާ އެމްޑީޕީގެ ފަރާތުން ވާހަކަ ދެއްކުން ހުއްޓާލަންވީއެވެ. އަންގާރަ ދުވަހުގެރޭ މަގުމަތިން ފެނިގެން ދިޔައީ އެމްޑީޕީގެ ލީޑަރޝިޕްގައި ހިމެނޭ މީހުން މަގުމަތީ ނެތް ތަނެވެ. މިއީ ވާހަކަ ދެއްކުމުގެ ނަތީޖާ ކަމަށް ވަންޏާ، މިއީ އެމްޑީޕީއަށް ލިބޭ ވަރަށް ބޮޑު ސިޔާސީ ގެއްލުމެކެވެ. Read more

Monday, August 28, 2006

ހަގީގަތް އޮޅުވާލުމަކީ ގޯހެއް

އެމްޑީޕީގެ ޕާލަމެންޓަރީ ގްރޫޕުން މި އޯގަސްޓް މަހުގެ ކުރީކޮޅު އައްޑު އަތޮޅަށް ކުރި ދަތުރުގައި ބޭއްވި ބައްދަލުވުމެއްގައި ރައްޔިތުންގެ މަޖިލީހުގެ އިއްޒަތްތެރި މެންބަރަކު ހަގީގަތާއި ހިލާފު ވާހަކަފުޅެއް ވަނީ ދައްކަވާފައެވެ. މިކަމާއި ބެހޭ އިތުރު ތަފުސީލު އަޅުގަނޑުމެންނަށް ލިބުނީ މިނިވަން ނޫހުގެ ވެބްސައިޓުންނެވެ.

http://www.minivandaily.com/component/option,com_magazine/func,show_article/id,1387

"މިމަހު ތިނަވަނަ ދުވަހު އައްޑު އަތޮޅަށް ވަޑައިގެންނެވި އެމް ޑީ ޕީގެ ޕާލަމެންޓްރީ ގްރޫޕްގެ ބައެއް މެމްބަރުބް މިއަތޮޅުގެ ރަށްތަކުގައި ބާއްވަމުން ގެންދަވާ ސިލްސިލާ ބައްދަލުވުންތަކުގެ ތެރެއިން ބައްދަލުވުމެއް 4 އޮގަސްޓް ދުވަހުގެރޭ އެމް ޑީ ޕީގެ ހިތަދޫ ހަރުގޭގައި ބޭއްވިއްޖެއެވެ."

"ބައްދަލުވުމުގައި ތިންވަނަ އަށް ވާހަކަ ދެއްކެވި މަޖިލީހުގެ އައްޑު މެމްބަރު އިބްރާހިމް ޝަރީފުގެ ވާހަކައިގައި ދުނިޔޭގެ އެންމެ މުއްސަދި ، ކުރިއަރާފައިވާ 8 ޤައުމުގެ ތެރެއެއިން 7 ޤައުމާއި، ޢާންމުންގެ ޙައްޤުތައް ޙިމާޔަތް ކުރުމުގައި އެންމެ ކުރީގައިވާ 25 ޤައުމުގައިވެސް އޮންނަނީ ބަރުލަމާނީ ނިޒާމް ކަމަށާއި، ރިޔާސީ ނިޒާމް އޮންނަ ގިނަ ޤައުމުތަކަކީ އިޚްލާސްތެރި ކަމެއް ނެތް ވެރިންގެ ސަބަބުން ނިކަމެތިވެފައިވާ ދުނިޔޭގެ އެންމެ ފަޤީރު ޤައުމުތައް ކަމަށް ވިދާޅުވެ ، ފާޅުގައި ބަރުލަމާނީ ނިޒާމަށް ތާޢީދު ކުރެއްވިއެވެ. "

ޖީ8 ގެ ގައުމުތަކަކީ ކެނެޑާ، ފްރާންސް، ޖަރމަނީ، އިޓަލީ، ޖަޕާން، ރަޝިޔާ، ޔުނައިޓެޑް ކިންގްޑަމް، އަދި ޔުނައިޓެޑް ސްޓޭޓްސް އޮފް އެމެރިކާ އެވެ. މީގެ ތެރެއިން ބަރުލަމާނީ ނިޒާމު އޮންނަނީ ކެނެޑާ، ޖަރމަނީ، އިޓަލީ، ޖަޕާން އަދި ޔުނައިޓެޑް ކިންގްޑަމް ގައެވެ، އެއީ 5 ގައުމެވެ. ފްރާންސްގައި އޮންނަނީ ސެމީ ޕްރެޒިޑެންޝަލް ނިޒާމެކެވެ. ރަޝިޔާ އާއި އެމެރިކާގައި އޮންނަނީ ރިޔާސީ ނިޒާމެކެވެ.

މެންޗެސްޓަރ ގާޑިއަން އަށް 100 އަހަރު ފުރުމުގެ މުނާސަބަތުގައި އިގިރޭސި ނޫސްވެރިޔާ ޗާލްސް ޕްރެސްވިޗް ސްކޮޓް 1921 ވަނަ އަހަރު ލިޔުއްވި މަޝްހޫރު މަޒުމޫނުގައި ލިޔުއްވާފައި ވަނީ:
"Comment is free but facts are sacred."

http://www.guardian.co.uk/newsroom/story/0,11718,850815,00.html

ބަރުލަމާނީ ނިޒާމަށް ތާއީދު ހޯދުމަށްޓަކައި ދިވެހިރާއްޖޭގެ ބައެއް ނޫސްތަކުގައި ލިޔާ ލިޔުންތަކުގައި ވެސް ހަގީގަތާއި ހިލާފު ކިތަންމެ ވާހަކައެއް ލިޔެފައި ހުއްޓާ ފެނެއެވެ. އެފަދަ ނޫސްތަކުން ވެސް ސްކޮޓްގެ މަޒުމޫނު އެއީ ރަގަޅު ނޫސްވެރިކަމުގެ މިންގަނޑެއްގެ ގޮތުގައި ބެލުމަކީ ރަގަޅު ކަމަކަށް ވާނެއެވެ. Read more

Friday, August 25, 2006

ލީފްލެޓް ބެހީމާ ރުޅިގަދަ ވެއްޖެ

މިއަހަރު ތެރޭ ބޭއްވި ޑީއާރޕީ ކޮންގްރެސް ކަވަރ ކުރުމަށްޓަކައި މިނިވަން ނޫހުގެ ރިޕޯޓަރެއް ކަމަށްވާ ސަވާދު ދަރުބާރުގޭގެ ސަރަހައްދުގައި ހުއްޓާ، ސަރުކާރުން ފައިސާދީގެން ނެރެފައި ތިބޭ ގުންޑާއިންގެ ގްރޫޕެއް، ގަބޭ ލަތީފު ލީޑަރަކަށް ހުރެގެން، ސަވާދާއި ދިމާކޮށްލައި އޭނާ ދަރުބާރުގޭގެ ބަޔަކަށް ވައްދައި އޭނާއަށް ހަމަލާ ދިނެވެ.

ހަމަ މިފަދަ ހަޑިހުތުރު އަމަލެއް އެމްޑީޕީގެ މިހާރު ހިގަމުންދާ ހުރިހާ ގޮތަކުން ވެސް އާދަޔާ ޚިލާފު ކޮންގްރެސްގައި ހުކުރު ދުވަހު ހިގައިފިއެވެ. އިދިކީލިގެ ފަރާތުން ރިޔާސީ ނިޒާމަށް ތާއީދުކޮށް ލީފްލެޓްތަކެއް އެމްޑީޕީގެ ކޮންގްރެސްގެ ސެޝަނެއް ނިންމާފައި ނިކުތް މެންބަރުންތަކަކަށް ބަހަން ފެއްޓީ ހުކުރު ދުވަހު (25 އޯގަސްޓް) އިރުއޮއްސުނު ވަގުތުގައެވެ. ބައެއް މީހުން ހިނިތުންވުމާއެކު ލީފްލެޓު ބަލައިގަތް ނަމަވެސް، ލީފްލެޓު ބަހަން ތިބި ކުދިންނާއި އެމްޑީޕީގެ ކޮންގްރެސްގައި ބައިވެރިވާ މީހުންގެ ތެރެއިން ބަޔަކު ދިމާކޮށްލައި އެކުދިންގެ ގަޔަށް ބޮލަށް އަރައިނުގަތީ ކިރިޔާއެވެ.

"ކަލޭމެންނަކަށް ތި ލީފްލެޓެއް މިތާކު ނުބެހެވޭނެ. އެމްޑީޕީ އިން ވަނީ ބަރުލަމާނީ ނިޒާމަކަށް ތާއީދުކޮށްފައެއްނު؟" އެމީހުން ބުންޏެވެ. ލީފްލެޓު ބަހަމުން ދިޔައީ ޑީއާރޕީ މީހުން ކަމަށް ޝައްކުކުރުމުގެ އިތުރުން އެއީ އަދާލާތު މީހުން ކަމަށް ވެސް ޝައްކު ކުރިއެވެ. ހޫނުވެފައިވާ މަސްރަހު ތަޅާފޮޅުމަކަށް ބަދަލުވުމުގެ ކުރިން އެކަން ހުއްޓުވީ އެމްޑީޕީގެ އެކްޓިވިސްޓް ޒިޔާދު (ޒިޔައްޓޭ) އެތަނަށް ގޮސް އޭނާ ވަރަށް މަސައްކަތްކޮށްގެންނެވެ. ނަމަވެސް އެތަނުގައި އޮތް މި ބައިގަނޑު އެކުދިން އަތުގައި ބާކީ ހުރި ލީފްލެޓުތައް ވެސް އަތުލައިގަތީއެވެ. ޒިޔައްޓޭ އެ ލީފްލެޓުތައް އެކުދިންނަށް އަނބުރާ ދިނުމަށް އެދުނީމާ އެކަމެއް ވެސް އެއްވެފައިތިބި މީހުން ނުކުރިއެވެ.

މިކަމަކީ ގޮޅާފޯސް ގޮސް އެމްޑީޕީގެ ބޮޑިބަތް ތެލި ޖަހައިގަތުމާ ހަމަ އެއް ކަހަލަ އަމަލެކެވެ. އަދި މިއީ ސަލާމަތީ ބާރުތަކުން އެމްޑީޕީގެ ހަރުގެ ފުޑާލުން ފަދަ އަމަލެކެވެ. ތިމާމެން ޑިމޮކްރެސީ ގެންނަން މަސައްކަތްކުރާ އިރު، އެހެން މީހުންގެ ޚިޔާލުތަކަށް ވެސް ޖާގަ ދެވެން ވާނެއެވެ.

ކަންކަމަށް ޕްރެޝަރ ކުރުމަށާއި އަދި އެބައެއްގެ ޚިޔާލު ފެތުރުމަށް ލީފްލެޓް ބަހާ ހެދުމަކީ ދުނިޔޭގެ ތަހުޒީބުވެފައިވާ މުޖުތަމައު ތަކުގައި އާއްމުކޮށް ކޮށް އުޅޭ ކަމެކެވެ. މައުމޫނުގެ އަނިޔާވެރި ވެރިކަމާ މެދުގައި ދުނިޔޭގެ ހޭލުންތެރިކަން އިތުރު ކުރުމަށް ފްރެންޑްސް އޮފް މޯލްޑިވްސް އިން ވަނީ ލަންޑަންގެ ޓްރެވަލް ފެއަރ ތަކުގައި ލީފްލެޓް ބަހާފައެވެ. އަދި ހަމަ އެ ޖަމާއަތުން ވަނީ މައުމޫނު ޔޫރަޕަށް ކުރި ބައެއް ދަތުރު ތަކުގައި އޭނާގެ ކުރިމައްޗަށް ބެނާ ފަދަ ތަކެތި ހިފައިގެން ނިކުމެ އޭނާ ލަދުގަންނަވާލާފައެވެ.

ދިވެހިރާއްޖޭގައި ވެސް މިފަދަ ކަންތައް ހިގާނެ ކަން ސިޔާސީ ދާއިރާގައި ހަރަކާތްތެރިވާ މީހުން ވިސްނަން ޖެހޭނެއެވެ. ހާއްސަކޮށް ރައްޔިތުންނަށް އޮޅުވާލައި، ރައްޔިތުންގެ މެދުގައި ދޮގު މައުލޫމާތު ފަތުރާ މީހުން ވިސްނަންވީ، އެމީހުންގެ ދޮގުތައް ފަޅާއަރުވާލާނެ ބަޔަކު ވެސް ތިބޭނެ ކަމަށެވެ. Read more

Thursday, August 24, 2006

27 އަހަރުގެ ހިތި ތަޖުރިބާއިން އިބްރަތް ލިބިގަނެ ތިންބާރު ވަކިވެފައިވާ ރިޔާސީ ނިޒާމަކަށް ތާއީދު ކުރައްވާ!

19 ސެޕްޓެމްބަރ 2003 ވަނަ ދުވަހުގެ ރޭ މާފުށީ ޖަލުގައި ހަސަން އީވާން ނަސީމް އެންމެ 19 އަހަރުގައި މަރާލެވުނެވެ. އޭގެ ފަހު ދުވަހު އެކަމާ ދެކޮޅަށް ޖަލުގައި ތިބި މީހުން ނިކުތުމުން ޖަލު ބަލަހައްޓަން ތިބި ސިފައިން އެމީހުންނާއި ދިމާލަށް ބަޑި ޖެހުމުން މީހުން މަރުވެ، ޒަޚަމްވިއެވެ. މިއީ ދިވެހި ތާރީޚު ފަހަކަށް އައިސް ދުށް އެންމެ އަނދިރި ދުވަސްތައް ތެރޭ ހިމެނޭ ދެ ދުވަހެވެ. ޖަލުގައި އަނިޔާ ކުރުމަކީ މީހުން ހަދަހަދައިގެން ދައްކާ ވާހަކައެއް ނޫން ކަން އެތައް ދިވެހިންނަށް ޔަގީންވިއެވެ. އަދި އަނިޔާ އާއި ބޭއިންސާފާއި ދެކޮޅަށް މީހުން ތެދުވާން ފެށިއެވެ.

އީވާން މަރާލިތާ އެއް ހަފުތާ ވެސް ނުވަނީސް، ދިވެހިރާއްޖޭގެ ރައީސަކު އިންތިހާބު ކުރުމަށް، 25 ސެޕްޓެމްބަރ 2003 ވަނަ ދުވަހު، ރައްޔިތުންގެ މަޖިލީހުގައި ސިއްރު ވޯޓެއް ލިއެވެ. މަޖިލީހުގައި ތިބި ހުރިހާ މެންބަރުންގެ އިއްތިފާގުން އެ މަގާމަށް ހޮވީ އޭގެ ކުރީ ފަސް ދައުރުގައި ވެސް ރައީސުލްޖުމްހޫރިއްޔާ ކަމުގެ މަގާމުގައި ހުރި، އަދި އެހާތަނަށް 25 އަހަރު އެމަގާމު ފުރާފައިވާ މައުމޫނު އަބްދުލްގައްޔޫމެވެ. ދިވެހިރާއްޖޭގައި އަނިޔާވެރިކަން ދެމެހެއްޓުމަށް ރައްޔިތުންގެ މަޖިލީހުން ދިން ވޯޓެކެވެ.

ދިވެހި ވެރިކަމުގެ ނިޒާމުގައި ހުރި މައްސަލަތަކަށް ވިސްނާއިރު އެންމެ ފުރަތަމަ ވެސް ފާހަގަކޮށްލަން ޖެހޭ އެއް ކަމަކީ ވެރިކަމުގެ ތިންބާރު ވަކިވެފައި ނުވާ ކަމެވެ. އަދި ގާނޫނު ހަދާ ބާރު ނުވަތަ ރައްޔިތުންގެ މަޖިލީހުގެ މައްޗަށް ސަރުކާރު ހިންގާ ބާރުގެ ނުފޫޒު ވަނުމެވެ. ދިވެހި ރައްޔިތުންގެ މަޖިލީހަކީ ސަރުކާރު ހިންގާ ބާރު ގެންގުޅޭ ކުޅޭކުޅޭ އެއްޗެކެވެ. މިކަން މިގޮތަށް ގެންދެވޭ ގޮތަކީ މަޖިލީހުގައި ރައީސުލްޖުމްހޫރިއްޔާގެ 8 މެންބަރުން ތިބެއެވެ. އޭގެ އިތުރަށް ސަރުކާރުގެ ބާރާއި ނުފޫޒު ބޭނުންކޮށްގެން ގިނަ އަދަދެއްގެ މިނިސްޓަރުންނާއި އޮފީސްތަކުގެ ޑިރެކްޓަރުން ފެށިގެން މަތީ ވެރިން ވެސް މަޖިލީހުގެ ގޮނޑިތަކަށް އިންތިހާބު ކުރެއެވެ. ވީމާ މަޖިލީހުގައި ސަރުކާރު ބޭނުން ނުވާ ގޮތަކަށް ކަންތައް ނިންމަން އުނދަގޫވެއެވެ.

ރާއްޖޭގައި މިއޮތީ ބަރުލަމާނީ ނިޒާމާއި ވައްތަރު ނިޒާމެކެވެ. މިނިސްޓަރުން ރައްޔިތުންގެ މަޖިލީހުގައި ތިބެނީ ބަރުލަމާނީ ނިޒާމުގައެވެ. ވެރިކަން ހިންގުމުގެ އެންމެ އިސް މީހާ މަޖިލީހުން ހޮވަނީ ވެސް ބަރުލަމާނީ ނިޒާމުގައެވެ. ވޭތުވެދިޔަ 27 އަހަރުގައި ވެސް ރައީސަކު ހޮވަން ފުރަތަމަ ވޯޓު ނަގަނީ މަޖިލީހުގައެވެ. ދެން މަޖިލީހުން ހޮވާ މީހެއްގެ ނަން ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓަކަށް ގެންދަނީއެވެ. އެވޯޓުގައި ގިނަ ފަހަރަށް ރައްޔިތުންގެ ބާރެއް ނޯވެއެވެ. ކަތީބުން ތިބެނީ ވޯޓު ފޮށީގައި އަތްއަޅައިގެންނެވެ. ވޯޓު ކަރުދާހުގައި ޖަހަން ޖެހެނީ ކުޑަކާފެއް ނުވަތަ ބޮޑު ކާފެކެވެ.

ވެރިކަން ހިންގުމުގެ އިސް މީހާ ހޮވުން ސީދާ ރައްޔިތުންގެ އަތްމައްޗަށް ގެނެވޭނެ ނިޒާމެއް ޚިޔާރުކުރުމުގެ ފުރުޞަތު ދިވެހިންނަށް ދާދި އަވަހަށް ލިބިގެންދާނެ ކަމަށް އުއްމީދުކުރެވެއެވެ. އެފަދަ ނިޒާމަކީ ރިޔާސީ ނިޒާމެކެވެ. ރިޔާސީ ނިޒާމުގައި ރައީސަކު ހޮވާނީ ސީދާ ރައްޔިތުންގެ ވޯޓަކުންނެވެ. ނަމަވެސް ބަރުލަމާނީ ނިޒާމުގައި ބޮޑު ވަޒީރަކު ހޮވަނީ މަޖިލީހުގެ އެންމެ ގިނަ ގޮނޑި ލިބޭ ޕާޓީގެ ތެރެއިން އެ ޕާޓީއަށް ފެންނަ މީހެކެވެ. ވެރިޔަކު ހޮވުން މަޖިލީހުގެ މެންބަރުންގެ އަތްމައްޗަށް ދޫކޮށްލަން ދިވެހިން ޖެހިލުންވާ އެއް ސަބަބަކީ ފާއިތުވި 27 އަހަރުގެ ހިތި ތަޖުރިބާއެވެ.

ބަރުލަމާނީ ނިޒާމެއްގައި ސަރުކާރު ހިންގާ ބާރާއި ރައްޔިތުންގެ މަޖިލިސް އޮންނަނީ އެކުވެފައެވެ. ވީމާ މަޖިލީހުގައި އަޣުލަބިއްޔަތު ލިބިފައި އޮންނަނީ ވެރިކަން ހިންގާ ޕާޓީއަށެވެ. މިއީ ވެރިކަން ހިންގާ ޕާޓީ ބޭނުން ގޮތަކަށް ކަންތައް ދީލާލުމަށް ލިބޭ ފުރުސަތެކެވެ. އިދިކޮޅު ޕާޓީ ވެސް މަޖިލީހުގައި އޮންނާނެއެވެ. އެމީހުން ވަޒީރުންނާއި ސުވާލު ވެސް ކުރާނެއެވެ. ނަމަވެސް އަޣުލަބިއްޔަތު ލިބިފައިވާ ބަޔަކަށް ކަންތައް ނިންމަން ފަސޭހަކަން ރާއްޖޭގެ ރައްޔިތުންގެ ހާއްސަ މަޖިލީހާއި ރައްޔިތުންގެ މަޖިލީހުން މިއަދު ވެސް ދަނީ ފެންނަމުންނެވެ. 29 މެންބަރުން އުނި ކުރާ ވާހަކަ ދައްކަން ޖެހެނީ މިހެން ވެގެންނެވެ.

ބަރުލަމާނީ ނިޒާމެއްގައި އަޣުލަބިއްޔަތު ލިބިފައިވާ ސަރުކާރަކަށް މަޖިލީހުގެ މައްޗަށް ނުފޫޒު ފޯރުވަން ފަސޭހަކަން ފަރަންސޭސި ފަލްސަފާވެރިޔާ މޮންޓެސްކޫ ސިފަކޮށްދީފައި ވަނީ "ޓިރަނީ އޮފް ދަ މެޖޯރިޓީ" ނުވަތަ "އަޣުލަބިއްޔަތު ލިބިފައިވާ މީހުންގެ ޚުދުމުޚުތާރު ވެރިކަން" މިގޮތަށެވެ. އަދި ލޯޑް ހެއިލްޝަމް ސިފަކޮށްދީފައިވަނީ "އިލެކްޓިވް ޑިކްޓޭޓަރޝިޕް" ނުވަތަ "އިންތިޚާބުކުރާ ޚުދުމުޚުތާރު ވެރިކަން" ކަމުގައެވެ.

ރިޔާސީ ނިޒާމަކީ ބަރުލަމާނީ ނިޒާމުގައި ވެރިކަމުގެ ތިންބާރު ވަކިނުވާތީ އޭގެ ބަލިފައިތައް ދިރާސާ ކުރުމަށްފަހު ހެދި ނިޒާމެކެވެ. ނަމަވެސް ރިޔާސީ ނިޒާމުގައި ވެސް މައްސަލަތައް އެބަ ހުއްޓެވެ. އެއީ ވެސް ފުރިހަމަ ނިޒާމެއް ނޫނެވެ. ދިވެހިން މިއަދު ނިންމަންވީ މި ދެނިޒާމުގެ ތެރެއިން ރާއްޖެއަށް އެންމެ ކަމުދާ ނިޒާމަކީ ކޮބައިތޯއެވެ.

މިގޮތުން ވެރިކަމުގެ ތިންބާރު ވަކިވެފައި އޮންނަ ނިޒާމެއް ޚިޔާރުކުރުމަކީ މުހިއްމު ކަމެކެވެ. ތިންބާރު ވަކިކުރާ ވާހަކަ އިސްލާހަށް މަސައްކަތްކުރާ މީހުންގެ މެދުގައި ދެކެވެނީ އަލަކަށް ނޫނެވެ. ތިންބާރު ވަކިކުރާ މައިދާނަކަށް އެއްވި އެއްވުންތައް ޖުމްހޫރީ މައިދާނުގައި 2004 ވަނަ އަހަރު އޮތް ބޮޑު އެއްވުމަކަށް ބަދަލުވިއެވެ. ތިންބާރު ވަކިކުރާ ބޮޑިބަތް އަދި ތިންބާރު ވަކިކުރާ ގަލަކީ ވެސް މަޝްހޫރު އެއްޗިއްސެވެ. ނަމަވެސް، މިއަދު ވާހަކައިގެ ރާގު ބަދަލުވަނީ އެވެ. ދެބާރު މަސްހުނި ކުރުމަށް ގޮވާލެވެނީއެވެ.

ވީމާ ގައުމު ބަދަލުތަކެއް ދެކެމުންދާ ދުވަސްވަރެއްގައި ދިވެހިން ނިންމަންވީ ހެވާއި ނުބައި ރަގަޅަށް ދިރާސާ ކުރުމަށެވެ. ބަޔަކު ބުނާހާ ކަމެއް ކުރުމާއި ބަޔަކު ކިޔާދޭހާ އެއްޗެއް ގަބޫލުކުރުމުގެ ނަތީޖާއަކަށް ވެފައި އޮތީ 27 އަހަރު ނިކަމެތިކަން މަތީ ތިބެން ޖެހުމެވެ. އާ ދުވަހެއް ފެންނާނީ ތިމާމެންގެ އަމިއްލަ ސިކުނޑިން ވިސްނަން ދަސްވެގެންނެވެ. Read more

މައުމޫނު ވެސް ބޭނުންވަނީ ބަރުލަމާނީ ނިޒާމެއް؟

"އެކަމަކު، ދުނިޔޭގެ އެހެން ތަންތަނަށް ވިސްނާއިރު، ވަރަށް ގިނަ ތަންތާގައި އެދެބައި އޮވޭ ވަކިކޮށްފައި. ދައުލަތް ހިންގާ އެންމެ އިސް ވެރިޔަކީ ހެޑް އޮފް ސްޓޭޓް. އެއީ ރަސްކަލަކަށް ވިޔަސް ނުވަތަ ރައީސަކަށް ވިޔަސް، އެއީ ވަކި މަގާމެއް. ދެން އޭގެ ދަށުން ވަރަށް ގިނަ ތަންތާނގައި ބޮޑުވަޒީރަކު އެބަ ހުންނަވާ. އިނގިރޭސި ވިލާތުގައި އެހެން. ފަރަންސޭސި ވިލާތުގައި އެހެން. އިންޑިޔާގައި އެހެން. ޕާކިސްތާނުގައި އެހެން. ޝްރީލަންކާގައި އެހެން. ސިންގަޕޫރުގައި އެހެން. މެލޭޝިޔާގައި އެހެން. މިސުރުގައި ވެސް އެހެން. މިހެން ގޮސް، ބައްލަވާލެއްވި ކޮންމެ ދިމާއެއްގައި ހެން ވަރަށް ގިނައިން އޮންނަ ނިޒާމެއް މިއީ. އެހެންވީމާ، އަޅުގަނޑުގެ ހިތަށް އެރީ، ރާއްޖޭގައި އަނެއްކާވެސް ބޮޑުވަޒީރަކު ހުންނަވާ ގޮތަށް ހަމަޖެއްސުން ކިހިނެއް ވާނެބާއޭ. އެޚިޔާލަކީ، ކުރިން ދެންނެވި މަގުސަދު ހާސިލުވާ ޚިޔާލަކަށް ވާތީ، މި ޚިޔާލު ހުށަހަޅަން އަޅުގަނޑު ގަސްދުކުރަނީ.

"އާދެ، ދެން އުފެދިދާނެ އެއް ސުވާލަކީ، ބޮޑުވަޒީރަކު ހުންނަވަންޏާ، ބޮޑުވަޒީރު ހޮވާނީ، ޢައްޔަންކުރާނީ ކިހިނެއްތޯ، މި ސުވާލު. އެކަމާބެހޭގޮތުން އަޅުގަނޑު ޚިޔާލުކޮށްފައި މިއޮތީ، ބޮޑުވަޒީރު ޢައްޔަންކުރެވެން ވާނީ، އިޚުތިޔާރު ކުރެވެން ވާނީ، ރައްޔިތުންގެ މަޖިލީހުގެ މަޝްވަރާގެ މަތިން ކަމަށް. ރައްޔިތުންގެ މަޖިލީހުން ބޮޑުވަޒީރަކު ވަކިމުއްދަތަކަށް ބެހެއްޓުމުގެ މަޝްވަރާ، ރައީސުލްޖުމްހޫރިއްޔާއަށް ދެއްވީމާ، ރައީސުލްޖުމްހޫރިއްޔާގެ ގަރާރަކުން ބޮޑުވަޒީރަކު ޢައްޔަންކުރާނީ. އެކަމަކު އެކަމުގެ ބާރު ހުރި ފަރާތަކީ، ރައްޔިތުންގެ މަޖިލިސް. ރައްޔިތުންގެ މަޖިލީހުގެ އަޣުލަބިއްޔަތު ލިބޭ ބޭފުޅަކު، ބޮޑުވަޒީރަކަށް ހޮވޭނީ."
- މައުމޫން އަބްދުލްގައްޔޫމް، 9 ޖޫން 2004، އިސްލާމީ މަރުކަޒުގައި ދިން ތަގުރީރުން

މައުމޫނުގެ ތަގުރީރުން ވަރަށް ރަގަޅަށް އެގޭ ގޮތުގައި 9 ޖޫން 2004 ވަނަ ދުވަހުގެރޭ މައުމޫނު ހުށަހެޅި އިސްލާހީ އެޖެންޑާގައި ސަރުކާރު ހިންގުމުގެ އިސް ވެރިޔަކަށް ބޮޑުވަޒީރަކު ބެހެއްޓުމަކީ ވަރަށް އިސްކަން ދީފައިވާ ކަމެކެވެ. އެ ބޮޑުވަޒީރު ހޮވޭނީ ރައްޔިތުންގެ މަޖިލީހުގެ އަޣުލަބިއްޔަތުންނެވެ. ވީމާ އެފަދަ ނިޒާމަކީ ބަރުލަމާނީ ނިޒާމެކެވެ. ވީމާ މައުމޫނު ވެސް ހަގީގަތުގައި ބޭނުންވަނީ ބަރުލަމާނީ ނިޒާމެކެވެ.

މިއަދު ޑީއާރޕީ ގެ އެންމެ ފެކްޝަނެއް ފިޔަވައި ހުރިހާ ފެކްޝަނަކުން ވެސް ތާއީދުކުރާ ކަމަށް ވަނީ ބަރުލަމާނީ ނިޒާމަށެވެ. ވީމާ ބަރުލަމާނީ ނިޒާމަކީ ޑީއާރޕީ ގެ އަޣުލަބިއްޔަތު ވެސް ތާއީދުކުރާ ނިޒާމެވެ. Read more

ރިޔާސީ ނިޒާމެއްގައި ވެރިމީހާ ދުރުކުރުން އުދަގުލެއް ނޫން

ރިޔާސީ ނިޒާމެއްގައި ވެރިޔަކަށް އަންނަ މީހާ ވެރިކަމުން ދުރުކުރުމަކީ ވަރަށް އުނދަގޫ ކަމެއް ކަމަށް މީހުންނަށް ވިސްނައިދޭން ބަޔަކު މަސައްކަތް ކުރިޔަސް އެއީ ހަގީގަތެއް ނޫނެވެ. ރިޔާސީ ނިޒާމުގައި ވެރިކަމުގެ ތިންބާރު ވަކިވެފައި ވާތީ، ރައްޔިތުންގެ މަޖިލީހުގެ މިނިވަންކަން މާބޮޑެވެ. އަދި ރައްޔިތުންގެ މަޖިލީހުން ރައީސް އާއި ވަޒީރުންނާއި ސުވާލު ވެސް ކުރެއެވެ. އެމެރިކާގެ ރައީސް ރިޗަޑް ނިކްސަން ރައީސް ކަމުން ދުރުކުރީ ވެސް ރިޔާސީ ނިޒާމެއްގައެވެ. އަދި ބިލް ކްލިންޓަނާއި އެމެރިކާގެ ޤާނޫނު ހަދާ މަޖިލީހުން ސުވާލުކޮށް އޭނާ ވެރިކަމުން ދުރުކުރުމާއި ވަރަށް ކައިރިޔަށް ގެންދިޔައެވެ. ސީރިޔާ، ލީބިޔާ، އިރާގު ފަދަ ޚުދުމުޚުތާރު ވެރިކަން ހިންގި ތަންތަނުގެ ވާހަކަ ރިޔާސީ ނިޒާމާއި ގުޅުވައިގެން ދައްކަނީ ރިޔާސީ ނިޒާމު ރައްޔިތުންނަށް އޮޅުވާލުމަށެވެ.

ބަރުލަމާނީ ނިޒާމެއްގައި ވެސް ވެރިކަމުގެ މައްޗަށް ބޮޑުވަޒީރުގެ ނުފޫޒު ބޮޑުވެގެން އިންތިހާއަށް ބާރުގަދަވާ ފަހަރު އަންނަނީ ވަކި މަދެއް ކޮށް ނޫނެވެ. އިންޑިޔާގެ ވެރިކަން ކުރެއްވި ނެހެރޫ ޚާންދާނުގެ ބޮޑުވަޒީރުން ކަމަށްވާ ޖަވާހަރްލާލް ނެހެރޫ، އިންދިރާ ގާނދީ އަދި ރަޖީވް ގާނދީގެ ވެރިކަން އެތައް އަހަރެއްގެ ދިގު މުއްދަތަކަށް ދެމިގެންދިޔައެވެ. ޖަވާހަރްލާލް ނެހެރޫ 17 އަހަރު ބޮޑު ވަޒީރުކަން ކުރިއެވެ. އެއީ 15 އޯގަސްޓް 1947 ވަނަ ދުވަހުން ފެށިގެން 27 މޭ 1964 އަށެވެ. އެއީ ނެހެރޫ މަރުވި ދުވަހެވެ. ނެހެރޫގެ އަންހެން ދަރިފުޅު އިންދިރާ ގާނދީ 16 އަހަރު ބޮޑުވަޒީރުކަން ކުރިއެވެ. އެއީ 19 ޖެނުއަރީ 1966 އިން 24 މާރޗް 1977 އަށާއި، 14 ޖެނުއަރީ 1980 އިން ފެށިގެން އިންދިރާ ގާނދީ މަރާލި ދުވަސް ކަމަށްވާ 31 އޮކްޓޯބަރ 1984 އަށެވެ. އިންދިރާ ގާނދީގެ ވެރިކަމުގައި އެމަޖެންސީ ހިންގާފައި 19 މަސް ވަންދެން ވެރިކަން ކޮށްފައިވެއެވެ. އިންދިރާ ގާނދީގެ ފިރިހެން ދަރިފުޅު ރަޖީވް ގާނދީ ބޮޑުވަޒީރުކަން 5 އަހަރުކުރިއެވެ.

ބަރުލަމާނީ ނިޒާމެއްގައި ކަރަޕްޝަން ކުޑަކަމަށް ވިސްނައިދޭން އުޅުނަސް އެއީ ހަގީގަތެއް ނޫނެވެ. ބަރުލަމާނީ ނިޒާމެއްގައި ވެސް އަދި ރިޔާސީ ނިޒާމެއްގައި ވެސް ކަރަޕްޝަނަށް ފުރުޞަތު ލިބިދާނެއެވެ. އިޓަލީގެ ކުރީގެ ބޮޑުވަޒީރު ސިލްވިއޯ ބާލުސްކޯނީގެ މައްޗަށް މިހާރު ވަނީ ކަރަޕްޝަންގެ ތުހުމަތު ކުރެވިފައެވެ. ބަރުލަމާނީ ނިޒާމެއްގެ ދަށުން ހިންގާ ޖަޕާނުގެ ކިތަންމެ ސަރުކާރެއް ވެސް ކަރަޕްޝަނުގައި ހިމެނިފައި ވެއެވެ. ވީމާ ކަރަޕްޝަނަކީ ވަކި ނިޒާމެއްގެ ސަބަބުން ދިމާވާ ކަމެއް ކަމަށް ވިސްނައިދޭން އުޅުމަކީ ހަގީގަތް އޮޅުވާލުމެވެ. Read more

ރާއްޖޭގައި އޮންނަނީ ރިޔާސީ ނިޒާމެއް ނޫން

ރާއްޖޭގައި އޮންނަނީ ރިޔާސީ ނިޒާމެއް ކަމަށް ބައެއް މީހުން ހާމަކުރަމުން ގެންދިޔަ ނަމަވެސް އެއީ ހަގީގަތެއް ނޫނެވެ. ދިވެހިން ދުވަހަކު ވެސް ރިޔާސީ ނިޒާމެއް ތަޖުރިބާކޮށްފައެއް ނުވެއެވެ. ރިޔާސީ ނިޒާމެކޭ ކިޔަނީކީ ކޮންމެހެން ރައީސަކު ވެރިކަމުގައި ހުރީމައެއް ނޫނެވެ. ރިޔާސީ ނިޒާމަކަށް ވަނީ އަސާސީ ޝަރުތުތަކެއް ހަމަވެފައިވާ ވެރިކަމުގެ ނިޒާމެކެވެ. ރިޔާސީ ނިޒާމެއްގައި ވެރިކަމުގެ ތިންބާރު ވަކިވެފައި އޮންނަން ޖެހޭނެއެވެ. ރާއްޖޭގައި މިހާތަނަށް މިގޮތަށް ވެރިކަން ކޮށްފައި ނެތްކަން ތިޔަބޭފުޅުންނަށް ވެސް އެގިވަޑައިގަންނަވާނެއެވެ.

ބަރުލަމާނީ ނިޒާމަކީ ވެސް އަދި ރިޔާސީ ނިޒާމަކީ ވެސް ޑިމޮކްރަސީގެ ތެރޭ ހިމެނޭ ދެނިޒާމެވެ. ވީމާ ދުނިޔޭގައި ތިބި ޚުދުމުޚުތާރު ވެރިކަން ހިންގާ ގައުމުތަކުގެ ލިސްޓެއް ކިޔާފައި އެއީ ރިޔާސީ ނިޒާމު ހިންގާ ތަންތަން ކަމަކަށް ނުބުނެވޭނެއެވެ. އަދި ރާއްޖޭގައި މިހާރު ހުރި މައްސަލަތަކުގެ ލިސްޓެއް ކިޔާފައި އެއީ ރިޔާސީ ނިޒާމުގެ ސަބަބުން ވާކަމެއް ކަމަކަށް ވެސް ނުބުނެވޭނެއެވެ. އެފަދަ ގޮތަކަށް ބުނާނަމަ އެއީ ރައްޔިތުންނަށް ވެވޭ ޚިޔާނާތެކެވެ. Read more

މަސްވެރިންނަށް މަސް ކިރޭނެ ނިޒާމަކީ ބަރުލަމާނީ ނިޒާމު ކަމަށް ހާމަކުރައްވައިފި

މަސްވެރިންނަށް މަސްކިރޭނެ ނިޒާމަކީ ބަރުލަމާނީ ނިޒާމު ކަމަށް ރައްޔިތުންގެ މަޖިލީހުގެ އިއްޒަތްތެރި މެންބަރަކު ހާމަކުރައްވައިފިއެވެ. އޭނާ މިހެން ވިދާޅުވީ މިހާރު ހިގަމުންދާ އެމްޑީޕީގެ ވަރަށް ވެސް އާދަޔާ ޚިލާފު ކޮންގްރެސްގައި ބަރުލަމާނީ ނިޒާމަށް ތާއީދު ހޯއްދެވުމަށް މަސައްކަތް ކުރެއްވުމުގެ ގޮތުންނެވެ. ރާއްޖޭގެ އެކި އަތޮޅުތަކަށް މިއަދު ދިމާވެފައިވާ އެންމެ ބޮޑު އެއް ދަތިކަމަކީ މަސް ބޭނުންވާ މިންވަރަށް ނުކިރުން ކަމަށްވާތީ، ބަރުލަމާނީ ނިޒާމުން އެކަން ޙައްލުވާނަމަ، އަތޮޅުތަކުން ކޮންގްރެސް އަށް ވަޑައިގެންނެވި ބޭފުޅުންގެ ތާއީދު ލިބޭނެތީވެ އެހެން ވިދާޅުވީއެވެ. ނަމަވެސް ބަރުލަމާނީ ނިޒާމަކުން މަސް ކިރުވައި ދެވިފައި، ރިޔާސީ ނިޒާމަކުން މަސް ނުކިރޭނެ ގޮތެއް އަދި އަޅުގަނޑުމެންނަކަށް ނުވިސްނެއެވެ. އެމެރިކާގެ އައްސޭރިފަށުގައި ދިރިއުޅޭ މަސްވެރިން ވެސް މިވާހަކަ އަށް ސަމާލުކަން ދޭނެކަން ޔަގީނެވެ. އަދި މިފްކޯއަށް ބަރުލަމާނީ ނިޒާމެއް ގެނައުމަށް ވެސް އެ ކުންފުނިން ވިސްނާނެކަން ޔަގީނެވެ. Read more

ބޭނުމީ ޝަމްސުއްދީނާއި އިއްޒުއްދީން ހޭ ނުވަތަ ދެ ފަރީދާއި އިސްލާމްދީން ހޭ؟

ދިވެހި ވެރިކަމުގެ ތެރޭ އަރާރުން ބޮޑުވެގެން ދިޔަ ދުވަސްވަރެކެވެ. އެއްފަރާތުގައި ތިއްބެވީ ރަދުން މުހައްމަދު ޝަމްސުއްދީނާއި އޭނާގެ ދަރިފުޅު ޕްރިންސް ހަސަން އިއްޒުއްދީނެވެ. އަނެއްފަރާތުގައި ނުފޫޒުގަދަ އަބްދުލްމަޖީދު ރަންނަބަނޑޭރި ކިލެގެފާނުގެ އާއިލާ އެވެ. ދެ ފަރީދެވެ. އެތައް ޑްރާމާ އެއް ފެނިގެން ދިޔަ ދުވަސްވަރެކެވެ. މޮޓަރުބޯޓު ގަޑުބަޑު ފަދަ އެތައް ކަމެކެވެ. އެންމެ ފަހުން ރައްޔިތުންގެ ކުރިމައްޗަށް ގެނައި ސުވާލަކީ ބޭނުމީ ޝަމްސުއްދީނާއި އިއްޒުއްދީން ހޭ ނުވަތަ ބޭނުމީ ދެ ފަރީދާއި އިސްލާމް ދީން ހޭ އެވެ. އިސްލާމް ދީން ދެކެ ލޯބިވާ ދިވެހިން ޚިޔާރުކުރީ ދެ ފަރީދެވެ. މިއަދު ވެސް ތަކުރާރު ވަމުން ދަނީ އެފަދަ ޑްރާމާ އެކެވެ. މިއަދުގެ ސުވާލަކީ ބޭނުމީ ގޮޅާބޯ ހޭ ނުވަތަ ބޭނުމީ ބަރުލަމާނީ ނިޒާމެއް ހޭ އެވެ. ގޮޅާބޯ ބޭނުން ނުވާނަމަ ދެން އޮތް ގޮތަކީ ބަރުލަމާނީ ނިޒާމެއް ޚިޔާރުކުރުން ކަމަށް ރައްޔިތުންނަށް ވިސްނައިދޭން އުޅެނީއެވެ. މިފަދަ ޑްރާމާއަކަށް ދިވެހިން ހެއްލޭނަމަ އޭގެ މާނައަކީ އަދިވެސް ދިވެހިންގެ ވިސްނުން ހުރީ 1930 ގެ އަހަރު ތަކުގައި ހުރި ފެންވަރުގައި ކަމަށެވެ. Read more

Wednesday, August 23, 2006

ފިކުރުން އެނެރެނު ހީލަތް

"ބުންބާ ފަށައިގަތީ
ހުންމުރިތި އައިބައަކުރީ
ރުންފިކު އެލަތް ނެރުނުހީ
ލުންއަތިބެ މައިނުގައިސީ
ކުންމިލަވަރަށް ބުނަމެމަށަކަ
ތުންނަށަ ފާޅު ކުރުމަށަކަ"

"ބާބުން ފަށައިގަތީ
މުރިހުން އައި ރީތި ބައަކު
ފިކުރުން އެނެރެނު ހީލަތް
އަލުން މައިސީ ނަގައި ތިބެ
މިލަކުން ކަމަށަ ވަރަށް ބުނަމެ
ކަތުންނަށަ ފާޅު ކުރުމަށަ"

ނައިބު ތުއްތު، ދަގަނޑު ދަހަނާ
ރައިވަރު އަދި މާނަ ނަގާފައިވަނީ ބޮޑު ފެންވަޅުގޭ ސީދީ ގެ ކަންޒުލްއަދަބު ފޮތުން Read more